ފުޓުބޯޅަ

މިގޭމްސްއަކީ ބައެއް ސީނިއަރ ކުޅުންތެރިންގެ ފަހު މުބާރާތް- ޕޮޕޯވް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ސީނިއަރ ބައެއް ކުޅުންތެރިންގެ ފަހު
މުބާރާތްކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ވެލިޒަރ ޕޮޕޯވް ބުނެފިއެވެ.އިންޑިއަން
އޯޝަން އައިލެންޑް ގޭމްސްގައި ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމްގެ ފުރަތަމަ މެޗްގައި
މަޔޯޓް އަތުން ތިނެއް އެކަކުން ބަލިވި މެޗަށްފަހު ޤައުމީ ކޯޗް ޕޮޕޯވް ބުނީ މެޗުން
ބަލިވި ނަމަވެސް ޒުވާނުން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް
ހިތްހަޖެހޭކަމަށެވެ. އަދި އެކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރު އަދާކުރާކަމަށްވެސް
ކޯޗު ބުންޏެވެ. 

ޕޮޕޯވް ބުނީ މަޔޯޓް ޓީމަކީ ވަރަށް ވަރުގަދަ އަދި މޮޅު ޓީމެއް ކަމަށެވެ.
މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެއަށް މޮޅަށް ކުޅެވުނުކަމަށާ ނަމަވެސް ދެވަނަ
ހާފްގައި އިދިކޮޅު ޓީމުން ފިޒިކަލް ފުޓްބޯޅައެއް ކުޅެން ފެށުމުން ރާއްޖެއަށް
މެޗްގެ ކޮންޓްރޯލް ގެއްލުނީކަމަށް ޕޮޕޯވް ބުންޏެވެ. މިޓީމްތަކަކީ އެފްރިކާ އަދި
ފްރާންސްގެ ބައެއް ކުލަބްތަކުގައި ކުޅޭ ކުޅުންތެރިންކަންވެސް  ޕޮޕޯވް ފާހަގަކުރިއެވެ. އަދި މެޗުގައި
ލީޑްކުރަންޖެހޭ ތަޖުރިބާ ކާރު ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމުގެ ސަބަބުން
ވަރަށް ބޮޑަށް ނާއުއްމީދުވެފައިވާކަމަށްވެސް ޕޮޕޯވް ބުންޏެވެ.



" މެޗްގެ އެންމެ ހިތްހަމަޖެހޭކަމަކީ ޒުވާން ކުޅުންތެރިންކަމަށްވާ ނާއިޒް،
ހަމްޒާ އަދި އިމާޒް ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. އެކުޅުންތެރިން ވަރަށް
ބުރަކޮށް މަސައްކަތްކުރި. އެކުޅުންތެރިންނަކީ ފުޓްބޯޅައިގެ މުސްތަޤްބަލް. ޒުވާން
ކުޅުންތެރިންނާމެދު ބުނާނެ އެއްވެސް އެއްޗެއްނެތް. ނަމަވެސް ބައެއް ސީނިއަރ
ކުޅުންތެރިން މިއަދު އަހަރެން ވަރަށް ނާއުއްމީދުކޮށްލައިފި. އެމީހުން ވިސްނަނީ
ފޭސްބުކް، އިންސްޓަރގްރާމް، ހެއާރ ސްޓައިލް އަދި އަންހެން ކުދިންނާ ދޭތެރޭގައި."
ކޯޗު ބުންޏެވެ.