ޚަބަރު

ކޯވިޑް-19 : މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލަން އަންގައިފި


ކޯވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ފަރުޟުނަމާދާއި ހުކުރު ނަމާދާއި ތަރާވިޙް ނަމާދު ޖަމާޢަތުގައިކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެއްވެއުޅުން މަދުކުރުމަށް، މުޅި ރާއްޖޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވަނީ މިރޭގެ މަޢްރިބް ނަމާދުންފެށިގެން މިމަހުގެ 30ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށެވެ.

މިޙާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގިގޮވުމަށާއި ބަންގިގޮވާއިރު "ގޭގައި ނަމާދުކުުރައްވާ"މިފަދައިން ދެފަހަރު ގޮވުމަށްވެސް އިސްލާމިކް މިނިސްޓްރީންވަނީ އަންގަވާފައެވ.

މިއީ ކޯވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެކެވެ. މިފިޔަވަޅު އެޅުމަޑށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާވަނީ ލިބިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން، ވެސް ވަނީ މީހުން ދިރިއުޅޭ ރަށެއް މޮނިޓަރިންގެ ޙާލަތަށް ގެނެސްފިނަމަ، އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ނުކުރުމަށް މީގެ ކުރިން ވެސް އަންގަވާފައެވެ. މިއީ އެއްވަގުތެއްގައި ގިނަބަޔަކު އެއްތަނަކަށް ޖަމާވުން ރައްކާތެރި ނޫންކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާތީ ނިންމާފައިވާ ނިންމުމެކެވެ.

އިސްލާމިކް މިނިސްޓްރީންވަނީ މިމުއްދަތުގައި ގިނައިން ގޭގައި ނަމާދު ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ހުކުރު ދުވަހުވެސް ހުކުރު ނަމާދުގެ ބަދަލުގައި ގޭގައި މެންދުރު ނަމާދު ކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

އިސްލާމިކް މިނިސްތްރީން އެންމެ ފުރަތަމަ މިސްކިތްތަކުގަިއ ޖަމާޢަތުގައި ނަމާދު ނުކުރުމަށް އަންގާފައިވަނީ މާލެ ސަރަހައްދާއި ރިސޯޓުތަކެވެ. އެހެންނަމަވެސް އިއްޔެ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޖަމާޢަތުގައި ނަމާދުނުކުރުމަށް އަންގާފައިވާއިރު މިއަދުމިވަނީ މުޅި ރާއްޖޭގަިއ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އަންގަވާފައެވެ.