ޚަބަރު

ސަޢުދީން ހަދިޔާކުރި ކަދުރު މާދަމާ ބަހަންފަށަނީ


ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ފޮނުވާ ކަދުރު މާދަމާ ބެހުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީންވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހރުވިދާޅުވީ މާލެ ސަރަހައްދަށް މި ކަދުރުތައް ބެހުމަށް ހަމަޖެހިފައިވަނީ ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކުގައިކަމަށެވެ.

އެގޮތުން މާދަމާ ޖެންޑަރމިނިސްޓްރީގެ ބެލުމުގެދަށުގައި ތިބި މީހުނަށާއި ފަޤީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ބެހުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި މާލެގޭ ދިރުއުޅޭ ފަރާތްތަކުން ކަދުރު ބޭނުންވާކަމުގައި ވަނީނަމަ މިނިސްޓްރީއަށް އެންގުމަށްވެސް އިސްލާމިކް މިނިސްޓަރ އެދިލެއްވިއެވެ. އަދި އަތޮޅުތަކަށް ފޮނުވަންޖެހޭ ކަދުރު ފޮނުވުމުގެ މަސައްކަތް ކުރަމުންދަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރު ކޮންމެ ރަށަކަށްވެސް ކަދުރު ބޭނުންވާނަމަ އެކަން މިނިސްޓްރީއަށް އެންގުމަށް އަންގާފައިވާކަމަށާއި އެރަށެއްގެ ބޯޓެއް މާލޭގައި އޮތްނަމަ ފޮނުވަދޭނެކަމަށްވެސް މިނިސްޓްރ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ސަޢޫދީ އަރަބިއްޔާއިން ހަދިޔާ ކުރާ 50 ޓަނުގެ ކަދުރު މިއަހަރުވެސް ވަނީ ހަދިޔާކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ލިބިފައިވާ 50 ޓަނުގެ ކަދުރުން ފަސް ޓަނު ކަދުރު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ނަގާނެ ކަމަށާއި 45 ޓަނުގެ ކަދުރު ރައްޔިތުންނަށް ބަހާނެކަމަށެވެ. މީގެ އިތުރުން ޔޫއޭއީ އިން ރާއްޖެ ހަދިޔާ ކުރި 373 ފޮށި ކަދުރު މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް އެ ފޮށިތައް މިވަގުތު ހުރީ ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ގުދަނުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކަދުރުތައް ނުބެހި ހުރީ ކޯވިޑް-19 ފެތުރެމުންދާތީ ކަމަށެވެ. ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުންނާއި އިސްލާމީ ބައެއް އެހެން ގައުމުތަކުންނާއި އިސްލާމީ ޖަމާއަތްތަކުން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.