ކޯވިޑް-19ގެ ސަބަބުން އެފްރިކާގައި 300،000އަށްވުރެ ގިނަ މީހުން މަރުވެ، 29 މިލިއަނަށްވުރެ ގިނަ މީހުން ފަޤީރުކަމުގެ ޙާލަތަށް ވެއްޓޭނެކަމަށް އދގެ އެފްރިކާއާބެހޭ އިޤްތިޞާދީ ކޮމިޝަން، ޔޫއެންއީސީއޭން އަންދާޒާކޮށްފިއެވެ.
އެފްރިކާގައި މިހާތަނަށް 20،000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19ގެ އަސަރުކޮށްފައެވެ. ނަމަވެސް ކުރިއަށްއޮތް ތިންމަހާއި ހަމަހާ ދޭތެރޭ މިޢަދަދު 10 މިލިއަނަށް އިތުރުވުން އެކަށީގެންވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިންވަނީ ބުނެފައެވެ.
އެފްރިކާގައި ޙާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަށާއި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް 100 ބިލިއަން އެމެރިކާ ޑޮލަރު މިހާރުން މިހާރަށް ބޭނުންވާކަމަށް ޔޫއެންއީސީއޭއިން ބުނެއެވެ. އަދި އެފްރިކާގެ ޤައުމުތަކުން އެދޭގޮތަށް އިތުރު 100 ބިލިއަން އެމެރިކާ ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖަށް އެޖަމްޢިއްޔާއިންވަނީ ތާޢީދުކޮށްފައެވެ. އޭގެ ތެރޭގައި އެޤައުމުތަކުން ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލުންވެސް ހިމެނެއެވެ.
އެފްރިކާގެ ސަރުކާރުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްއޮތްތަނުގައި މެދުވެރިވެދާނެ ހަތަރު ޙާލަތެއް ޔޫއެންއީސީއޭއިންވަނީ އަންދާޒާކޮށްފައެވެ. އެޖަމްޢިއްޔާއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ބަލިމަޑުކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއްނާޅާ ދޫކޮށްލައިފިނަމަ 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފްރިކާއިން 1.2 ބިލިއަން މީހުންނަށް ބަލިޖެހި، މިއަހަރު ތެރޭގައި 3.3 މިލިއަން މީހުން މަރުވާނެއެވެ.
އެފްރިކާގެ ގިނަ ޤައުމުތަކުގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާ، ބައެއް ޤައުމުތައް ފުރަބަންދުކޮށް، ބައެއް ޤައުމުތަކުގައި ކާފިއު އިޢުލާނުކޮށްފައެވެ. އަދި ސަރުކާރުތަކުންދަނީ އިޖުތިމާޢީ ދުރުކަން ބެހެއްޓުމަށް ޢާންމުންނަށް ނަޞޭހަތްތެތިވަމުންނެވެ. ނަމަވެސް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައިގެންވެސް 122.8 މިލިއަން މީހުންނަށް ބަލިމަޑުކަމުގެ އަސަރުކޮށް، 2.3 މިލިއަން މީހުން ހަސްފަތާލުތަކުގައި އެނދުމަތިކުރަންޖެހޭނެކަމަށް އެދިރާސާއިން ދައްކައެވެ. އެޙާލަތުގައި މަރުވާ މީހުންގެ ޢަދަދު 300،000އަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ.
އެފްރިކާގައި ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ގިނަ ހުރަސްތަކެއްވެސް އެބަހުއްޓެވެ. އެގޮތުން އެފްރިކާގެ އާބާދީގެ 36 އިންސައްތަ މީހުންނަކީ އެމީހުންގެ ގޭބިސީއަށް ފެން ނުލިބޭ މީހުންނެވެ. މުޅި ބައްރުގައިވެސް ހުރީ ކޮންމެ 1،000 މީހަކަށް 1.8 ހަސްފަތާލު އެނދެވެ. އޭގެ ބަދަލުގައި ފަރަންސޭސިވިލާތްފަދަ ޤައުމުތަކުގައި ކޮންމެ 1،000 މީހަކަށް 5.98 ހަސްފަތާލު އެނދު ހުރެއެވެ.
އެފްރިކާގެ އާބާދީގެ ގާތްގަނޑަކަށް 60 އިންސައްތައަކީ 25 އަހަރުން ދަށުގެ ޒުވާނުންނެވެ. ޒުވާނުންގެ ޢަދަދު ގިނަވުމަކީ އެފްރިކާގައި ކޯވިޑް-19ގެ ސަބަބުން މީހުން މަރުވާ ޢަދަދު ދަށްކޮށްދޭޭނެކަމެކެވެ. ނަމަވެސް އިޤްތިޞާދީ ސަރަޙައްދުތަކުގައި ދިރިއުޅޭ 54 އިންސައްތަ މީހުންނަކީ ގެދޮރުނެތް މީހުން އުޅޭ ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނެވެ. އެމީހުންގެ ތެރޭގައި އެއިޑްސާއި ޓީބީފަދަ ނުރައްކާތެރި ބަލިޖެހިފައިވާ މީހުންގެ ޢަދަދު ގިނަވުމާއި ކާބޯތަކެތި ނުލިބޭ މީހުންގެ ޢަދަދު ގިނަވުމުން ބަލިމަޑުކަމުގެ އަސަރު ފޯރުމުގެ ބިރުއޮތް މީހުންގެ ޢަދަދު ވަރަށް ގިނައެވެ.
އެފްރިކާގައި ބޭނުންކުރާ ބޭހުގެ 94 އިންސައްތަ އެތެރެކުރަނީ ބޭރު ޤައުމުތަކުންނެވެ. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ކޯވިޑް-19އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ގިނަ ބޭސްތައް ލިބުމުގައިވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެއީ ބޭސް ބޭރުކުރާ 71 ޤައުމުން ބޭސް ބޭރުކުރުން ހުއްޓާލާފައިވާތީ ނުވަތަ ބޭރުކުރާ ޢަދަދު މަދުކޮށްފައިވާތީއެވެ.
އެންމެ ރަނގަޅު ޙާލަތުގައިވެސް ކޯވިޑް-19އަށް ތަހުލީލުކުރާ ކިޓުތައް ހޯދުމަށާއި ރައްކާތެރިކަން ޔަޤީންކުރަން ބޭނުންކުރާ ސާމާނާއި ބަލިމަޑުކަމުގެ އަސަރުކޮށްގެން ހަސްފަތާލުތަކުގައި އެނދުމަތި ކުރަންޖެހޭ މީހުންނަށް ފަރުވާދިނުމަށް އެންމެ މަދުވެގެން 44 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެއެވެ. ނަމަވެސް އެޢަދަދަށް ފައިސާ އެފްރިކާގެ ޤައުމުތަކުގައި ނެތެވެ. އެއީ ކޯވިޑް-19ގެ ސަބަބުން އެފްރިކާގެ އިޤްތިޞާދަށް 2.6 އިންސައްތައިގެ ހީނަރުކަަމެއް އަންނާނެކަމަށް އަންދާޒާކުރެވޭތީވެސްމެއެވެ.
ތެޔޮ ބޭރުކޮށްގެން ނައިޖީރިޔާއަށް ލިބޭ އާމްދަނީއަށް އެކަނިވެސް 14 ބިލިއަނާއި 19.2 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވާނެކަމަށް ބެލެވެއެވެ. އެފްރިކާގެ ޤައުމުތަކުން ބޭރުކުރާ އެހެން މުދަލުގެ އަގުވެސްވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އެމެރިކާއާއި ވިލާތުގެ ޤައުމުތައް ފުރަބަންދުކޮށްފައިއޮތުމުގެ ސަބަބުން އެފްރިކާއަށް އަންނައުނުގެ ވިޔަފާރިން ލިބޭ އާމުދަނީވެސް ވަރަށް ބޮޑަށް ދަށްވާނެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ ގެއްްލުންވެސް ވަރަށް ބޮޑުވާނެއެވެ.
ޔޫއެންއީސީއޭއިން ތައްޔާރުކުރި ކަރުދާހުގައި ބުނެފައިވަނީ ކޯވިޑް-19ގެ ސަބަބުން 5 މިލިއަނާއި 28 މިލިއަނާ ދެމެދުގެ ޢަދަދެއްގެ މީހުން ވަރަށް ފަޤީރު ޙާލަތަށް ވެއްޓޭނެކަމަށް ބެލެވޭކަމަށެވެ. އެއީ ދުވާލަކަށް 1.9 އެމެރިކާ ޑޮލަރުވެސް ނުލިބޭ މީހުންނެވެ.