މުސްލިމުންނަށް އެންމެ ޚާއްޞަ އެއް މައްސަރުކަމަށްވާ ރަމަޟާން މަސް ފެށެން އޮތީ މަދު ދުވަސްކޮޅަކަށްވެފައެވެ. ކޮންމެ އަހަރެއްގެވެސް ޝައުބާންމަހުގެ ފަހު ދުވަސްކޮޅަކީ ރަމަޟާން މަހަށް މަރުޚަބާ ކިޔުމަށް މުސްލިމުން އަވަދިނެތި ތައްޔާރުވަމުންދާ ދުވަސްކޮޅެވެ. ނަމަވެސް މިއަހަރު ފެންނަ މަންޒަރު ވަރަށް ތަފާތެވެ. ކޮންމެ އަހަރަކުވެސް އެންމެ ހަަލަބޮލިކޮށް މީހުން އުޅޭ ދުވަސްވަރު، ދުނިޔެ އެއްކޮށް ވަނީ ހަމަހިމޭންވެފައެވެ. ބޭރު ތެރެއިން މީހެއްގެ ހިލަމެއް ނުވެއެވެ. މަގުތައް އޮތީ ހުހަށެވެ. ބާޒާރުތައް ފަޅަށެވެ. މުޅި ދުނިޔެވަނީ ބޮޑު ބަލިމަޑުކަމަކާ ކުރިމަތިލާންޖެހިފައެވެ. މުސީބާތެއްގެގޮތުގައި ސިފަކުރަމުންދާ ކޯވިޑް-19ގެ އަސަރުވަނީ ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް ފޯރާ، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައެވެ.
ރަމަޟާން މަަހަކީ މުސްލިމުން އިޖްތިމާޢީ އަދި ޢާއިލީ ގުޅުން ބަދަހިކުރަން ޚާއްޞަ ސަމާލުކަމެއްދޭ މައްސަރެކެވެ. ޢާއިލާއާއި ރައްޓެހިންނާއެކު ރޯދަ ވިއްލުމާ، ޖަމާޢަތުގައި ތަރާވީސް ނަމާދުކުރުމާއި މިސްކިތުގައި އިނދެ ހަމަހިމޭންކަމާއެކު ޤުރުއާން ކިއުމަކީ ގިނަ މުސްލިމުންގެ ޢާދައެކެވެ. ދީނީ ދަރުސްތައް ބާއްވައެވެ. ގޭގައި ތައްޔާރުކުރާ ކާނާ އަވަށްޓެރިންނަށް ބަހައެވެ. އެކުގައި ރޯދަވީއްލުމަށް ދަޢުވަތުދެއެވެ. ޙާލުގައި އުޅޭ މީހުންނަށް އެހީތެރިވެދެއެވެ. ނަމަވެސް ދުނިޔެއަށް ދިމާވެފައިވާ އުނދަގޫ ޙާލަތެއްގެ ސަބަބުން، ކިތަންމެ ހިތްދަތިވިނަމަވެސް މިއަހަރުގެ ރަމަޟާން މަހު އެންމެންވެސްވަނީ އިޖުތިމާޢީ ގައިދުރުކަން ބަހައްޓަން މަޖުބޫރުވެފައެވެ. އެއީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.
ކޯވިޑް-19 ފެތުރޭތީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުންވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މިސްކިތްތަކުގެ ދޮރުތައްވަނީ ލައްޕާފައެވެ. ބަންގީގައިވެސް އިރުޝާދުދެމުންދަނީ ގޭގައި ނަމާދުކުރުމަށެވެ. ކުރިއަށް އޮތް ރޯދަމަހު ގިނަ ޤައުމުތަކުގައި ޖަމާޢަތުގައި ތަރާވީސް ނަމާދުކުރާނެކަމަށް ނުބެލެވެއެވެ. މިސްކިތުން ދިމާވާ އަޚުންނަށް ސަލާމް ގޮވާލާ އަތާއަތް ޖޯޑުކޮށްލުމުގެ ފުރުޞަތުވެސް މިއަހަރަކު ނެތެވެ. މަޣްރިބް ނަމާދަށް ބަންގި ދިނުމުން މުސްލިމް އަޚުންނާއެކު މިސްކިތުގައި ރޯދަ ވީއްލާލުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް ނުބެލެވެއެވެ.
އަލްޖިއާސްގެ ރައްޔިތެއްކަމުގައިވާ 67 އަހަރުގެ ޔާސްމީން ހާމެޝްބުނީ މިއަހަރުގެ ރަމަޟާންމަސް ވަރަށް ތަފާތުވާނެކަމަށެވެ. ކޮންމެ އަހަރަކުވެސް ޔާސްމީން އޭނާގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި އަވަށްޓެރިންނަށް ރޯދަ ވީއްލުމަށް ދަޢުވަތުދެއެވެ. ނަމަވެސް ކިތަންމެ ޚާއްޞަ މެހެމާނަކަށްވެސް މިއަހަރު ދަޢުވަތުދެވޭކަށް ނެތެވެ. އަދި އޭނާއަށް ގާތްތިމާގެ މީހުންގެ ދަޢުވަތު ނުލިބޭނެކަމަށްވެސް ޔާސްމީން ބުންޏެވެ.
"އެންމެންވެސް ތިބީ ކޮރޯނާވައިރަސްދެކެ ބިރުގަނެފައި. އެއްވެސް މީހަކު ގެއިން ނުކުންނާކަށް ބޭނުމެއްނުވޭ،'' ފެންކަޅިވެފައި އިނދެ ޔާސްމީން ބުންޏެވެ.
ޔާސްމީންގެ ފިރިމީހާ މުޙައްމަދު ޖަމޫދީ ނުތަނަވަސްވަނީ އެހެން ސަބަބަކަށެވެ. ޖަމާޢަތުގައި ތަރާވީސް ނަމާދުކޮށްނުލެވޭ ރޯދަމަހެއް އޭނާގެ ހިތަށް ގެންނަން އުނދަގޫކަމަށް މުޙައްމަދު ބުންޏެވެ.
މާތްވެގެންވާ ގެފުޅާއި މަސްޖިދުއްނަބަވީ ހުންނަ ސަޢުދީ ޢަރަބިއްޔާއިންވެސްވަނީ ބަލިމަޑުކަން ފެތުރޭ މިންވަރު ބޮޑުކަމުން، މުސްލިމުން ގޭގައި އަޅުކަން ކުރުމަށް ބާރުއަޅާފައެވެ. އެޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު ތަޢުފީޤު އަލްރާބިއާ ވިދާޅުވީ އެންމެން އެއްކޮށް މަސައްކަތްކޮށް އިރުޝާދުތަކަށް ބޯލަނބައިފިނަމަ ސަލާމަތުގެ އައްސޭރިއާހަމައަށް އިސާހިތަކު ވާޞިލުވެވިދާނެކަމަށެވެ. އިޖުތިމާޢީ އެއްވުންތަކުން ދުރުވެ، އޭގެ ސަބަބުން ރަމަޟާން މަހުގެ ޖޯޝް ގެއްލުނުނަމަވެސް ގައިދުރުކަން ބެހެއްޓުމަށް އޭނާ ގޮވާލެއްވިއެވެ.
ވިޔަފާރިވެރިންނަށްވެސް ކުރިއަށްއޮތް ރަމަޟާންމަސް ވަރަށް ތަފާތުވާނެކަން ޔަޤީނެވެ. މިޞްރުގެ ބާޒާރުތަކުގައި ހުންނަ އެކި ފިހާރަތައް ރަމަޟާން މަހަށް ވަރަށް ދުރާލާ ތައްޔާރުވެއެވެ. ގާޑިޔާތަކުގައި އެކި ވައްތަރުތަކުގެ ކަދުރުތައް ރީތިކޮށް އަތުރާލާ، ފާނޫޒު ބޮކިތަކުން ފާރުތައް ޒީނަތްތެރިކޮށްލައެވެ. ބާޒާރުގައި ގިނަ ޢަދަދެއްގެ މީހުން އުޅެއެވެ. މުޅި މާހައުލުންވެސް ޚާއްޞަ ދުވަސްވަރެއް އަންނަކަން ދޭހަކޮށްދެއެވެ.
ނަމަވެސް 23 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ވެރިރަށް ޤާއިރާގެ ބާޒާރުތައް މިއަހަރު ހުރީ ފަޅަށެވެ. ކާފިއު އިއުލާންކުރުމުގެ ސަބަބުން އެއްޗެއް ގަނެލަން އަންނާނެ މީހަކުވެސް ނެތެވެ. ރަށުތެރޭގައި ރަމަޟާންމަހުގެ ފޯރިއެއް ނެތެވެ. އެހެންވެ ވިޔަފާރިތަކަށް މިއިން އަހަރަކު ނުވާހާ ގެއްލުންވަމުންދާކަމަށް ވިޔަފާރިތަކުން ބުނެއެވެ.
އަލްޖަޒާއިރުގެ ރެސްޓޯރަންޓުތައް ހިނގާ މީހުން ކަންބޮޑުވަނީ ވިޔަފާރިއަށް ލިބެމުންދާ ގެއްލުމާމެދުއެއް ނޫނެވެ. އެމީހުން ކަންބޮޑުވަނީ ޙާލުގައި އުޅޭ ފަޤީރުންނާއި މިސްކީނުންނަށް ކާބޯތަކެތި ފޯރުކޮށްދޭނެ ފަސޭހަގޮތެއް ނެތުމުންނެވެ. ދުބާއީގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ކަންބޮޑުވުމަކީވެސް މިއީއެވެ. ކޮންމެ އަހަރަކުވެސް މިސްކިތްތަކުގައި އޮންނަ ރޯދަވީއްލުންތަކުގައި ބޭރު ޤައުމުތަކުން އައިސްތިބި ބިދޭސީ މަސައްކަތްތެރިންނަށް މިއަހަރު ބައިވެރިއެއްނުވެވޭނެއެވެ. އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭނެގޮތެއްވަނީ ހޯދަންޖެހިފައެވެ.
މުޙައްމަދު އަސްލަމަކީ އިންޑިޔާއަށް ނިސްބަތްވާ އިންޖީނިއަރެކެވެ. އޭނާ އަބޫ ދާބީގައި ދިރިއުޅެމުންދަނީ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. އެއެޕާޓްމަންޓުގައި އިތުރު 14 މީހުން ދިރިއުޅެއެވެ. ކޯވިޑް-19ގެ ސަބަބުން އަސްލަމްގެ ވަޒީފާވަނީ ގެއްލިފައެވެ. އޭނާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަ އިމާރާތުގައި ދިރިއުޅޭ މީހަކަށް ކޯވިޑް-19 ޖެހުމުން އެއިމާރާތްވަނީ ކަރަންޓީނުކޮށްފައެވެ. ކާބޯތަކެތި ހޯދުމަށް އޭނާ މިހާރު ބަރޯސާވަނީ އެހީތެރިކަންދޭ ޖަމާޢަތްތަކަށެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތުގެ ސަބަބުން ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތިބި 1.8 ބިލިއަނަށްުވުރެ ގިނަ މުސްލިމުންނަށް ކުރިއަށްއޮތް ރަމަޟާން މަސް ތަފާތުވާނެކަމާމެދު ޝައްކެއްނަތެވެ. ނަމަވެސް ޔަޤީންވާ އިތުރުކަމެއް އެބައޮތެވެ. ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް ރަމަޟާންމަހުގެ ހަޤީޤީ ރޫޙާއި ބަރަކާތް ފޮހެވިގެނެއް ނުދާނެއެވެ.