ކޯވިޑް-19އާ ދެކޮޅަށް ސްރީ ލަންކާގައި އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް އެޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ދޫދޭން ނިންމައިފިއެވެ.
ސްރީ ލަންކާގައި މިހާތަނަށް 254 މީހަކަށްވަނީ ކޯވިޑް-19ގެ އަސަރުކޮށްފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން 7 މީހުންވަނީ މަރުވެފައެވެ. ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް މިދިޔަ މަހުގެ މެދުތެރޭގައި އެޤައުމުގައިވަނީ 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާނުކޮށްފައެވެ. އަދި މަދަރުސާތަކާއި އޮފީސްތަކާއި މިސްކިތްތައްވެސްވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ.
ސްރީ ލަންކާގެ ސަރުކާރުންބުނީ މުޅި ޤައުމުގައި ކުރިން އިޢުލާނުކޮށްފައިވާ 24 ގަޑިއިރުގެ ކާފިއު ބައެއް ސަރަޙައްދުތަކުގައި ރޭގަނޑު އަށަކުން ފަތިހު ފަހަކަށް ހޯމަ ދުވަހުން ފެށިގެން ކުރުކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ. އެސަރަޙައްދުތަކުގެ ތެރޭގައި ކޯވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑު ކޮލޮންބޯއާއި ގަމްޕަހައާއި ކަލުތަރައާއި ޕުތުލަމްގެ އަވަށްތަށް ނުހިމެނެއެވެ. ނަމަވެސް ކެންޑީއާއި ކެގޯލާއި އަމްޕާރަގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.
ބައެއް ސަރަޙައްދުތަކުގައި ކާފިއުގެ ގަޑި ކުރުކުރިނަމަވެސް އެއިން އެއްވެސް ސަރަޙައްދެއްގައި ކޯވިޑް-19 އިތުރަށްް ފެތުރިދާނެކަމަށް ބެލެވޭނަމަ އަލުން 24 ގަޑިއިރުގެ ކާފިއުއަކަށް ބަދަލުކުރާނެކަމަށް ސްރީ ލަންކާގެ ސަރުކާރުން ބުނެއެވެ. 24 ގަޑިއިރުގެ ކާފިއު ހިންގާފައިވާ ސަރަޙައްދުތަކުގެ މައި މަގުތައް ބޭނުންކުރެވޭނީ ހަމައެކަނި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމަށެވެ. އަދި ދޫދީފައިވާ ސަރަޙައްދުތަކުގެ މައި މަގުތައްވެސް ބޭނުންކުރެވޭނީ ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމަށާއި މަސައްކަތަށް ދިޔުންފަދަ މުހިންމު ބޭނުންތަކަށެވެ. މަސައްކަތަށް ދިޔުންފަދަ ބޭނުންތަކަށް މެނުވީ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން އަދިވެސް މަނާވާނެއެވެ. އަދި މަދަރުސާތަކާއި ސިމަނާތައް އަލުން ހުޅުވުމުގެ ޙުއްދައެއްވެސް ނުދޭނެއެވެ.
ކާފިއުއަށް ދޫދިނުމުން އާންމު އުސޫލާ އެއްގޮތަށް ސަރުކާރުގެ އިދާރާތަކާއި ބޭންކުތައް އަލުން ހުޅުވޭނެއެވެ. ނަމަވެސް ކޮލޮންބޯ ހިމެނޭ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ މަސައްކަތަށް ނުކުންނާނީ މުވައްޒަފުންގެ ތިންބައި ކުޅަ އެއްބައެވެ. އަދި އެހެން ސަރަޙައްދުތަކުގައި މަސައްކަތަށް ނުކުންނާނީ މުވައްޒަފުންގެ 50 އިންސައްތައެވެ. އެހެން ހުރިހާ މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި ތިބެގެންނެވެ. އިދާރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަން ދިނުމަށް ސަރުކާރުންވަނީ އަންގާފައެވެ. މަސައްކަތަށްދާ މީހުންނަށް ދަތުރުފަތުރުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްވެސް ޓްރާންސްޕޯޯޓު ބޯޑަށްވަނީ އަންގާފައެވެ. އެގޮތަށް ދަތުރުކުރާއިރުވެެސް ކޮންމެ ދުއްވާ އެއްޗަކަށްވެސް މީހުން އަރަންވާނީ ޖާގަ އޮންނަ މިންވަރުގެ ދެބައިކުޅަ އެއްބައިގެ ޢަދަދަކަށެވެ. އަދި އުޅަނދުތަކުން ޤަވާއިދުން ޖަރާސީމު ފިލުވުމަށްވެސްވަނީ އަންގާފައެވެ.
ބައެއް ފިޔަވަޅުތަކަށް ދޫދިން ނަމަވެސް ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ބިރުވެރިކަން އަދިވެސް އެއްކޮށް ފިލައިގެން ނުދާކަމަށް ސްރީ ލަންކާގެ ސަރުކާރުން ބުނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި އާންމުން ފަރުވާކުޑަ ނުކުރުމަށް ސަރުކާރުންވަނީ ނަސޭހަތްތެރިވެފައެވެ.