ސިޔާސީ

މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މާދަމާއަށް އެޖެންޑާކޮށްފި


މިނިވަން ފަންސާސް
ފާހަގަކުރުމަށް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާތައް މެދުކަނޑާލާފައި އޮތުމަށްފަހު
ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފިއެވެ. 

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށް
އިސްލާހު ގެނައުމަށް ހުށައެޅި އިސްލާހު ފާސްކުރުމަށް މިދިޔަ ޖުލައިމަހުގެ
ބާވީސްވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބޭއްވުމަށްފަހު ވަނީ މިނިވަން ފަންސާސް
ފާހަގަކުރުމަށް ޖަލްސާތައް މެދުކަނޑާލާފައެވެ. މާދަމާ ބާއްވާ ޖަލްސާއަށް
ގިނަމަސައްކަތްތަކެއް ވަނީ އެޖެންޑާކޮށްފައެވެ. އެގޮތުން ގަވާއިދާއި ޚިލާފަށް
ޕާކުކުރުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ މަޢާފުވާގޮތަށް އެއްގަމު ދަތުރުފަތުރުގެ
ގާނޫނަށް ހުށައެޅި އިސްލާހު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް
ބަހުސްކުރުމާއި، ހިއުމަން ރައިޓްސްކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރުމަށް
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ 2 ބޭފުޅެއްގެ ނަން ދިރާސާކުރުމަށް
ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ.

އަދި ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ
މެމްބަރު އިބްރާހިމް ފަލާހު ހުށައަޅުއްވާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ބިލް
މަޖިލީހަށް ތައާރަފްކުރުމާއި، ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު
ހުށައަޅުއްވާފައވާ އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލްކުރުމުގެ ބިލަށް
ބަހުސްކުރުންވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.