ވިޔަފާރި

މި ރަމަޟާންމަހު ތޮއްޑޫން 500 ޓަނުގެ ކަރާ ބޭރުކުރެވޭނެ - ކައުންސިލް


ރަމަޟާންމަހަކީ ދިވެހިންގެ ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ރަމަޟާންމަހު ދިވެހިންގެ ކެއުމާއި އެންމެ ބޮޑަށް ގުޅިފައިވާ އެކައްޗަކީ ތޮއްޑޫ ކަރައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަސް ކުރިމަތިލުމުގެ މާކުރިން ތޮއްޑޫން ދަނޑު ހެއްދުމުގެ މަސައްކަތް ފަށައެވެ. ޚާއްސަކޮށް ކަރާ ހެއްދުމުގެ މަސައްކަތް ކުރެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ، މިއީ ފާއިތުވެދިޔަ 5 އަހަރުވެސް ތޮއްޑޫއަށް އެންމެ ރަނގަޅަށް ދަނޑުވެރިކަން ކުރެވުނު އަހަރުކަމަށެވެ. އެގޮތުން މި ރަމަޟާންމަހު ތޮއްޑޫން 500 ޓަނުގެ ކަރާ ބޭރުކުރެވޭނެކަމަށް ނިއުޝާ ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ރައްރަށުން ތޮއްޑޫއަށް ކަރާ ބަލާ އަންނަކަމަށާއި، އިއްޔެ އެކަނިވެސް 30 ޓަނުގެ ކަރާ ރައްރަށަށް ފޮނުވާފައިވާކަމަށެވެ.

ނިއުޝާ ވިދާޅުވީ، ރަމަޟާންމަހުގެ ފުރަތަމަ 2 ދުވަހެއްތެރޭ މާލޭ ބާޒާރުން ތޮއްޑޫ ކަރާ ލިބޭނެކަމަށް ނުބެލެވޭކަމަށެވެ. ސަބަބަކީ މާލެއަށް ކަރާ ފޮނުވުމުގެ ހުއްދަ އަދި ލިބިފައިވަނީ ވަކި ވަކި ވިޔަފާރިތަކަށްވާތީކަމަށެވެ. އެންމެ ފަހުން މާލެއަށް ކަރާ ފޮނުވީ މީގެ 2 ދުވަސް ކުރިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫ ދަނޑުވެރިންނަށް މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ގަނޑުކޮށް މާލެއަށް ތަކެތި ނުފޮނުވުމެވެ. ނިއުޝާ ވިދާޅުވީ ސަރުކާރާއި ވާހަކަދައްކައިގެން ގަނޑުކޮށް ތަކެތި މާލެއަށް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންއަންނަކަމަށެވެ. ވަރަށް އަވަހަށް މިކަން ހަމަޖެހިގެންދާނެކަމަށް ޤަބޫލުކުރާކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ. އޭގެފަހުން އެއްވެސް ދަތިކަމެއްނެތި ކަރާއާއި އެހެންތަކެތި މާލެ ފޮނުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫއަކީ ދަނޑުވެރިކަމުގައި ރާއްޖޭގައި މަޝްހޫރު ރަށެކެވެ. ކަރާގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ތޮއްޑޫން އަންނަނީ ހައްދަމުންނެވެ. އޭގެތެރޭގައި ފަޅޯ، ބަރަބޯ، ކިޔުކަންބާ، ތޮރާ، ލެޓިއުސްފަދަ ބާވަތްތައް ހިމެނެއެވެ.