ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ކޯވިޑް-19ގެ ބަލިޖެހި ރަނގަޅުވެފައިވާ މީހުން އަންނަނީ އެމީހުންގެ ޝުޢޫރުފާޅުކޮށް މިބަލީގެ ނުރައްކާ އޮތް މިންވަރާއި ރައްކާތެރިވުމަށް އިލްތިމާސްކޮށް މިފަދަ ނުރައްކާތެރިބައްޔަކާއި ދެކޮޅަށް ޢާއްމުނަށް ޚިދުމަތްކުރުމުގައި ކުރީސަފުގައި ޙަރަކަތްތެރިވާ މީހުންގެ އަގުވަޒަންކުރަމުންނެވެ.
އެގޮތުން އިގިރޭސިވިލާތުގައި މިބަލި ޖެހުނު ޢުމުރުން ސާޅީސް ނުވަ އަހަރުގެ އެލިޒަބެތު ވަނީ އޭނާ މިބަލީގައި ކުރި ތަޖުރިބާ ބީބީސީއާއި ހިއްސާކޮށްފައެވެ.
އެލިޒަބެތު ބުނީ އޭނާއަށް އެންމެ ފުރަތަމަވެސް ވަރުބަލިކަން އިހުސާސްވާންފެށި ކަމަށެވެ. އަދި އޭގެ ފަހުން ފައިގައި ރިއްސުން ބޮޑުވުމުގެ ސަބަބުން ގޭގައި އޭނާ ވަނީ ޕެރަސެޓަމޯލް ކައިފައެވެ. ކޮންމެވެސް ވަރެއްގެ ކެއްސުމެއް ހުރިނަމަވެސް ޢާއްމުކޮށް މީހުންނަށް ބަލީގެ ޢަލާމާތެއްހެން ހީވާ ގޮތަށް އަބަދު ނުކެއްސާކަން އެލިޒަބެތު ފާހަގަކުރިއެވެ. އެލިޒަބެތުގެ ޙާލު ގޯސްވީ އޭގެ ހަފްތާއެއްހައި ދުވަސް ފަހުންނެވެ. ހުންގަދަވެ ހޮޑުލެވުމާއިއެކު އެއްވެސް އެއްޗެއް ނުކެވޭއިރު ނެވާލާން އުނދަގޫވާންފެށިކަމަށް އެލިޒަބެތު ކިޔައިދިނެވެ. އޭނާއަކީ ނޭވާހިއްލާ މީހެއްނަމަވެސް އެލިޒަބެތު ހީކުރީ މިބައްޔާ ދެކޮޅަށް އޭނާއަށް ގޭގައި ފަރުވާކުރެވިދާނެ ކަމަށެވެ. އަދި ހެޔަށް ގޮތްވާ ހިސާބަށް ހުންގަދަވެ ޙާލުގޯސްވުމާއެކު އެލިޒަބެތުގެ 15 އަހަރުގެ ފިރިހެން ދަރިފުޅު ވަނީ އިގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސަރވިސްގެ އެހީއަށް އެދިފައެވެ. އެއާއެކު ހޮސްޕިޓަލަށް ގެންގޮސް އެނދުމަތިކުރެވި އެލިޒބެތްގެ ފަރުވާފެށުނެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމެއްގެ ސިއްޙީ ފަރުވާދޭ ބޮޑު ހޮސްޕިޓަލެއްގެ ބޭރުގައި އޭނާ ގެނައި އެމްބިއުލަންސް ފަދައިން އެހެން ބަލި މީހުން ގޮވައިގެން އައި އެމްބިއުލާންސްތަކުގެ ކިޔު އޮތްކަމަށާއި އޭނައަށް ހޮސްޕިޓަލުގެ ތެރެއަށް ވަދެވުނީ 3 ގަޑިއިރެއްހާއިރު ފަހުންކަން އޭނާ ފާހަގަކޮށްފައި ވެއެވެ.
އޭނާ ހޮސްޕިޓަލަށް ގެންދެވުމާއެކު ކޯވިޑް ނަވާރައަށް ޓެސްޓުކުރުމަށް ކަރުތެރެއިން އަދި ނޭފަތުގެ އެތެރެއިން ސާމްޕަލްވަނީ ނަގަފައެވެ. އަދި ޗެސްޓް އެކްސްރޭއާއި ލޭގެ ޓެސްޓުތަކެއްވަނީ ހަދާފައެވެ.
މިހުރިހާކަމެއްގެ ތެރޭގައި ހޮސްޕިޓަލުގެ އެމާޙައުލުގައި އިހުސާސްވަމުންދިޔަ ބިރުވެރިކަމުގެ ތެރޭގައިވަނިކޮށް ނަރުސް މީހާ އޭނާގެ އެކްސްރޭ އިން ފުއްޕާމޭގައި ނިއުމޯނިއާ ހުރިކަމަށް ދައްކާކަމަށާއި 24 ގަޑިއިރު އޮކްސިޖަން ގުޅަންޖެހޭކަމަށް ބުނިކަމަށް އެލިޒަބެތް ބީބީސީއަށް ކިޔައިދީފައިވެއެވެ. މޭގަނޑުގައި ބަރެއް އޮވެގެން މޭ ފިތޭ އިހުސާސްކުރެވޭކަމަށް ބުނުމުން އެއީ ނިއުމޯނިއާ ފުއްޕާމެއަށް ހަމަލަދެނީކަމުގައި ޑޮކްޓަރުން ބުނިކަމަށް އެލިޒަބެތް މަޢުލޫމާތުދެއެވެ. އަދި އެކަމަށް ޙައްލެއްގެ ގޮތުގައި މޯފިން ދިންކަމަށާއި އޭގެ ފަހުން ބަނޑުގައި ރިއްސަން ފެށީ ކުއްޖަކު ވިހަން ރިއްސާވަރަށްވުރެވެސް ވޭނީކޮށްކަމަށް އެލިޒަބެތް ވަނީ ބީބީސީއަށް ކިޔާދީފައެވެ. އަދި މިތަދަށް ކެއްނުވެގެން ރޮއެ މިކަމަށް އިތުރަށް ކެތްނުވާނެކަމަށް ބުނެވުނުކަމަށާއި ތަދު ރަނގަޅުވާން ކައިރިވިއިރު ހޭނެތެން ކައިރިވެފައިވާކަމުގެ އިހުސާސްކުރެވުނުކަމަށް އެލިޒަބެތު ބުންޏެވެ. އޭނާ ބުނީ އޭނާގެ ފުރާނަ ހުރިތޯ ނެތްތޯ ސުވާލު އުފެދޭހާ ޙާލުބޮޑުވިކަމަށެވެ.
އެލިޒަބެތު އޮތް ތަނުގައި އިތުރު 4 މީހަކަށް ފަރުވާ ދެމުން ދިޔަނަމަވެސް އެތަނުން ސަލާމަތުން ނިކުމެވުމުގެ ނަސީބު ލިބުނީ ހަމައެކަނި އެލިޒަބެތުއަށެވެ. އެހެންކަމުން މިއީ އޭނާއަށް ލިބުނު ދެވަނަ ފުރުސަތެއްގެ ގޮތުގައި އެލިޒަބެތު ޤަބޫލުކުރެއެވެ. އަދި އޭނާގެ ހާލު މުޅިން ރަނގަޅު ނުވިނަމަވެސް ޑޮކްޓަރުންގެ އިރުޝާދާއެކު އެލިޒަބެތު ގެއަށް ބަދަލުވީ އެއީ މުޅިން އެއްކޮށް ރަނގަޅު ނުވާކަމަށް ބުނެ ބޮޑާހާކައި ހޮސްޕިޓަލުގައި މަޑުކުރި މީހުންގެ ތެރެއިން އެކަކުވެސް ރަނގަޅުނުވެ މަރުވެގެން ދިޔަކަމަށް ނަރުހުން ބުނުމުންނެވެ.
އެލިޒަބެތު އަކީ މަރުގެ ތުންފަތްމަތިން މަރާއި ބައްދަލުވެފައި އާދެވުނު މީހެއްކަމަށް އޭނާ ޤަބޫލުކުރާއިރު ދުނިޔަވީ ކަންކަމުގެ މާނައެއް ނެތްކަން އޭނާ މަރާކުރި ހަނގުރާމައިގައި ދަސްވެއްޖެކަމަށް އެލިޒަބެތު ވަނީ ބީބީސީއަށް ދިން އިންޓަރވިއުގައި ބުނެފައެވެ. އޭނާވަނީ މިނުރައްކާތެރި ބަލިމަޑުކަމާއި ކުރިމަތިލައި އެތައް ގަޑިއިރަކު މަސައްކަތްކުރަމުން އަންނަ ސިއްޙީ ޚިދުމަތްތެރިންނާއި، އެހެނިހެން ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.