އެތުލެޓިކްސް

ސާއިދުގެ ރަން މެޑަލް، ޤައުމަށް ދިން ހަދިޔާއެއް


ރާއްޖޭގެ އެންމެ ހަލުވި ދުވުންތެރިޔާ ހަސަން ސާއިދު ރާއްޖޭގެ ތާރީހުގައި ގޭމްސްއަކުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިފިއެވެ. ރީޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހަސަން ސާއިދު ރަން މެޑަލް ހޯދީ 100 މީޓަރ ދުވުމުގެ ފައިނަލް ހީޓް 10.51 ސިކުންތުން ނިންމައިގެންނެވެ. މިއިވެންޓުން ދެވަނަ އަދި ތިންވަނަވެސް ހޯދީ މޮރިޝަސްގެ ދެދުވުންތެރިންނެވެ. ހީޓުން އެއްވަނަ ހޯދުމަށްފަހު ސާއިދުވަނީ ޝުކުރުގެ ސަޖިދައެއް ޖަހާފައެވެ. ފައިނަލް އިވެންޓަށްފަހު ސާއިދު ބުނީ މިއީ އޭނާގެ ފަރާތުން މުޅި ޤައުމަށް ދިން ހަދިޔާ އެއް ކަމަށެވެ. "މިއީ މިނިވަން ފަންސާހުގެ މުނާސަބަތުގައި އަޅުގަނޑުގެ ފަރާތުން މުޅިޤައުމަށް ދޭ ހަދިޔާއެއް. މިކަމުގައި އެހީތެރިވެދިން ހުރިހާ އެންމެން ހާއްސަކޮށް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ މަރުޒޫޤަށް ޝުކުރު އަދާކުރަން" ހަސަން ސާއިދު ބުންޏެވެ. ހަސަން ސާއިދު ފައިނަލް ހީޓުން ޖާގަ ހޯދީވެސް އެއްވަނަ އެތްލީޓުގެ ގޮތުގައެވެ. ސާއިދަކީ މިވަގުތު އޭޝިއާގެ ގަދަ ދިހަ ދުވުންތެރިންގެ ތެރޭގައިވެސް ހިމެނޭ އެތްލީތެކެވެ. ޖެމެއިކާގައި ފާއިތުވީ ހަތަރު އަހަރު ތަމްރީން ހެދުމަށް ފުރުސަތުދިން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ މަރުޒޫޤް ވިދާޅުވީ ހަސަން ސާއިދަކީ ދިވެހި އެތްލީޓުންނަށް ނަމޫނާއެއް ކަމަށެވެ. " ދިވެހި ޒުވާނުންގެ ކިބައިގައި ހުނަރު އެބަހުރި، ފުރުސަތު ދިނުމުން އޭގެ ނަތީޖާ މިފެންނަނީ" މަރުޒޫޤު ވިދާޅުވިއެވެ. ހަސަން ސާއިދުގެ މިކާމިޔާބަކީ ރާއްޖެއަށް ގޭމްސްއަކުން އަދި އެތްލެޓިކްސްގެ ހަޔާތުގައި ލިބުނު ފުރަތަމަ މެޑެއްޔެވެ. މިއަދު ކުރިއަށްދިޔަ ދިހަ ހާސް މީޓަރ ދުވުމުން ރާއްޖޭގެ ޝަމްހާ އަހުމަދު ވަނީ ލޯ މެޑެލް ހޯދާފައެވެ. " ރާއްޖެއަށް މިފަދަ ކާމިޔާބީ އެއް ހޯދަދެވުމުން ވަރަށް އުފާވެއްޖެ" ޝަމްހާ ބުންޏެވެ. ޝަމްހާ އަކީ ދިގު ދުވުމުގައި ރާއްޖޭގެ އެއްވަނައެވެ.