ޚަބަރު

މި ޙާލަތުގައި މާލެ ސަރަޙައްދުގައި ތަރާވީޙް ނަމާދުގެ ޖަމާޢަތެއް ނުބޭއްވޭނެ - ޑރ.ޒާހިރު


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި މިހާރު މިއޮތް ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ބަދަލުނުވާނަމަ ކުރިއަށްއޮތް ރަމަޟާން މަހު މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދުގެ ޖަމާޢަތް ނުބޭއްވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ރަމަޟާންމަހު ތަރާވީޙު ނަމާދުގެ ޖަމާއަތް ބޭއްވޭނީ މިހާރު މިއޮތް ހާލަތު ބަދަލުވެއްޖެނަމަ ކަމަށެވެ. މިހާރު އޮތް ހާލަތަށް ބަދަލެއް ނާންނަނަމަ ތަރާވީހު ނަމާދު ކުރަން ޖެހޭނީ ގޭގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރަށްރަށުގެ ޙާލަތު އަދި އޮތީ މިސްކިތްތަކުގައި ޖަމާޢަތް ހެދޭ ޙާލަތުގައިކަމަށްވާތީ އަތޮޅުތަކުގެ ރަށްރަށުގައި ރަމަޟާންމަހު ތަރާވީޙް ނަމާދުގެ ޖަމާޢަތް ބޭއްވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް މިނިސްޓަރ ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭގޮތުން ދޭންޖެހޭ ލަފަޔާ އިރުޝާދު އިސްލާމިކް މިނިސްޓްރީން ދެއްވަމުން ގެންދަވަނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތަރާވިޙް ނަމާދަކީ ރަމަޟާންމަހު ގިނަ ޢަދަދެއްގެ ބަޔަކު އެނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް މިސްކިތްތަކަށް ހާޒިރުވާ ނަމާދެކެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ނުރައްކަލާއެކު ދުނިޔޭގެ ބޮޑެތި އިސްލާމީ ޤައުމުތަކުންވެސްވަނީ މިސްކިތްތަކުގެ ޖަމާޢަތްތަކާއި އެނޫސްވެސް ދީނީކަންކަމުގެ އެއްވުންތައް މެދުކަނޑާލާފައެވެ.

މިއަހަރުގެ ކަލަންޑަރުގައި ވާގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިހިނގާ އެޕްރީލް މަހުގެ 24 ވަނަ ދުވަހެވެ.