ޚަބަރު

ފިޔަވަޅުއަޅަން ފެށުމާއެކު 7 މިނެޓްތެރޭގައި 74 މީހުން ހައްޔަރުކޮށްފި


މަގުމަތީގައި އުޅޭމީހުންނާމެދު ފިޔަވަޅުއަޅާނެކަމަށް ފުލުހުން އެންގުމަށް ފަހު، 7 މިނެޓްތެރޭގައި މަގުމަތީގައި އުޅުނު 74 މީހުން ހައްޔަރުކޮށްފިއެވެ.

މާލެ ސަރަހައްދުގައި 14 ދުވަހަށް ފުރަބަންދު އިއުލާންކުރުމާއެކު މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން ވަނީ މަނާކޮށްފައެވެ.

މިރޭ 20:30 ގެ ފަހުން މަގުމާތީގައި އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވަނީ މިރޭ 20:15 އެހާއިރުގައެވެ. އެއާއެކު ފުލުހުން މިހާރުދަނީ މަގުމަތީގައި އުޅޭ މީހުން ގެއަށް ވަނުމަށާއި ބޭރުގައި އުޅޭ ނަމަ ފިޔަވަޅުއަޅާނެކަން އަންގައި މަގުމަތީގައި އަޑުގަދަކުރާބޭނުން ކޮށްގެންނެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަބްރޫކްއަޒީޒް ވިދާޅުވީ މިރެއިން ފެށިގެން މަގުމަތީގައި އުޅޭމީހުން ގެއަށްވެއްދުމުގެ މަސައްކަތް ކުރާނެކަން ފުލުހުންހާމަކުރައްވާފައިވާކަމަށާއި، އެގޮތުން 20:30 ފެށިގެން 20:37 ހަމައަށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަމަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ މިރެއިން ފެށިގެން މަގުމަތީގައި އުޅޭ މީހުންނާމެދު ފިޔަވަޅުއަޅަމުންދާނެކަމަށާއި، އެގޮތުން ފުރަތަމަފަހަރަށް ޖޫރިމަނާކުރާއިރު، ދެވަަނަ ފަހަރަށް މަގުމަތީގައި އުޅެއްޖެނަމަ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރު ކުރަމުންދާނެކަމަށެވެ.

މިހާރުވެސް ފުލުހުން ބައެއް މީހުން ހައްޔަރުކޮށްގެންދާތަން ފެންނަ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ.

މަގުމަތީގައި ހުއްދަނެތި އުޅޭމީހުންނާމެދު ފިޔަވަޅުއެޅިނަމަވެސް ފިޔަވަޅުތަކުން އިސްތިސްނާވާނެ ފަރާތްތައް:

ސިފައިންނާއި ފުލުހުން
ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
އެމްބިއުލަންސް
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތައް
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ މީޑިއާތައް
ފުލުހުން ހުއްދަދޭ ފަރާތްތައް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައި އެކަންވަނީ ޢިއުލާންކުރައްވާފައެވެ. ވަކި ގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަމުރުކުރައްވާފައެވެ.