ޚަބަރު

ގޭގައި ތިއްބަސް ރަމަޟާންމަހު، އަޅުކަމުގައި ވަގުތު ހޭދަކުރެވޭނެ


މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު ދިރިއުޅެން ޖެހިފައިމިވަނީ އާދަޔާ ޚިލާފު ޙާލަތެއްގައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އެންމެން މިވަނީ ފުރަބަންދުގައެވެ. އަޅުކަމާއި ދިރިއުޅުމުގެ ކަންކަންވެސް ކުރަންޖެހިފައި މިވަނީ ގޭތެރޭގައެވެ.

ރަމަޟާންމަހަކީ ތިމާގެ ނަފްސް ޠާހިރުކޮށް އުޅުން އިސްލާޙުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހުރެވެސް މިމާތް މައްސަރަށް އަޅުގަނޑުމެން އިންތިޒާރުކުރީ އުންމީދާއެކުއެވެ. ޙާލަތު ނިޔާކުރީ އަޅުގަނޑުމެން އުންމީދުކުރި ގޮތަކަށް ނޫނެވެ.

ރަމަޟާންމަހުގެ އުފާވެރިން ޙިއްސާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ސަޤާފީގޮތުން އަޅުގަނޑުމެން ކުރަމުންއަންނަ އެތައްކަމެއްވެސް މިފަހަރު ނުކުރެވުނެވެ. ލޯބިވާ މީހުން އެއްވެ ބާއްވަމުންދިޔަ މާހެފުމުގެ ފޯރިއެއް މިފަހަރު ނެތެވެ.

އެހެންނަމަވެސް ރޯދަމަހުގެ ދަރުމަޔާއި ސަވާބު ޙާޟިލްކުރުމުގެ ފުރުސަރު އަޅުގަނޑުމެންނަށް އެބައޮތެވެ. ޢާއިލީ ގުޅުން ވަރުގަދަކޮށް، އެކުވެރިންނާއިއެކު، އެއް ސުފުރާއެއްގައި ރޯދަ ވީއްލަން ދިޔުމާއި، އެކުގައި ޖަމާޢަތުގައި އެންމެންނަށް ތަރާވީޚްނަމާދާއި ދަމުނަމާދުތައް ނުކުރެވުނަސް ކުރެވޭނެ ކަންކަން އެބަހުއްޓެވެ.

ގޭގައި ގޭބިސީތަކުގެ ގުޅުން ވަރުގަދަކުރުމަށް މިއީ އަގުހުރި ފުރުސަތެކެވެ. ޓެކްނޮލަޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އެހެން ގޭގޭގައިތިބި ޢާއިލީ މީހުންނާއި އެކުވެރިންނާ ގުޅުން ބަދަހިކުރެވިދާނެއެވެ. ގޭގައި ކީރިތި ޤުއާން ކިޔެވުމައި ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައް ބަރާބަރަށް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިސްކިތްތަކަށް ނުދެވުނަސް، ގޭގައި ތަރާވީޙް ނަމާދުވެސް ކުރެވޭނެއެވެ. މިދަނޑިވަޅުގައި ގޭގައި ތިބެގެން ހެޔޮޢަމުލުތައް ގިނަކޮށް ޒިކުރު ކުރުން ގިނަކުރެވިދާނެއެވެ. އޮންލައިން ދަރުސްތައް އަޑުއަހައި ދީނީ މަޢުލޫމާތު މުއްސަނދިކުރެވިދާނެއެވެ.

ކޯވިޑް-19އާ ގުޅިގެން އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައިމިވާ ހިތާމަވެރި ޙާލަތުން ސަލާމަތްކުރެއްވުން އެދި ދުޢާކުރުމަކީ ވަރަށް މުހިންމުކަމެކެވެ.