ޚަބަރު

ކޯވިޑް-19 : މާލެއިން މިއަދު ދެވަނަ މީހަކު ޕޮޒިޓިވްވެއްޖެ


މާލެއިން މިއަދު ދެވަނަ މީހަކު ކޯވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ މާލެއިން މިބައްޔަށް ޕޮޒިޓިވްވި ހަތްވަނަ މީހާއެވެ.މިއާއެކީގައި މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 27 އަށް އަރާފައެވެ.

ކޯވިޑް19 އަށް މިއަދު ފުރަތަމަ ޕޮޒިޓިވްވި މީހަކީ މާލެއިން، މިބައްޔަށް ޕޮޒިޓިވްވި 3 ވަނަ މީހާއާ ސީދާ ދިމާވި މީހުންގެތެރެއިން މިބައްޔަށް ޕޮޒިޓިވްވި މީހެކެވެ.

މާލެއިން ކޯވިޑް-19އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވިކަން މިދިޔަ ބުދަދުވަހު ހާމަވެފައިވާއިރު މިމީހާއާއެކު މިހާތަނަށް މާލެއިން 7 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްފައިވަނީ 27 މީހެކެވެ. މީގެ ތެރެއިން 7 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން.

މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން:
15 އޭޕްރީލް 1 ކަކު
16 އޭޕްރީލް 2 މީހުން
17 އޭޕްރީލް 4 މީހުން

މާލެއިން ކޯވިޑް-19 އަށް ފުރަތަމަފަހަރަށް މީހަކު ޕޮޒިޓިވްވީކަން ހާމަވީ މިދިޔަ ބުދަދުވަހުއެވެ. އެދުވަހުގެ ރޭވަނީ އިތުރު ދެމީހަކު ޕޮޒިޓިވްކަން ހާމަވެފައެވެ. މި 3 މީހުންނާ ސީދާ ދިމާވި މީހުންގެ ތެރެއިން ރިސްކުބޮޑު 82 މީހަކު ފާހަގަ ކުރެވި އެމީހުންވަނީ ކަރަންޓީން ފެސިލިޓީސްތަކަށް ގެންދެވިފައެވެ. އަދި ބަލި ޖެހުނު އެންމެންނަށް ދަނީ އައިސޮލޭޝަން ފެސިލިޓީސްތަކުގައި ފަރުވާދެމުންނެވެ.

މާލެއިން ފުރަތަމަ ޕޮޒިޓިވްވި 3 މީހުންނާ ސީދާ ދިމާވި ގިނަބަޔަކު މިހާތަނަށް ވަނީ ދެނެގަނެވިފައެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 2 މީހުންނާއި ސީދާ ދިމާވި މީހުންގެ ތެރެއިން 75 މީހުން، ހައި ރިސްކް މީހުންގެ ގޮތުގައި ބެލެވޭކަމަށާއި، މީޑިއަމް ރިސްކު މީހުންގެ ގޮތުގައި 43 މީހަކު ފާހަގަކުރެވިފައި ވާކަމަށާ، ލޯ ރިސްކު މީހުންގެ ގޮތުގައި 89 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އެންގިފައެވެ.