ޚަބަރު

އެފްރިކާގެ ޤައުމުތައް ފުރަބަންދުކުރުމުން އެތައް މިލިއަން ބަޔަކު ބަނޑުހައިހޫނުކަމާ ކުރިމަތިލަނީ


ނައިޖީރިޔާގެ އެންމެ އާބާދީ ބޮޑު ލާގޯސްގައި ދިރިއުޅޭ ޝޭހޫ އީސާ ދައިއާނޫއަކީ ހަށިގަނޑުގެ އެއްބައިގައި ވާގިނެތުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އޭނާ އާމުދަނީ ހޯދަންކުރާ މަސައްކަތަކީ ފޯނުކާޑު ވިއްކުމެވެ. ނަމަވެސް ނައިޖީރިއާގައި ކޯވިޑް-19 ފެތުރޭތީ އެޤައުމު ފުރަބަންދުކުރުމުގެ ސަބަބުން ޝޭހޫފަދަ އެތައް ހާސް ބަޔަކުވަނީ ހާލުގައި ޖެހި، ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައެވެ.

ރޮއިޓާރސްއާ ވާހަކަދައްކަމުން 53 އަހަރުގެ ޝޭހޫ ބުނީ އޭނާ އަތުގައިހުރި ފައިސާ މިހާރު ހުސްވެފައިވާކަމަށެވެ. އަދި ކުޑަ ފުށްކޮޅެއް ނޫނީ ކާންބޯން ބޭނުންކުރާނެ އެއްވެސް އެއްޗެއް އޭނާގެ އަތުގައި ނެތްކަމަށެވެ. މާރިޗު މަހުގެ 30ވަނަ ދުވަހު ލާގޯސް ފުރަބަންދުކުރުމުން ކާބޯތަކެތީގެ އެހީތެރިކަން އޭނާއަށް ފޮނުވާނެކަމަށް ފޯނަށް ފޮނުވި މެސެޖެއްގެ ޒަރީއާއިން އެސްޓޭޓުގެ ސަރުކާރުންވަނީ އަންގާފައެވެ. ނަމަވެސް ޝޭހޫ އަދިވެސް ހުރީ އެހީތެރިކަމުގެ އިންތިޒާރުގައެވެ. އިންތިޒާރަށް ނިމުމެއް އަންނާނީ ކޮންއިރަކުކަމެއް ނޭނގެއެވެ.

ދުނިިޔޭގެ ކާބޯތަކެއްޗާބެހޭ ޕްރޮގްރާމުން ބުނީ 1.2 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފްރިކާގެ 20 އިންސައްތަ މީހުންނަކީ ދުނިޔޭގައި ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިންވެސް ރަނގަޅު ކާނާ ނުލިބޭ މީހުންކަމަށެވެ. އެއީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު އެންމެ މަތީ ނިސްބަތެވެ. އެފްރިކާއަކީ ފަޤީރުން އެހާ ގިނަ ބައްރެކެވެ. ބަލިމަޑުކަމުގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ޙާލަތުގައި ކާބޯތަކެތީގެ އަގު އުފުލިފައިވާ ދަނޑިވަޅުގައި ސަރުކާރުތަކުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ބޭރު ޤައުމުތަކުން ކާބޯތަކެތި އެތެރެކުރުމުގެ މައްޗަށް ބަރޯސާވާ ޤައުމުތަކުގެ ޙާލަތު ގޯހުންގޯހަށް ދާނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ނައިޖީރިއާއާއި ކެންޔާއާއި ދެކުނު އެފްރިކާގައި މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދުވަހު މުސާރާއަށް ބަރޯސާވާ އެތައް މިލިއަން މީހުންނަށްވަނީ ކާބޯތަކެތި ހޯދާނޭ މަގުތައް ބަންދުވެފައެވެ. އެފްރިކާ ބައްރުގެ މަސައްކަތްތެރިންގެ ތެރެއިން 85 އިންސައްތަ މީހުންނަކީ އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ މީހުންނެވެ. އެމީހުންގެ އަތުގައި ފަހަށް ރައްކާކޮށްފައި އެއްވެސް ފައިސާއެއް ނުހުރެއެވެ. އެމީހުންނަށް މިހާރުވަނީ ފައިސާ ހޯދޭނެ އެއްވެސް ގޮތެއް ނެތި، ގޭގައި މަޑުކުރުމަށް މަޖުބޫރުވެފައެވެ.

ރަށުތެރެ އޮތީ ހަނގުރާމައިގެ މައިދާނެއްހެން

ހިލޭ ސާބަހަށް މަސައްކަތްކުރާ ލާގޯސް ފުޑް ބޭންކް އިނިޝިއޭޓިވުން ބުނީ އެސިޓީގައި ދިރިއުޅޭ 20 މިލިއަން މީހުންގެ ތެރެއިން ކޮންމެ 7 މީހުން ތެރެއިން އެކަކަކީ ޢާންމު ޙާލަތްތަކުގައިވެސް ކާބޯތަކެތި ހޯދުމުގައި ދަތިިތަކާ ކުރިމަތިލާ މީހުންކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން އިތުރު އެތައް މިލިއަން މީހުނެއްވަނީ އެޙާލަތަށް ވެއްޓިފައެވެ. ފުރަބަންދުކުރުމުން ޢާންމުން ގަނޑުކޮށް ތަކެތި ގަންނަން ފެށުމުގެ ސަބަބުން ތަކެތީގެ އަގުވެސް މިހާރުވަނީ އާދަޔާ ޚިލާފަށް އުފުލިފައެވެ. ބޭރު ޤައުމުތަކުން ގެނެސްގެން ވިއްކާ ހަނޑުލުގެ އަގުވަނީ 11 އިންސައްތަ އުފުލިފައެވެ. ބައެއް ކާޑުގެ ބާވަތްތަކުގެ އަގުވަނީ ދެގުނައަށް އުފުލިފައެވެ. ކާބޯތަކެއްޗަށް ޖެހި، ގިނަ ޢަދަދެއްގެ މީހުންދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަމަށް އެދެމުންނެވެ. ބައެއް މީހުން ކާބޯތަކެތި ހޯދުމަށް ފައިމަގުގައި 5 ގަޑިއިރުގެ ދިގު ރާސްތާތައް ދަނީ ކަޑައްތުކުރަމުންނެވެ.

ލާގޯސްގެ ސަރުކާރުންދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތްކުރަމުންނެވެ. މިދިޔަ ހަފުތާގައި އެކަނިވެސް ކާބޯތަކެތީގެ 200،000 ޕެކު ސަރުކާރުންވަނީ ބަހާފައެވެ. ވީއެންމެ އަވަހަކަށް 2 މިލިއަނެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޤައުގެ ސަރުކާރުންވަނީ އަމާޒުހިފާފައެވެ. ނަމަވެސް ކާބޯތަކެތި ފޯރުކޮށްދިނުމުގައިވެސް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ. ހަދިޔާކުރާ ކާބޯތަކެތީގެ މިންވަރު މަދުވުމުން ގިނަ ބަޔަކުވަނީ ރުޅިވެރިކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ބައެއް ޖަމްޢިއްޔާތަކުންދަނީ ކާބޯތަކެތި ހިފައިގެންދާ އުޅަނދުތައް ހުއްޓުވާ، ހަތިޔާރުން ބިރުދައްކާ ފޭރެމުންނެވެ. ރަށުތެރެވަނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. ހާލުގައި ޖެހިފައިވާ މީހުންނާ ހަމައަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ފުލުހުންގެ އެހީތެރިކަން ހޯދުން ނޫންގޮތެއް ނެތެވެ.

އަންދާޒީ ހިސާބުތައް ގޯސްވުން

ކެންޔާގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދަނީ ވެރިކަންކުރާ ސިޓީކަމަށްވާ ނައިރޯބީގައެވެ. އެސިޓީއަށް ވަދެނުކުތުން މިހާރުވަނީ އެއްކޮށް ބަންދުކޮށްފައެވެ. އެސިޓީގައި ހާލުގައި ޖެހިފައިވާ ގެދޮރުނެތް އެތައް ސަތޭކަ މީހުން އުޅެއެވެ. ސަރުކާރުގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާވަނީ ވަރަށް ފަހުން އެފަދަ ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެއްޗެހި ބެހި ވަގުތު މީހުން ގިނަވެ ތޮށްޖެހުމުގެ ހާދިޘާއެއްވަނީ ހިނގާފައެވެ. އެއަށްފަހު ސަރުކާރުންވަނީ ސަރުކާރު މެދުވެރިވެގެން ނޫން ގޮތަކަށް އެހީތެރިކަން ފޯރުނުކުރުމަށް އަނގާފައެވެ. ނަމަވެސް އޭގެ ސަބަބުން އެސިޓީގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުން އެކަށީގެންވާކަމަށް މާހިރުން ޤަބޫލުކުރެއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ހިންގާ މީހަކު ބުނީ ކޮރޯނާވައިރަހަށް އޮތް ބިރަށްވުރެ ކާބޯތަކެތީގެ މުހިންމުކަން ބޮޑުވެފައިވާކަމަށެވެ. އަދި ކާބޯތަކެތި ހޯދުމަށް ފުރާނަ އަތްމައްޗަށް ލައިގެން ނަމަވެސް މީހުން މަސައްކަތްކުރާކަމަށް އޭނާ ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ސޯޝަލް ޑިވެލޮޕްމަންޓުން ބުނީ އެސަރަޙައްދުގައި ދިރިއުޅޭ ގެދޮރުނެތް މީހުންނާއި ފަޤީރުންގެ ޢަދަދު އެންމެ ރަނގަޅަށް އަންދާޒާކުރެވިފައި ނުވާކަމަށެވެ. އޭގެ ސަބަބުން އެދެވޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިވަނީ ގިނަ ހުރަސްތަކަކާ ކުރިމަތިލާންޖެހިފައެވެ. އަދި މިހާރު ސަރުކާރުންވެސްދަނީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް އެހީތެރިކަމަށް ސަލާންޖަހަމުންކަަމަށް އެޑިޕާޓްމަންޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.