ޚަބަރު

އިރުމަތީ އޭޝިޔާގައި ކޯވިޑް-19 ފެތުރިފައިވަނީ ކިހާވަރަކަށް؟


މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެ މިހާރުވަނީ ނުރައްކާތެރި އަދި ބިރުވެރި ޙާލަތަކަށް ވެއްޓިފައެވެ. ސަރުކާރުތަކާއި ޖަމްޢިއްޔާތަކުންދަނީ ބަލިމަޑުކަން ފެތުރޭ މިންވަރު މަދުކޮށް، އޭގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުންނެވެ. މިހާތަނަށް 2,379,879 މީހުންނަށްވަނީ ބަލިމަޑުކަމުގެ އަސަރުކޮށްފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން 163,904 މީހުންވަނީ މަރުވެފައެވެ.

އޭޝިޔާގެ ޤައުމުތަކުން އެކަނިވެސް ބަލީގެ އަސަރުކޮށްފައިވާ 376،000އަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ. އަދި އެޢަދަދުތައްދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އިރުމަތީ އޭޝިޔާގެ ޤައުމުތަކަށްވެސްވަނީ ބަލިމަޑުކަމުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައެވެ.

ސިންގަޕޫރު

އިތުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު އެންމެ ގިނައީ ސިންގަޕޫރުގައެވެ. ކޯވިޑް-19 ޖެހިފައިވާ މީހަކު އެޤައުމުން އެންމެ ފުރަތަމަ ފެނިފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި އެޤައުމުގައި 6،588 މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށްފައިވެއެވެ. އަދި ބަލީގެ ސަބަބުން 11 މީހުންވަނީ މަރުވެފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 740 މީހުން މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ.

ސިންގަޕޫރުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު މިދިޔަ ހޮނިހިރު ދުވަހުވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޤައުމުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ބަލިމަޑުކަން ފެތުރި، ކޯވިޑް-19ގެ އަސަރުކޮށްފައިވާ 942 މީހުންވަނީ އެންމެ ދުވަހެއްގެ ތެރޭގައި ފެނިފައެވެ. އެޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ގާތްގަނޑަކަށް 60 އިންސައްތަ މީހުންނަކީ ބިދޭސީންނެވެ.

އިންޑޮނޭޝިޔާ

އިންޑޮނޭޝިޔާއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދާއި ސިންގަޕޫރުގައި ބަލި ޖެހުނު މީހުންގެ ޢަދަދުގައި ހުރީ ވަރަށް ކުޑަ ފަރަޤެކެވެ. ނަމަވެސް ބަލީގެ ސަބަބުން މަރުވި މީހުންގެ ޢަދަދު އިންޑޮނޭޝިޔާގައި އެތައް ގުނައެއް އިތުރެވެ. މާރިޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން އެޤައުމުގައި މިހާތަނަށް 6،575 މީހުންނަށް ބަލިޖެހި، 582 މީހުންވަނީ މަރުވެފައެވެ. އިއްޔެ އެކަނިވެސް އެޤައުމުގައި 47 މީހުންވަނީ ބަލިމަޑުކަމުގެ ސަބަބުން މަރުވެފައެވެ. އިންޑޮނޭޝިޔާގެ ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ބުނީ ބަލީގައި މަރުވެފައިވާ މީހުންގެ ހަޤީޤީ ޢަދަދު އިޢުލާނުކޮށްފައިވާ ޢަދަދުތަކަށްވުރެ ދެގުނަ އިތުރުވާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ. އިންޑޮނޭޝިޔާގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 582 މީހުންނެވެ.

ފިލިޕީންސް

ކޯވިޑް-19 ޖެހިފައިވާ މީހަކު ފިލިޕީންސުން އެންމެ ފުރަތަމަ ފެނުނީ ޖަނަވަރީ މަހުގެ 30ވަނަ ދުވަހުއެވެ. އެޤައުމުގައި ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު މިހާރުވަނީ 6259އަށް އިތުރުވެފައެވެ. ބަލީގެ އަސަރުކޮށްފައިވާ 572 މީހުން މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ. ނަމަވެސް 409 މީހުންވަނީ ބަލީގެ ސަބަބުން މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަލަށް ކޯވިިޑް-19 ޖެހިފައިވާ 172 މީހުންވަނީ ފެނިފައެވެ. އަދި 12 މީހުންވަނީ މަރުވެފައެވެ.

މެލޭޝިޔާ

މެލޭޝިޔާގައި ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނީ އެޤައުމަށް ސިންގަޕޫރު މަގުން ޗައިނާއިން ދަތުރުކުރި ބައެއްގެ ފަރާތުން ޖަނަވަރީ މަހުގެ 25ވަނަ ދުވަހެވެ. މެލޭޝިޔާގައި ބަލިމަޑުކަން ފެތުރެންފެށީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކުއަލަ ލަމްޕޫރުގައި ބޭއްވި ދީނީ ޙަފްލާއަކަށް ފަހުއެވެ. ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ 5،389 މީހުން މިހާތަނަށް އެޤައުމުން ފެނި، 89 މީހުންވަނީ ބަލިމަޑުކަމުގެ ސަބަބުން މަރުވެފައެވެ. އަދި 3،197 މީހުންވަނީ ބަލިން ފަސޭހަވެފައެވެ. އެޤައުމުގައި އެންމެ ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރުނު ދުވަސްތަކުގައި ބަލިޖެހިފައިވާ 235 މީހުން 24 ގަޑިއިރުގެ ތެރޭގައިވަނީ ފެނިފައެވެ. ނަމަވެސް އެޢަދަދު މިހާރު ވަރަށް ބޮޑަށް ދަށްކުރެވި، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ފެނިފައިވަނީ ކޯވިޑް-19 ޖެހިފައިވާ 54 މީހުންނެވެ.

ތައިލޭންޑް

ކޯވިޑް-19 ފެތުރެންފެށުނު ޗައިނާއަށްފަހު ދުނިޔެއިން ބަލީގެ އަސަރު ދެވަނައަށް ފެނިފައިވަނީ ތައިލެންޑުންނެވެ. ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ މީހަކު އެޤައުމުގައި އެންމެ ފުރަތަމަ ފެނުނީ ޖެނުއަރީ 13ވަނަ ދުވަހެވެ. މިއަދާ ހަމައަށް އެޤައުމުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 2،733އަށް އިތުރުވެފައެވެ. އަދި ބަލީގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 47އަށް އަރާފައެވެ.