ޚަބަރު

ކޯވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 40،000އަށް


ކޯވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 40،000އަށްވުރެ އިތުރުވެއްޖެއެވެ. އެއީ ކޯވިޑް-19 ޖެހިގެން އެއްޤައުމަކުން އެންމެ ގިނަ މީހުން މަރުވި ޢަދަދެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ އިޓަލީވިލާތުގައި މިހާތަނަށް މަރުވެފައިވާވަނީ 23،000 މީހުންނެވެ.

ބަލިމަޑުކަމުގެ ސަބަބުން އެމެރިކާގައި އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 29ވަނަ ދުވަހެވެ. އެންމެ 38 ދުވަހުގެ ތެރޭގައި އެޢަދަދުވަނީ 10،000 ފަހަނައަޅާފައެވެ. އޭޕްރިލް 6ން ފެށިިގެން ފަސް ދުވަހުގެ ތެރޭގައި އިތުރު 10،000 މީހުންވަނީ މަރުވެފައެވެ. އަދި މަރުވި މީހުންގެ ޢަދަދު 30،000ން 40،000އަށް އިތުރުވާން ނެގީ އެންމެ ހަތަރު ދުވަހެވެ.

ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވެސް އެންމެ ގިނައީ އެމެރިކާގައެވެ. އެމެރިކާއިން ކޯވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން 50 ސްޓޭޓަކަށް ބަލިމަޑުކަން ފެތުރި، 764،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލީގެ އަސަރުކޮށްފައެވެ. އެމެރިކާއިން ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ ފާއިތުވި 13 ދުވަހުގެ ތެރޭގައި ދެގުނައަށް އިތުރުވެފައެވެ. ނަމަވެސް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވަނީ 25،844 މީހުންނަށެވެ. އެއީ ފާއިތުވީ ހަފުތާގެ ތެރޭގައި އެޤައުމުގައި ބަލިޖެހިފައިވާކަމަށް ރިޕޯޓުކުރެވުނު މީހުންގެ އެންމެ ދަށް ޢަދަދެވެ.

ވިޔަފާރިތަކާއި މަދަރުސާތައް ބަންދުކޮށް ދަތުރުފަތުރު މަނާކުރުމުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށްދަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ލިބޭ އާމްދަނީ ހުއްޓިފައިވާ 22 މިލިއަނަށްވުރެ ގިނަ މީހުންވަނީ ސަރުކާރުގެ އެހީތެރިކަމަށް އެެދިފައެވެ.

ރައްޔިތުން ގޭގައި މަޑުކުރުމަށް އަންގާފައިވާ އެންގުންތަކާމެދު ހިތްހަމަނުޖެހި މަގުތަކުގައި މީހުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅުގައި އެޤައުމުގެ އިޤްތިޞާދު އަލުން ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްދަނީ ބާރުއަޅުއްވަމުންނެވެ. ނަމަވެސް ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސްޓޭޓުތަކުންވަނީ އިޤްތިޞާދު އަލުން ހުޅުވާލުމާމެދު ރައީސް ޓްރަމްޕާ ދެބަސްވެފައެވެ. މެރީލޭންޑާއި ވަރޖީނިއާއާއި ވޮޝިންޓަން ޑީސީފަދަ ސްޓޭޓުތަކުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުންނެވެ. ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ 3،900އަށްވުރެ ގިނަ މީހުން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ނިއު ޖާޒީން އެކަނިވެސް ފެނިފައިވެއެވެ. ބޮސްޓޮނާއި ޗިކާގޯގައި ބަލިމަޑުކަން ފެތުރޭ މިންވަރާއި މަރުވާ މީހުންގެ ނިސްބަތްވަނީ އިތުރުވެފައެވެ.

އޯހައިއޯއާއި ޓެކްސަސާއި ފްލޮރިޑާ ހިމެނޭގޮތަށް ބައެއް ސްޓޭޓުތަކުންވަނީ މެއި މަހުގެ ތެރޭގައި ނުވަތަ އެއަށްވުރެވެސް އަވަހަށް އެސްޓޭޓުތަކުގެ އިޤްތިޞާދު ކޮންމެވެސް މިންވަރަކަށް ހުޅުވާލުމަށް ނިންމާފައެވެ. އެހެންނަމަވެސް އެފަދަ ނިންމުންތައް ނިންމުމުގައި އެސްޓޭޓުތަކުން ވަރަށް ފަރުވާތެރިވާކަމަށް ފާހަގަކުރެވެއެވެ.