އިންޑިޔާގެ ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރާ 500 މުވައްޒަފުން އެކަހެރިކޮށްފިއެވެ. އެމީހުން އެކަހެރިކޮށްފައިވަނީ ރިޔާސީ ގަނޑުވަރުގައި މުވައްޒަފުން ތިބުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައެވެ. އިންޑިޔާގެ ސަރުކާރުން އެގޮތަށް ނިންމާފައިވަނީ ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރާ މީހެއްގެ ދަނބިދަރިފުޅަށް ކޯވިޑް-19އަށް ޖެހުމުންނެވެ. ނަމަވެސް 74 އަހަރުގެ ރައީސް ރާމު ނަތު ކޮވިންދާއި އޭނާގެ އަރިސް ބޭފުޅުން އެކަހެރިކޮށްފައެއްނުވެއެވެ. ކަންކަން ރޭވިފައިވާގޮތުން ގަނޑުވަރުގެ ތަންކޮޅެއް އާދައިގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންނާއި އިސް ބޭފުޅުންނާ ދިމައެއްނުވާނެއެވެ.
އިންޑިޔާގެ ރިޔާސީ ގަނޑުވަރު ހުންނަ ބިމުގައި 114 އެޕާޓްމަންޓެއްގައި މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތައް ދިރިއުޅެއެވެ. އެމީހުންވަނީ ގެއިން ނުނިކުތުމަށް އަންގާފައެވެ. ކޯވިޑް-19 ޖެހުނު މީހާގެ ޢާއިލާގެ ހަތް މީހުންވަނީ ކަރަންޓީނުކޮށްފައެވެ.
އިންޑިޔާއާ އިންވެގެން އޮންނަ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވެސްވަނީ ކޯވިޑް-19އަށް ތަހުލީލުކުރަން ހަމަޖެހިފައެވެ. އެޤައުމުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު ޖަމާޢާތް ހިންގާ ފައިސަލް ޢާދީއަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އިމްރާން ޚާންވަނީ މީގެ އެއްހަފުތާ ކުރިން އާދީއާ ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައި މާސްކު ބޭނުންކުރެއްވިކަމަށް ރަސްމީ އިދާރާތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނާކަށް ނެތެވެ. އޭގެ ފަހުން ބޮޑުވަޒީރު އިމްރާން ޚާންވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޤައުމުގެ ރައީސާއި ޖާސޫސީ ސިފައިންގެ ވެރިޔާއާވެސް ބައްދަލުކުރައްވާފައެވެ.
ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އަފްޣާނިިސްތާނުގެ ރިޔާސީ ގަނޑުވަރުގައި މަސައްކަތް ކުރާ އިސް 20 މުވައްޒަފުންނަށް ކޯވިޑް-19 ޖެހުމުން ރައީސް އަޝްރަފް ޣަނީއާއި އޭނާގެ އަނބިކަނބަލުންވަނީ ކޯވިޑް-19އަށް ތަހުލީލުކުރައްވާފައެވެ. ނަމަވެސް ދެބޭފުޅުންގެ ހަށިގަނޑުންވެސް ކޯވިޑް-19ގެ އަސަރު ފެެނިފައެއް ނުވެއެވެ. ރައީސް އަޝްރަފް ޣަނީ ގިނަ ބައްދަލުވުންތައް ބާއްވަވަނީ އިންޓަނެޓު މެދުވެރިކޮށެވެ.
ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ އިންޑިޔާގައެވެ. ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ 20,178 މީހުން އެޤައުމުންވަނީ ފެނިފައެވެ. އެސަރަޙައްދުން ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށްފައިވަނީ ޕާކިސްތާނުގައެވެ. އެޤައުމުން 9,749 މީހުންނަށް ބަލީގެ އަސަރުކޮށްފައިވެއެވެ. އަފްޣާނިސްތާނުގައި މިހާތަނަށް ބަލިޖެހިފައިވަނީ 1,092 މީހުންނަށެވެ.