ޚަބަރު

ގޮއިދޫގެ ދަނޑުތަކަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި


ބ.ގޮއިދޫގެ ދަނޑުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ފުލުހުން ވިދާޅުވީ ގެއްލުން ދީފައިވަނީ ބ.ގޮއިދޫގައި ތަރުކާރީ ހައްދާ ދަނޑުތަކަކަށްކަމަށެވެ. މި ދަނޑުތަކަކީ އެރަށުގައި ރަމަޟާންމަހަށް ކާބޯތަކެތި ހައްދަމުންދާ ދަނޑުތަކެވެ.

ދަނޑުތަކަށް ގެއްލުން ދިން މީހުންވަނީ ގަސްތަކުގައި ހުރި ތަރުކާރީތަށް ކޮށައި ގެއްލުން ދީފައެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު ހެނދުނު 08:30ހާއިރުއެވެ.

އެރަށުގެ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ދިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެގޮތުން ދަނޑުގައި ހުރި ވެޔޮތަކުގައި ހުރި ޗިޗަންޑާތަކާއި ތޮރާތައް ގަހުން ކަނޑައި އެތަކެތި ކޮށައި ހަލާކުކޮށް، ވެޔޮތަކަށްވެސް ގެއްލުން ދީފައިވާކަމަށެވެ.

ރަމަޟާން މަސް ފެށެން ކައިރިވެފައި ވާއިރު، ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެއަށްވެސް ވަނީ އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. އަދި ގިނަ ޤައުމުތައް ލޮކްޑައުންކޮށްފައިވާތީ ރާއްޖެއިން ބޭރުން އެތެރެކުރަމުންދިޔަ ބައެއް ކާބޯތަކެތި އެތެރެކުރުމުގައި ވަނީ ދަތިތަކެއް ދިމާވެފައެވެ. އެހެންކަމުން ކޮންމެފަދަ ސަބަބަކާހެދި ނަމަވެސް ދަނޑުވެރިންގެ އުފެއްދުންތަކަށާއި ދަނޑުތަކަށް ގެއްލުންދިނުމަކީ މުޅި މުޖުތަމައަށްވެސް އެކަމުގެ އަސަރު ކުރާނެ ކަންކަމެވެ.

މި ދަނޑިވަޅުގައި ހާލަތަށް ރިޔާއަތްކޮށް ކާބޯތަކެތި ހެއްދުމާއި ތަކެތި އިޤްތިސާދްކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ. އެހެންކަމުން ދަނދުތަކަށް ގެއްލުން ދިނުންފަދަ އަމަލުތަކަކީ ކުރަން ހެޔޮވާވަރުގެ ކަންކަމެއް ނޫނެވެ. އަދި މިއީ ބަލައިގަނެވޭނެފަދަ ކަންކަމެއް ނޫނެވެ.