ޚަބަރު

ކޯވިޑް-19 ރަމަޟާންމަހުގެ އަޅުކަމުގެ ޙަރަކާތްތައް ބޭއްވުމުގައި ސަމާލުވޭ: ޑަބްލިއުއެޗްއޯ


ކުރިއަށް އޮތް ރަމަޟާން މަހު ރޯދަ ހިފުމާއި އަޅުކަމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އިސްލާމީ ޤައުމުތަކުން މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް ނަވާރައިގެ ޙާލަތަށް ރިޢާޔަތްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އިލްތިމާސްކުރައްވައިފިއެވެ.

އެޖަމްޢިއްޔާއިން ޢާއްމުކުރި ބަޔާނެއްގައި ވިދާޅުވީ، އިސްލާމީ ޤައުމުތަކުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު އަޅުކަމުގެ ގިނަ އެއްވުންތަކާއި އެއްބައިވަންތަ ކަމުގެ ގިނަ ޙަރަކާތްތަކެއް ރޯދަ ވީއްލާ ގަޑިއާއި ހާރު ދަމު ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ތަރާވީޙާއި އިޢުތިކާފާއި ރޯދަ ވީއްލުމަށް ބާއްވާ އެކި ބައްދަލުވުންތަކަކީ ކޯވިޑް ނަވާރަ ފެތުރުމަށް އޮތް ފުރުސަތެއްކަން ޑަބުލިޔުއެޗްއޯއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިދުވަސްވަރު ޢާއްމުކޮށް މީހުން އެއްވެ އުޅުމަކީ ރައްކާތެރިކަމެއް ނޫންކަން ފާހަގަކުރައްވާ ޖަމާއަތުގެ އަޅުކަމާއި ގުޅުންހުރި ކަންކަން ކުރިއަށް ގެންދާނަމަ އެންމެ ފުރަތަމަވެސް އެޤައުމެއްގައި ވައިރަހުގެ ނުރައްކާ އޮތް މިންވަރެއް ބެލުމަށްވަނީ އިރުޝާދުދެއްވާފައެވެ.

އަދި މިޙާލަތުގައި ކަމާބެހޭ ފަރާތްތަކުން ދެއްވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަންކަން ނިންމުމަށް ވަނީ ބާރުއަޅުއްވާފައެވެ. އަދި ހަމައެއާއެކު މިދަނޑިވަޅުގައި އިސްލާމީ ޤައުމުތަކުގައި އަޅުކަމާއި ގުޅުންހުރި ކަންކަން ނިންމުމުގައި ދީނީ ޢިލްމުވެރިންގެ މަޝްވަރާއާއި ރަޢުޔުހޯދުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މިދަނޑިވަޅުގައި އިޖުތިމާޢީ ގައިދުރުކަން ކަށަވަރުކުރުމުގެ މުހިއްމުކަމާއި ވައިރަހުގެ ނުރައްކާ އެސަރަޙައްދެއްގައި ބޮޑުވެފައިވާނަމަ އެއްވެ ނޫޅުމަށް ވަނީ އިރުޝާދުދެއްވާފައެވެ.

އަދި އަޅުކަމާއި ގުޅުންހުރި ކަންކަމުގައި މިސްކިތްތަކާއި އެހެނިހެންވެސް ތަންތަނުގައި ބައްދަލުވުންތައް ބޭއްވި ނަމަވެސް އިޖުތިމާޢީ ގައިދުރުކަން ހިފެހެއްޓުމަށްވަނީ ނަސޭޙަތްތެރިވެފައެވެ. އަދި އާއްމުކޮށް މީހުން އެއްވާ މިސްކިތްފަދަ ތަންތަން ހުޅުވާފައި ހުންނަނަމަ އެތަންތަން ގަވާއިދުން ޑިސްއިންފެކްޓްކުރުމަށް ވަނީ ޑަބުލިޔުއެޗްއޯއިން ވަނީ އިރުޝާދު ދީފައެވެ.. އަދި މިއީ ހުރިހާ ފަރާތަކަށްވެސް ދަތި ދަނޑިވަޅެއްކަމަށާއި މިފަދަ ވަގުތެއްގައި ޞަދަގާތްކުރުމާއި ޒަކާތުގެ ގޮތުގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަޅާލުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފައިވެއެވެ.

އަދި މިބަލި ޖެހޭ މީހުން ރޯދައަށް ތިބުމުގެ ސަބަބުން ފަރުވާއަށް ހުރަސްއެޅިދާނެކަމަށާއި އެފަދަ ފަރާތްތަކުން ރޯދަ ދޫކޮށްލުމަށް ޑޮކްޓަރުންގެ ފަރާތުން ލަފާހޯދުމަށް ޑަބްލިއުއެޗްއޯގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ޢުމުރުން ދުވަސްވީމީހުން މިދުވަސްވަރު ބޭރަށް ދިޔުމާއި މީހުން އެއްވާ ތަންތަނަށް ދިޔުން ހުއްޓާލުމަށާއި އަދި ނަފްސާނީ ގޮތުން ދުޅަހެޔޮކަންމަތީ ތިބުމަށް ހެލިފެލިވެ އުޅުމަށް ހުރިހާ ފަރާތަކަށް ޑަބުލިޔުއެޗްއޯއިން އިރުޝާދު ދީފައި ވެއެވެ.