ޚަބަރު

އެއްވެސް މަޢުލޫމާތެއް ސިއްރެއް ނުކުރަން: ޑަބްލިއުއެޗުއޯ


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން އެއްވެސް ކަމެއް ސިއްރުނުކުރާކަމަށް ބުނެފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުން 2.5 މިލިއަނެއްހާ މީހުންނަށް ޖެހި، 170،000އަށްވުރެ ގިނަ މީހުން މަރުވެފައެވެ. ބަލިމަޑުކަމުގެ ސަބަބުން ޙާލަތު އެންމެ ގޯސްވެފައިވަނީ އެމެރިކާގައެވެ. އެޤައުމުގައި 792،000 މީހުންނަށް ބަލިޖެހި, 42،500އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް އެންމެ ބޮޑު މާލީ އެހީތެރިކަން ދެމުންދިޔަ އެމެރިކާއިންވަނީ އެޖަމްޢިއްޔާއިން ކޯވިޑް-19 ބަލިމަޑުކަމުގެ މަޢުލޫމާތު ސިއްރުކުރާކަމަށް ތުުހުމަތުކޮށް، އެޖަމްޢިިއްޔާއަށް ދެމުންދިޔަ މާލީ އެހީތެރިކަން ކަނޑާލާފައެވެ. އެމެރިިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެންފެށުނު ޗައިނާއިން އެބައްޔާބެހޭގޮތުން ދިން ޞައްޚަ ނޫން މައުލޫމާތަށް ތާޢީދުކޮށް ހިތްވަރުދީފައިވާކަމަށް ވިދާޅުވެފައެވެ.

ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ތެޑްރޮސް އަނަދަމް ގެބްރިއޭސުސް ވިދާޅުވީ އެޖަމްޢިއްޔާއިން އެއްވެސް މެންބަރު ޤައުމަކަށް މަޢުލޫމާތު ސިއްރުކޮށްފައިނުވާނެކަމަށާއި އެމެރިކާގެ ގިނަ ޢަދަދެއްގެ ފަންނީ މާހިރުން އެޖަމްޢިއްޔާގެ މުހިންމު މަސައްކަތްތަކުގައި ބައިވެރިވާކަމަށެވެ. ޖަނަވަރީ މަހުގެ 15ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް، ސީޑީސީގެ 15 މުވައްޒަފަކުވަނީ ޑަބްލިއުއެޗުއޯގެ މަސައްކަތުގައި ބައިވެރިވެފައެވެ. އޭގެ އިތުރުން އެމެރިކާގެ ސަރުކާރުގެ ފަރާތުން ފޮނުވި ދާޢީމީ މުވައްޒަފުންވެސް އެޖަމްޢިއްޔާގައިދަނީ މަސައްކަތްކުރަމުންނެވެ.

ޑިރެކްޓަރ ޖެނެރަލް ތެޑްރޮސް ވިދާޅުވީ އެހެންކަމުން އެއްވެސް މަޢުލޫމާތެއް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެމެރިކާއަށް ސިއްރުކޮށްފައިނުވާނެކަމަށެވެ. އަދި ހުރިހާ މެންބަރު ޤައުމަކަށްވެސް ވަގުތުން ވަގުތަށް މަޢުލޫމާތު ޙިއްޞާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ތެޑްރޮސް ވިދާޅުވީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ބަލިމަޑުކަމަށް ސިޔާސީ މައްސަލަތަކާއި ބައިބައިވުމުގެ ހިޔަނި އެޅިފައިވާކަމަށެވެ. ނަމަވެސް އޭގެ ތަފްޞީލެއް އޭނާ ނުދެއްވައެވެ.

ދުނިޔޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެންމެ އިސްކޮށް މަސައްކަތްކުރަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއެވެ. އެޖަމްޢިއްޔާއަށް އަހަރެއްގެ މައްޗަށް 900 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރާ އެމެރިކާއިން ދެމުންދިޔަ އެހީތެރިކަން ކަނޑާލުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އެޤައުމަށް އަމާޒުވެފައެވެ.