ޗައިނާގައި ކޯވިޑް-19 ފެތުރޭ މިންވަރު ދެވަނަ ފަހަރަށް އިތުރުވާތީ ބައްޔަށް ތަހުލީލުކުރުން ވަރުގަދަކޮށް ތަހުލީލުކުރެވޭ މިންވަރު އިތުރުކުރަން ޗައިނާގެ ޞިއްޙަތާބެހޭ އިދާރާތަކުން ނިންމައިފިއެވެ.
ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނީ ޗައިނާގައެވެ. ގިނަ ޢަދަދެއްގެ މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށް މިއަހަރު ކުރީކޮޅު ޗައިނާގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. ނަމަވެސް ބަލިފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވި، ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށްވަނީ ދޫދީފައެވެ.
ދެވަނަ ފަހަރަށް ޗައިނާގެ ބައެއް ސަރަޙައްދުތަކުުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމުން ބަލީގެ އަސަރުކޮށްފައިވާ އެއްވެސް މީހަކު ފާހަގަނުވެ ދޫނުވާވަރަށް ތަހުލީލުކުރުން ވަރުގަދަކުރަން އެޤައުމުންވަނީ ނިންމާފައެވެ. އެގޮތުން ސަރަޙައްދީ ރޮނގުތައް ކައިރީގައި ހުންނަ އަވަށްތައް ހިމެނޭގޮތަށް މީހުން ދިރިއުޅޭ ހުރިހާ ސަރަޙައްދެއްގައި ކޯވިޑް-19އަށް ތަހުލީލުކުރުން އިތުރަށް ފުރިހަމަކުރަންވަނީ ނިންމާފައެވެ. އަދި ހަރުދަނާ އުޞޫލެއްގެ މަތިން އެސަރަޙައްދެއްގެ ޙާލަތު ސަރުކާރަށް އެންގުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
މާރިޗު 13ވަނަ ދުވަހުން ފެށިގެން އެންމެ މަދު ޢަދަދަކަށް ކޯވިޑް-19 ޖެހިފައިވާ މީހުން ޗައިނާއިން ފެނިފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައެވެ. އެއީ ބަލިޖެހިފައިވާ 12 މީހުންނެވެ. އެޤައުމުގައި ބަލި ފެތުރޭ މިންވަރު މަދުވެފައިވީނަމަވެސް ބައެއް ސަރަޙައްދުތަކުން ބަލީގެ އަސަރު އަލުން ފެންނަން ފެށުމުން ޞިއްޙީ އިދާރާތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވެރިރަށް ބެއިޖިންގުގައި ބަލިޖެހިފައިވާ 3 މީހުން ފެނުމުން އެސިޓީ މިހާރުވަނީ ޚާއްޞަ ޙާލަތަކަށް ގެނެސްފައެވެ. އެހެން ބައެއް ސަރަޙައްދުތަކުންވެސް ބަލީގެ އަސަރުވަނީ އަލުން ފެންނަން ފަށާފައެވެ.
ޗައިނާގައި 82,747 މީހުންނަށް ކޯވިޑް-19 ޖެހި، 4,632 މީހުން މަރުވިއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ނިސްބަތްވަނީ އެންމެ ފުރަތަމަ ބަލި ފެތުރެން ފެށި ޗައިނާގެ ވުހާން ސިޓީންނެވެ. އެޤައުމުގައި މިހާރު ބައްޔަށް ފަރުވާ ހޯދަނީ 1,031 މީހުންނެވެ.