ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެންފެށި ޗައިނާގެ ވުހާން ސިޓީގައި ދިރިއުޅޭ އުމުރުން 52 އަހަރުގެ ހޭ ޝިމިންއަކީ ތަރުކާރީގެ ވިޔަފާރިކުރާ މީހެކެވެ. އޭނާއަށް ކޯވިޑް-19 ޖެހުނީ ކިހިނެތްކަމެއް އަދި ކޮންތަނަކުންކަމެއް އޭނާއަކަށް ނޭނގެއެވެ. އެތައް ފަހަރަކު ހެދި ނިއުކްލިއަލް އެސިޑް ތަހުލީލުތަކުން ދެއްކީ އޭނާގެ ހަށިގަނޑުގައި ކޮރޯނާވައިރަހުގެ އަސަރެއް ނެތްކަމަށެވެ.
ފެބްރުއަރީ މަހުން ފެށިގެން މެއަށް އުނދަގޫތަކެއްވެ ނޭވާލުމަށް ދަތިވިނަމަވެސް ޑޮކްޓަރުންވެސް ބުނަމުންދިޔައީ އޭނާއަކީ ކޯވިޑް-19އަށް ފަރުވާ ހޯދަންޖެހޭ މީހެއް ނޫންކަމަށެވެ. އޭނާގެ ޙާލަތާމެދު ކަންބޮޑުވުންތަކެއް ހުރުމުން ޞިއްޙީ ފަރާތްތަކުން ނިންމީ އޭނާ ކަރަންޓީނު މަރުކަޒެއްގައި ބެހެއްޓުމަށެވެ.
ތިން ތަހުލީލަކުން އޭނާގެ ހަށިގަނޑުގައި ބަލީގެ އަސަރެއް ނެތްކަމަށް ދެއްކުމުން ހޭ ޝިމިން ތަހުލީލުގެ ނަތީޖާތަކާމެދު ސުވާލެއް ނުކުރެއެވެ. އޭނާގެ އަންހެނުންގެ ކިބައިންވެސް ބަލީގެ އެއްވެސް ޢަލާމާތެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ހިތުގައި އިތުރު ޝައްކުތަކެއް އުފެދި، މައްސަލައެއް އުޅޭކަމަށް އިޙްސާސްވުމުން މާރިޗު މަހުގެ ފަހުކޮޅު ވުހާންގެ ހަސްފަތާލަކަށްގޮސް ހޭ ޝިމިން އަނެއްކާވެސް ތަހުލީލުތަކެއް ހެދިއެވެ. އޭގެ ތެރޭގައި ކޮރޯނާވައިރަހުގެ އަސަރުކުރުމަށްފަހު ރަނގަޅުވުމުން ހަށިގަނޑުގައި އުފެދޭ މާއްދާއެއް ހުރިތޯ ބެލުމަށް އެންޓިބޮޑީ ތަހުލީލެއްވެސް ހެދިއެވެ. މިފަހަރު ނަތީޖާ އައީ މުޅިން ތަފާތުކޮށެވެ. އޭނާގެ ހަށިގަނޑަށް ކޮރޯނާވައިރަހުގެ އަސަރުކޮށްފައިވާކަމަށް ނަތީޖާތަކުން ދެއްކިއެވެ.
"ނަތީޖާ އެގޮތަށް އަންނާނެކަމަކަށް އަހަރެން އެއްގޮތަކަށްވެސް ހިއެއް ނުކުރަން،" އޭނާ ހެދި ތަހުލީލުތަކުގެ ނަތީޖާ ރޮއިޓާސްއަށް ދައްކާލަމުން ބުންޏެވެ. ތަހުލީލުން ދައްކަނީ ހޭގެ ހަށިގަނޑަށް ކޮރޯނާވައިރަހުގެ އަސަރުކުރުމުން އުފެދޭ އެންޓިބޮޑީ ހުރިކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު އެނގުނުނަމަވެސް ބަލިވީ ކޯވިޑް-19ގެ ސަބަބުންކަން އެނގުމުން އޭނާ ހިތްހަމަޖެހިއްޖެކަމަށް ހޭ ބުންޏެވެ. "އަހަރެން ހީކުރީ ދެން މި މަރުވަނީއޭ. އަހަންނަށް ވީގޮތް އެއްވެސް މީހަކަށް އިޙުސާސެއް ނުކުރެވޭނެ،" ހޭ ކިޔައިދިނެވެ.
އެއީ ހަމައެކަނި އޭނާއަށް ދިމާވިގޮތެއް ނޫނެވެ. އެފަދަ ކަންކަން ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ސަރަޙައްދުތަކުންވެސްވަނީ ފެނިފައެވެ. އޭގެ ސަބަބުން ކޮރޯނާވައިރަހަށް ކުރާ ތަހުލީލުތަކުގެ ނަތީޖާގެ ޞައްޚަކަމާމެދުވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް ޞިއްޙީ އިދާރާތަކުން އަދިވެސް ބުނަނީ ގިނަ ތަހުލީލުކުރުމަކީ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅުކަމަށެވެ.
ތަހުލީލުތަކުގެ ނަތީޖާ އެކިފަހަރު އެކި ގޮތަށް ދައްކާނަމަ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ހުރަހަކަށްވާނެއެވެ. އަދި ބަލިމަޑުކަން ފެތުރުނަނުދިނުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާއަވަހަށް ދޫދެވޭ ސަބަބަކަށްވެސް ވެގެން ހިނގައިދާނެއެވެ. އެހެންވެއްޖެނަމަ އާޚިރު ނަތީޖާ ވަރަށް ގޯސްވާނެއެވެ.
ކޮރޯނާވައިރަހުގެ ޒަރީއާއިން ޖެހޭ ކޯވިޑް-19 ބަލިމަޑުކަމުގެ އަސަރު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ 2.6 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ކޮށްފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 184،000އަށް އިތުރުވެފައެވެ. ވުހާންގައި އެކަނިވެސް 50،333 މީހުންނަށްވަނީ ބަލިމަޑުކަމުގެ އަސަރުކޮށްފައެވެ. އަދި 3،869 މީހުންވަނީ މަރުވެފައެވެ. ޗައިނާގައި ބަލިމަޑުކަމުގެ އަސަރުކުރި މީހުންގެ ބޮޑު ނިސްބަތަކީ ވުހާންގައި އުޅޭ މީހުންނެވެ.
ހަށިގަނޑަށް ކޮރޯނާވައިރަހުގެ އަސަރުކޮށްފައިވޭތޯ ބެލުމަށް ކުރާ ތަހުލީލުގައި ކަރު ބުޑުން ނުވަތަ ނޭވާލާ ހޮޅުތެރެއިން ސާންޕަލެއް ނަަގައެވެ. އެއީ އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން ސާންޕަލު ނެގުމުގައި ބައެއްފަހަރު ގޯސް ހެދެއެވެ. ބައެއް ފަހަރު ކުޑަ ސާންޕަލެއް ނެގެއެވެ. އަނެއްބައި ފަހަރު ކޮރޯނާވައިރަހުގެ އަސަރުކޮށްފައިނުވާ ދިމާލަކުން ސާންޕަލެއް ނެގެއެވެ. އެހެންކަމުން މީހާގެ ހަށިގަނޑުގައި ބަލިމަޑުކަމުގެ އަސަރުހުރިނަމަވެސް މައްސަލައެއްނެތްކަމަށް ތަހުލީލުގެ ނަތީޖާއިން ބައެއް ފަހަރު ދައްކައެވެ.
ކޮރޯނާވައިރަހުގެ ޒަރީއާއިން ޖެހޭ ބަލިތަކާބެހޭ މާހިރެއްކަމަށްވާ ޔުނިވަސިޓީ އޮފް ބާތުގެ ލެކްޗަރަރ އެންޑްރޫ ޕްރެސްޓަން ވިދާޅުވީ ތަހުލީކުރުމަށް ބޭނުންކުރާ ކިޓުތަކުގެ މައްސަލަތައް ޤަބޫލުކޮށް، ބަލި މީހެއްގެ ގައިން ކޮރޯނާވައިރަސް ފޮހެވިފައިވާކަން ޔަޤީންކުރުމަށް އެތައް ފަހަރެއްގެ މަތިން ތަހުލީލުކުރުން މުހިންމު ކަމަށެވެ. އަދި ބަލި ނެތްކަން ބައެއްފަހަރު ނަތީޖާ ދެއްކިނަމަވެސް ބައެއް ފަހަރު ހަށިގަނޑުގައި ބަލިމަޑުކަމުގެ އަސަރު ނުފިލާ ހުންނަކަން ޤަބޫލުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ކޮރޯނާވައިރަހަށް ތަހުލީލުކުރަން ބޭނުންކުރާ ނިިއުކްލިއެކް އެސިޑް ޓެސްޓުން ބަލީގެ އަސަރު ހަށިގަނޑުގައި ހުއްޓާ ބަލި ނެތްކަމަށް ދައްކަނީ ކީއްވެކަމެއް ހޯދިފައެއް ނުވެއެވެ. ފެބްރުއަރީ މަހު ޗައިނާގެ ޑޮކްޓަރުންގެ ވަފުދެއްވަނީ 213 މީހެއްގެ ސާންޕަލު ދިރާސާކޮށްފައެވެ. އެމީހުންގެ ހޯދުންތަކުން އިނގުނުގޮތުގައި ބަލީގެ އަސަރުކޮށްފައިވާ މީހުންގެ ނަތީޖާގެ 30 އިންސައްތަ ދައްކާފައިވަނީ އެމީހުންގެ ހަށިގަނޑުގައި ބަލި ނެތްކަމަށެވެ.
އެތައް ފަހަރަކު ތަހުލީލުކުރުމުންވެސް ބަލީގެ އަސަރުކޮށްފައިވާކަމަށް ނުދައްކާ ހުރެފައި، ފަހުން ބަލިޖެހިފައިވާކަން އެނގޭ މީހުންގެ ވާހަކަތައް ނޫސްތަކުންވެސްދަނީ ޝާޢިރުކުރަމުންނެވެ. ޗައިނާގެ ރަސްމީ ނޫހެއްކަމަށްވާ ޕީޕާލްސް ޑެއިލީގައި މިދިޔަ ފެބްރުއަރީ މަހުވަނީ ނިއުމޮނިއާ ޖެހުނު އަންހެނަކު ކޯވިޑް-19އަށް 4 ފަހަރު ތަހުލީލުކުރުމުންވެސް ބަލީގެ އަސަރެއް ނެތްކަމަށް ދައްކާ، 5ވަނަ ތަހުލީލުން ބަލިހުރިކަން ޔަޤީންކުރެވުނު ވާހަކަ ޝާއިރުކޮށްފައެވެ.
ވުހާން ސިޓީގައި މިހާރުދަނީ ކޮރޯނާވައިރަހުގެ އަސަރުކޮށް ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ މާއްދާ ހުރިތޯ ގިނަ ޢަދަދެއްގެ މީހުން ތަހުލީލުކުރަމުންނެވެ. އަދި ބަލިޖެހި އޭގެ އެއްވެސް ޢަލާމާތެއް ނުފެންނަ މީހުން ތިބީ ކިހާވަރަކަށްތޯ ބެލުމަށާއި ޢާންމުންގެ ހަށިގަނޑު ބަލިޖައްސާ ކޮރޯޏާވައިރަހަށް ހޭނިފައިވާ މިންވަރު ހޯދުމަށް ޗައިނާގެ 9 ސަރަޙައްދެއްގައިދަނީ ދިރާސާތައް ކުރަމުންނެވެ.