ފުޓުބޯޅަ

މަޑަގަސްކަރަ މެޗަށް ހާޟިރު ނުވުމުން ޝީޝެލްސްއަށް މެޗް ލިބިއްޖެ


މަޑަގަސްކަރަ ޓީމް މެޗަށް ހާޟިރު ނުވުމުން ޝީޝެލްސްއަށް މެޗު ލިބިއްޖެއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ސީނިއަރ ފިރިހެން ފުޓްބޯޅަ
ޓީމާއި އެއް ގްރޫޕެއްގައި ހިމެނޭ މިދެޤައުމު މިރޭ ކުޅެން އޮތް މެޗަށް މަޑަގަސްކަރަ
ޓީމް ހާޟިރުވެފައެއް ނުވެއެވެ. ނަމަވެސް އެޓީމް ހާޟިރުނުވި ސީދާ ސަބަބެއް ސާފެއް
ނުވެއެވެ.



މައުލޫމާތު ލިބިފައިވާގޮތުން ވިސާގެ މައްސަލައެއް ދިމާވެ އެޓީމަށް ރީޔޫނިއަންއަށް
ނާދެވުނީއެވެ. އެމެޗުގެ ހަތަރުވަނަ އޮފިޝަލް ރާއްޖޭގެ ރެފްރީ ޒައީމް އަލި ބުނީ
ފަނަރަ މިނިޓް ބެލުމަށްފަހު އެޓީމް ހާޟިރު ނުވުމުން ޝީޝެލްސް މެޗުން މޮޅުވީކަމަށް
ނިންމާފައިވާކަމަށެވެ. އަދި އެޓީމް ހާޟިރުނުވި ސަބަބު އޭނާއަށްވެސް ނޭންގޭކަމަށް
ރާއްޖޭގެ ރެފްރީ ބުންޏެވެ.



މަޑަގަސްކަރަ ދެން ވާދަކުރަން ޖެހޭނީ މިރޭ ރާއްޖެ އަތުން މޮޅުވީ މެޔޯޓްއާއި
ދެކޮޅަށެވެ.ޝީޝެލްސް ވާދަކުރަން ޖެހޭނީ ރާއްޖެއާއެވެ.