ޚަބަރު

ކޯވިޑް-19 : ލައްކަ އަކަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، ނުރައްކާ އަހަރެއްހާ ދުވަހަށް ހިނގައިދާނެ


ކޯވިޑް-19ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ ވެރިރަށް މާލެތެރެއިން ބަލިމީހުންފެނި މިހާރު ކުރިމަތިވެފައިވާ ޙާލަތު ކޮންޓްރޯލްނުވެއްޖެނަމަ، ލައްކައަކަށްވުރެ ގިނަ މީހުންނަށް ރާއްޖެއިން މިބަލި ޖެހިދާނެކަމަށާ، އަދި މިނުރައްކާތެރިކަން އަހަރެއްހާ ދުވަހަށް ދިގު ދެމިގެން ހިނގައިދާނެކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ލަފާކުރައްވައިފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުުވުމުގައި، ޑިސްޓްރިކްޓް ހެލްތު ބޯޑު އޮން ވައިކާޓޯ ނިއުޒީލެންޑްގައި މަސައްކަތްކުރައްވާ ދިވެހި ޑޮކްޓަރެއްކަމަށްވާ ޑރ.ޝީނާ މޫސާ ވަނީ ބައިވެރިވެވަޑައިގެން ކޯވިޑް-19ގެ ރާއްޖޭގެ މިހާރުގެ ޙާލަތާއި ކުރިއަށްއޮތް ދުވަސްތަކުގައި މިޙާލަތު ބަދަލުވެގެންދާނެކަމަށް ލަފާކުރެވޭ ކަންތައްތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

އޭނާއަކީ ރާއްޖޭގެ ހެލްތު މިނިސްޓްރީގެ އިސް މަޤާމުތަކެއްވެސް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާގެ ޕްރެޒެންޓޭޝަނުގައި ފާހަގަކުރައްވާފައިވަނީ މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކަށް ބަލާއިރު އިޖުތިމާޢީ ދުރުހެލިކަން މިހާރު ރާއްޖޭގައި ހުރިގޮތަށް ބަލާއިރު، ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެތެރޭގައި 22،000އަށްވުރެ ގިނަ މީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެދާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އަދި މިޙާލަތު ބަދަލުނުވެ މިގޮތަށް ކުރިއަށްދާނަމަ ރާއްޖެއިން 2000 އެއްހައި މީހުން މަރުވުން ވަރަށް ގާތްކަމަށްވެސް ޑރ.ޝީނާ ވިދާޅުވިއެވެ. އަދި މިހާރު އަޅުގަނޑުމެން ގުނަމުންމިދާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ޙާލުދެރަވެގެން ވެންޓިލޭޓަރުގެ އެހީ ހޯދަންޖެހޭ މީހުންގެ ޢަދަދު އިތުރުވެގެންދާނެކަމަށް ލަފާކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއާއެކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންވެސް އިތުރުވެ ފަރުވާދިނުމަށްވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާކަމެއްކަމަށެވެ. ރާއްޖޭގައި މިހާރު މިއޮތް ހާލަތާއެކުވެސް ގާތްގަނދަކަށް 4000 މީހުންނަށްވުރެ މަދުނޫން ޢަދަދެއްގެ މީހުން އެޑްމިޓް ކުރަން ޖެހިދާނެކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ވަޞީލަތްތަކާއި ޚިދުމަތްދިނުމުގެ ފުޅާމިން ހުރިގޮތުން ކުއްލިއަކަށް މިހާ ގިނަ ޢަދަދެއްގެ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދިނުމުގައި ދަތިތަކެއް ކުރިމަތިވެ ކޮންމެވެެސް ބަޔަކަށް އެކަށީގެންވާގޮތުގައި ފަރުވާ ނުލިބި ދިއުމަކީ އެކަށީވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާ ބާރު ސްޕީޑެއްގައި މިބަލި ރާއްޖެއަށް ފެތުރެމުންދާނަމަ އެކަމާ ކުރިމަތިލާނެ ކެޕޭސިޓޭއް ރާއްޖޭގައި ނެތްކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ޑރ.ޝީނާ ވިދާޅުވީ އެނެމް ނުރައްކާތެރި ޙާލަތުގައި ފަރުވާ ނުދެވި އެތައްބަޔަކު ދޫކޮށްލަން މަޖުބޫރުވެދާނެކަމަށެވެ. މިހާރު ޙާލަތު ގޯސްވަމުންދާ ނިސްބަތުން ދާނަމަވެސް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ހޮސްޕިޓަލް އެނދެއް ނެތްކަމަށާ، އެޢަދަދަށް ރާއްޖޭގައި ސިއްޙީ ޚިދުމަތްތެރިންނެއް ވެސް ނެތްކަން ޑރ.ޝީނާ ފާހަގަކުރެއްވިއެވެ.

މިހާރުގެ ޙާލަތަށް ބަލާއިރު ރާއްޖޭގެ އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރިގެންދާނެކަމަށް ބެލެވެނީ ކުރިއަށް މިއޮތް ރަމަޟާންމަހުކަމަށާ، ގޮތްހުސްވެ ފަރުވާނުދެވި ބަލިމީހުން ދޫކޮށްލަން ޖެހޭ ޙާލަތަކަށް ދިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުމަށް ޑރ.ޝީނާ ގޮވާލެއްވިއެވެ. އަދި އެއްގޮތަކަށްވެސް ބޭރުތެރެއަށް ނުނުކުމެ ގޭގައި ތިބުމަށާއި ޞިއްޙީ އިދާރާތަކުގެ އިރުޝާދުތަކަށް ޢަމަލުކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.