ކޯވިޑް-19 ފެތުރެންފެށުމުން އިނގިރޭސިވިލާތުގެ ސަރުކާރުން އެދެވޭ ފިޔަވަޅުތައް އެޅުމުގައި ލަސްކުރިކަމަށް އެޤައުމުގެ ޢާންމު ޞިއްޙަތާ ބެހޭ މާހިރެއް ތުހުމަތުކޮށްފިއެވެ.
އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުމުން އެޤައުމުގެ ސަރުކާރުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެއްނުވެއެވެ. އަދި ވިލާތުގެ އެހެން ޤައުމުތަކުގައި އަޅާފައިވާފަދަ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވުމަށް އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ދެކޮޅުހައްދަވާފައެވެ. ނަމަވެސް އެޤައުމުގައި ކުރި ދިރާސާއަކުން ކޯވިޑް-19ގެ ސަބަބުން 250،000އަށްވުރެ ގިނަ މީހުން މަރުވާނެކަމަށް ލަފާކުރުމުން މުޅި ޤައުމުވަނީ ފުރަބަންދުކޮށްފައެވެ.
އިނގިރޭސިވިލާތުގައި ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު ވަނީ 108،000އަށްވުރެ އިތުރުވެފައެވެ. އަދި ހަސްފަތާލުތަކުގައި މަރުވި މީހުންގެ ޢަދަދުވަނީ 14،000އަށްވުރެ އިތުރުވެފައެވެ. ނަމަވެސް ބަލިމަޑުކަމުގައި އެޤައުމުގައި މަރުވެފައިވާ މީހުންގެ ޖުމްލަ ޢަދަދު އެއަށްވުރެ އިތުރުވާނެކަމަށް ޤަބޫލުކުރެވެއެވެ. އެޤައުމުގައި މިހާރު އެންގެންހުރި ޢަދަދަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ މަތީ ޢަދަދެވެ.
އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ޞިއްޙަތާއި އިޖްތިމާޢީ އަޅާލުމާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޔޫސީއެލް އިންސްޓިޓިއުޓް އޮފް ގްލޯބަލް ހެލްތުގެ ޑިރެކްޓަރު އަދި ޢާންމު ޞިއްޙަތާބެހޭ މާހިރެއްކަމަށްވާ އެންތޮނީ ކޮސްޓެލޯ ވިދާޅުވީ ބަލިމަޑުކަމުގެ ސަބަބުން 40،000އަށްވުރެ ގިނަ މީހުން އިނގިރޭސިވިލާތުގައި މަރުވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އެޢަދަދަކީ ބަލިމަޑުކަމާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ލަސްކުރުމުގެ ނަތީޖާކަމަށް އޭނާ ވިދާޅުވިއެވެ.
ޞިއްޙަތާއި އިޖްތިމާޢީ އަޅާލުމާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮސްޓެލޯވަނީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވާނެކަމަށް އަންދަޒާކުރެވޭ ހިސާބަށް އިނގިރޭސިވިލާތުން ދާންޖެހުނީ ސަރުކާރުންގެ އިހުމާޅުންކަމަށް ވިދާޅުފައެވެ. އަދި ސަރުކާރަށް ގޯސްތަކެއް ހެދި، ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުން ލަސްކޮށްފައިވާފަން ޤަބޫލުކުރަންޖެެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އިނގިރޭސިވިލާތުގައި ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާންފަށާފާނެކަމަށާއި އޭގެ ފަހުންވެސް ބަލިމަޑުކަން އިތުރަށް ފެތުރިދާނެކަމަށް ދުރާލާ ތައްޔާރުވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19އަށްް ތަހުލީލުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުކުރަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ކޮސްޓެލޯގެ ތުހުމަތުތަކަށް ދެކޮޅުހައްދަވާ، އިނގިރޭސިވިލާތުގެ ސަރުކާރުގެ ވަޒީރުން ވިދާޅުވީ ސަރުކާރުން ޢަމަލުކުރަމުންދިޔައީ ޞިއްހީ ތަޖުރިބާކާރުންގެ ލަފާގެ މަތިންކަމަށާއި ޙާލަތާ އެކަށީގެންވާ އެދެވޭ ފިޔަވަޅު ސަރުކާރުން އަޅާފައިވާކަމަށެވެ.
ޞިއްޙީ މަސައްކަތްތެރިންނަށް ރައްކާތެރިކަމުގެ ސާމާނުދިނުމުގައިވެސް ޢަމަލުކުރަމުންދަނީ އެންމެ ރަނގަޅަށް ނޫންކަމުގެ ޝަކުވާވެސްވަނީ ސަރުކާރަށް އަމާޒުވެފައެވެ. އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުގައި ބުނެފައިވަނީ ޞިއްޙީ ރައްކާތެރިކަމުގެ ސާމާނު ބޭނުންވާ ވަރަށް ނުލިބޭކަމީ ފަރުވާ ދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކަށް ދޫދޭން މަޖުބޫރުވެފައިވާކަން އަންގައިދޭ ކަމެއްކަމަށެވެ. އަދި މުޅި ހަށިގަނޑަށް ރައްކާތެރިކަން ނުލިބޭފަދަ ހެދުމުގައި ބަލިމީހުންނަށް ފަރުވާދޭން ޞިއްޙީ ފަރުވާތެރިންނަށް މަޖުބޫރުވެދާނެކަމަށް އެނޫހުގައި ބުނެފައިވެއެވެ. ސަރުކާރުގެ ބައެއް ވަޒީރުންވަނީ ރައްކާތެރިވާން ޞިއްޙީ ޚިދުމަތްތެރިން ލާ ހެދުން ބޭނުންވާ މިންވަރަށް ލިބެން ނެތްކަމަށް ބުނެފައެވެ.
އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަހަށް މީހުންގެ ހަށިގަނޑު ހާނުއްވަން ސަރުކާރުން މަސައްކަތްކުރިކަމަށެވެ. އަދި އެމަސައްކަތަކީ އެޤައުމުގައި ބަލިމަޑުކަން ފެތުރުން މަދުކުރުމަށް ކުރި ތަހުލީލެއްކަމަށެވެ. ނަމަވެސް ކޮސްޓެލޯ ވިދާޅުވީ މިހާރު ބަލިމަޑުކަން ފެތުރިފައިވާ މިންވަރުން އެޤައުމުގެ އާބާދީން ބަލިޖައްސާ ވައިރަހަށް ހޭނޭނީ ގިނަވެގެން 10 ނޫނީ 15 އިންސައްތަ މީހުންކަމަށެވެ. އަދި މިހާރު ނަގާފައިވާ ރާޅުފަދަ އިތުރު 5 ނޫނީ 6 ރާޅު އަރައިގެން މެނުވީ އާބާދީގެ 60 އިންސައްތަ މީހުންގެ ހަށިގަނޑު ވައިރަހަށް ނުހޭނުވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އަވަހަށް ބައްޔަށް ވެކްސިނެއް ހޯދުން ވަރަށް މުހިންމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.