ޚަބަރު

ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެ، އިންފުލުއެންޒާ ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށަށް


ކޮންމެ އަހަރަކުވެސް އެތައް ހާސް މީހުން އެބައްޔެއްގެ ސަބަބުން މަރުވާ އިންފުލުއެންޒާ ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ވިލާތުގެ ޤައުމުތަކުން ފެނިފައިވާ މިންވަރު އާދަޔާޚިލާފަށް މަދެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19ން ރައްކާތެރިވުމަށް ދުނިޔޭގެ ގިނަ ސަރަޙައްދުތަކުގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައްވަނީ އިންފްލުއެންޒާ ފެތުރޭ މިންވަރު ދަށްކުރުމަށް އެހީތެރިވެދީފައެވެ.

ފިނި މޫސުމުގައި ފެތުރޭ އިންފުއެންޒާ ޢާންމުކޮށް ފެތުރެނީ އޮކްޓޯބަރު މަހުން ފެށިގެން މެއި މަހުގެ މެދެއްހާ ހިސާބަށެވެ. އިންފުލުއެންޒާއާ ދެކޮޅަށް ވެކްސިން ބޭނުންކުރިނަމަވެސް ބައެއް މޫސުންތަކުގައި ކޯވިޑް-19 ޖެހިގެން މީހުން މަރުވާ މިންވަރަށް އިންފުލުއެންޒާގެ ސަބަބުން މީހުން މަރިވެފައިވެއެވެ. 2017-2018ވަނަ އަހަރުގެ ފިނިމޫސުމުގައި އިންފުލުއެންޒާ ޖެހިގެން 152،000އަށްވުރެ ގިނަ މީހުން ވިލާތުގެ ޤައުމުތަކުންވަނީ މަރުވެފައެވެ. ކޯވިޑް-19ގެ ސަބަބުން ގާތްގަނޑަކަށް 4 މަސްދުވަހުގެ ތެރޭގައި މިހާތަނަށް ވިލާތުގެ ޤައުމުތަކުން 100،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ޖަރުމަންވިލާތުގެ ފްރެންކްފަޓު ޔުނިވަސިޓީ ހޮސްޕިޓަލުގެ ވައިރޮލޮޖިސްޓު ހޮލްގާ ރެބެނޮ ވިދާޅުވީ ޢާންމުކޮށް މެއި މަހާ ހަމައަށް ދެމިގެންދާ ރޯގާގެ މޫސުން މިއަހަރު ވަރަށް އަވަހަށް ނިމިފައިވާކަމަށެވެ. އޭނާ ލަފާކުރައްވާގޮތުގައި އޭގެ ސަބަބަކީ ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ.

އިންފުލުއެންޒާ ޖައްސާ ވައިރަހަކީ އޭގެ ސިފަތައް ވަރަށް އަވަހަށް ބަދަލުވާ އެއްޗެކެވެ. އިންސާނުންނަށް ބަލިޖެހުމުން ވަކި ހިސާބަކުން އިންސާނުންގެ ހަށިގަނޑު ވައިރަހަށް ހޭނެންފަަށައެވެ. އިންސާނުންގެ ދިފާޢީ ނިޡާމް ވައިރަހަށް ހޭނޭ ވަރަކަށް ވައިރަހުގެ ސިފަތައްވެސް ބަދަލުކޮށްލައެވެ. އެހެންކަމުން އިންފުލުއެންޒާއާ ދެކޮޅަށް އެއް އަހަރު ބޭނުންކުރާ ވެކްސިނުން ޖެހިގެން އަންނަ އަހަރު ފެތުރޭ ވައިރަހަށް މާބޮޑު އަސަރެއް ނުކުރެއެވެ. އެކަމަށް ޙައްލެއް ހޯދުމަށް ސައިންސުވެރިން ކޮންމެ އަހަރަކުވެސް ރޯގާ މޫސުން ނިމޭ ދުވަސްކޮޅާ ދިމާކޮށް ގިނަ ސާންޕަލުތައް ނަގާ ތަހުލީލުކޮށް، ވައިރަހަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ބިނާކޮށް އައު ވެކްސިނެއް ތައްޔާރުކުރެއެވެ.

އެހެންނަމަވެސް މިއަހަރު ކޯވިޑް-19 ފެތުރޭތީ ތަހުލީލުކުރާ ލެބޯޓްރީތަކަށްވަނީ ބާރުބޮޑުވެފައެވެ. އަދި އިންފުލުއެންޒާ ފެތުރޭ މިންވަރު ދަށްވެފައިވުމުން އެެއްކުރެވިފައިވާ ސާންޕަލުގެ ޢަދަދުވެސް ދަށެވެ. އެހެންކަމުން 2021ވަނަ އަހަރުގެ ފިނި މޫސުމަށް އިންފުލުއެންޒާ ވެކްސިނެއް ތައްޔާރުކުރުމަށް ހުރަސްތަކެއް ހުރިކަމަށް ހޮލްގާ ރެބޭނޮ ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް އިންފުލުއެންޒާ ޖެހިގެން މަރުވި މީހުންގެ ޢަދަދު ކަނޑައެޅިގެން ބުނާކަށް ނޭންގެއެވެ. ނަމަވެސް އެހެން އަހަރުތަކަށްވުރެ އެޢަދަދު ދަށްވާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރެއެވެ.

ވިލާތުގެ 11 ޤައުމަކުން އެއްކޮށްފައިވާ މަޢުލޫމާތުން އެނގޭގޮތުގައިި މިއަހަރު އިންފުލުއެންޒާ ޖެހުނު މީހުންގެ ތެރެއިން ކުއްލި ފަރުވާ ބޭނުންވީ އެންމެ 4،000 މީހުންނެވެ. އެއީ ފާއިތުވި ދެ މޫސުމުގައި އިންފުލުއެންޒާ ޖެހުނު މީހުންގެ ޢަދަދަށްވުރެ ގާތްގަނޑަކަށް ދެގުނަ ދަށް ޢަދަދެކެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން ޑެންމާކަކީ ކޯވިޑް-19 ފެތުރޭތީ މާރިޗު މަހުގެ ކުރީކޮޅު ފުރަބަންދުކޮށްފައިވާ ޤައުމެކެވެ. އެޤައުމުގައި ކޮންމެ ފިނިމޫސުމަކު ގާތްގަނޑަކަށް 1،000 މީހުން އިންފުލުއެންޒާގެ ސަބަބުން މަރުވެއެވެ. ނަމަވެސް މިއަހަރު މަރުވެފައިވަނީ 355 މީހުންނެވެ.

ކޯވިޑް-19 ފެތުރެން ފެށުމުގެކުރިންވެސް އިންފުލުއެންޒާ ޖައްސާ ވައިރަހުގެ ބާރު ދަށްވާން ފަށާފައިވާކަމަށް ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު ޖެނުއަރީ މަހާ ހަމައަށް އިތުރުވަމުންގޮސް، އެއަށްފަހުވަނީ ދަށްވާން ފަށާފައެވެ. ކޯވިޑް-19އާ ދެކޮޅަށް ގިނަ ފިޔަވަޅުތައް އެޅުމުން މާރިޗު މަހު އެއްވެސް ވަރަކަށް އިންފުލުއެންޒާ ވައިރަސް ވިލާތުގެ ޤައުމުތަކުން ނުފެންނަކަމަށްވެސް ބުނެވިދާނެއެވެ. ޖަޕާނާއި ބައެއް އެހެން ޤައުމުތަކުގައިވެސް އިންފުލުއެންޒާ ފެންނަ މިންވަރުވަނީ ދަށްވެފައެވެ.

ފަހަރުގައި ކޯވިޑް-19 ފެތުރޭތީ އިންފުލުއެންޒާގެ ކުދި އަލާމާތްތައް ފެންނަ މީހުން ހަސްފަތާލަށް ނުދަނީކަމަށްވުންވެސް އެކަށީގެންވެއެވެ. އެހެންވެއްޖެނަމަ ބަލިޖެހިފައިވާ މީހުންގެ ޢަދަދު ރިޕޯޓުކޮށްފައިވާ މިންވަރުވެސް ދަށްވާނެއެވެ.