ޚަބަރު

ކޯވިޑް-19 : އެތައް އާދޭހަކާއެކު ދެއްވި އިރުޝާދަށް ދެވުނީ ބީރު ކަންފަތެއް


ކޯވިޑް 19 އިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ޞިއްޚީ ބޭފުޅުންގެ އިރުޝާދުތަކާއިއެކު ދުރާލާ ދިޔައީ ފިޔަވަޅުތައް އެޅެމުންނެވެ. ރައްޔިތުންނަށް އެތަކެއް އިލްތިމާސްތަކެއް ދެއްވައި، އެކަންކަމަށް އަމަލުކުރުމަށް އާދޭހާއިއެކު އެބޭފުޅުން ދިޔައީ ތަކުރާރުކޮށް ދަންނަވަމުންނެވެ. ނަމަވެސް އެކަންކަމަށް އެކަށީގެންވާ އިޖާބައެއް ނުދެވުނުކަމީ މިއަދު ފެންނަން އޮތް ހަގީގަތެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖެއިން ފިޔަވަޅުތައް އަޅަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. ބައްޔާއި ގުޅިގެން ހޯދޭ ހޯދުންތަކާއި، ދުނިޔެއަށް މިކަމުގެ ސަބަބުން އޮތް ބިރުވެރިކަމުގެ ވާހަކަތައް ކޮންމެ ދުވަހަކު ދިޔައީ ހާމަކުރައްވަމުންނެެ. މާރޗް މަހުގެ 12 ވަނަ ދުވަހުނެ ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިހާތަނަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއިއެކު މުޖުތަމައުގައި ބަލި ފެނުން ލަސްކުރެވުނެވެ.

ރާއްޖެއިން ކޯވިޑު 19 އަށް ޕޮޒިޓިވް ވި މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ މާރޗް މަހުގެ 7 ވަނަ ދުވަހުއެވެ. މާރޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް ރާއްޖޭގެ ރައްޔިތުންނަށް މިބަލީގައި މުޖުތަމައުގެ ބިރުވެރިކަމެއް ފެނިފައެއްނުވެއެވެ. ނަމަވެސް ބަލި ރާއްޖެއިން ފެނުނުތާ 40 ވަނަ އަށް ވީދުވަހު މާލެއިން ބަލި ފެނިގެން ދިއުމާއެކު މުޅި ރާއްޖެއަށް ހިތްދަތިކަމާއި މޮޅިވެރިކަމާއި ހާސްކަންވަނީ ލިބިފައެވެ. މާލެއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވިކަން ހާމަކުރުމާއެކު ރައްޔިތުންނަށް ވަނީ ކުއްލި ޝޮކެއްލިބިފައެވެ.

ރާއްޖެއިން މިއަދު މަސައްކަތް ކުރަމުންދަނީ އެމީހާއާއި ސީދާ ދިމާވި މީހުން ދެނެގަނެ، މުޖުތަމައުގައި ބަލި ފެތުރޭ މިންވަރުކުޑަކޮށް ރާއްޖޭގެ ޞިއްޚީ ނިޒާމަށް ބާރުކުޑަވާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަށެވެ. މިކަމުގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތީ ދިވެހި ރައްޔިތުންނަށެވެ. ޑޮކްޓަރުންނާއި، ޞިއްޚީ ބޭފުޅުން މިކަމުގައި ތަކުރާރުކުރި އާދޭހަށް އިޖާބަދީ ގޭގައި ތިބުމެވެ.

ރާއްޖޭގެ މުޖުތަމައަށް ކޯވިޑްގެ ނުރައްކާ އޮތްކަން އެގި ބަލިން ރައްކާތެރިވުމަށް ދެންނެވުނު ދެންނެވުންތަކަށް އިޖާބަ ނުދެވުނުކަން ހާމަވެގެން މިދަނީ މިއަދު މިކަމުގައި ކުރަންޖެހޭ މަސައްކަތްތަކުންނެވެ. މުޖުތަމައުގައި ގައި ދުރުކަން ބަހައްޓައި، ބޭރަށް ނުނިކުތުމަށް ތަކުރާރުކޮށް ދެންނެވުނު އާދޭސްތަކަށް ބީރު ކަންފަތެއް ދެވުމުގެ ބުރަ ޞިއްޚީ ހިދުމަތްތެރިންނަށް އުފުލަން ޖެހިފައިވާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިކަމުގެ ބިރުވެރިކަމާވަނީ ކުރިމަތިލާންޖެހިފައެވެ.

ކޯވިޑް 19 ގެ ރާއްޖޭގެ ޓެގް ޓީމްގައި ހިމެނި ވަޑައިގަންނަވާ ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާލަތުން އަރައިގަތުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އޮތީ ރައްޔިތުންގެ އަތްމަތީގައިކަމަށެވެ. މިހާލަތަށް ރާއްޖެ ދިޔައީވެސް ދެއްވި އިރުޝާދުތަކަށް އަޑު ނޭހުމުންކަމަށެވެ. މިކަމުން އަރައި ގަނެވޭނީ އަނެއްކާވެސް އެއާދޭސްތަކަށް އިޖާބަދީގެންކަމަށެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމަށް ނުކަތާ ވަރަށް ބަލި ފެނި، ކޮންޓްރޯލް ނުވާ ހިސާބަށް ނުދާނޭ ގޮތަކަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް ޑރ.އަފްޒަލް ވަނީ ތަކުރާރުކޮށް އަނެއްކާވެސް އިލްތިމާސް ކުރައްވާފައެވެ.

ރައްޔިތުންނަށް ކުރިމަތިވެފައިމިވާ ހިއްދަތި އުދަނގޫ ދަނޑިވަޅުގައި ކެތްތެރިކަމާއިއެކު ބަލިން އަރައިގަތުމަށް ގޭގައި ތިއްބެވުމަކީ މިވަގުތު ޞިއްޚީ ބޭފުޅުންނަށް ކޮށްދެވެން އޮތް ކަންތަކެވެ. ޤައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށް ރެއާއި ދުވާލު ޞިއްޚީ ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތައް ރައްޔިތުންގެ ފުރިހަމަ އިޖާބަ ދޭންވީ ވަގުތަކީ މިއީއެވެ. މިވަގުތު ޤައުމުގެ ކޮންމެ ކަމެއް ނިންމުމާއި، ޤައުމުގެ ފަހުބަސް ބުނުމުގެ ބާރު އޮތީވެސް އެބޭފުޅުންގެ އަތްމަތީގައެވެ.

ރާއްޖޭގެ ރައްޔިތުންނަކީ ޤައުމަށް ދިމާވެފައިވާ މިފަދަ ކޮންމެ ހާލަތެއްގައިވެސް ކެތްތެރިކަމާއިއެކު ކުރިމަތިލައި ކާމިޔާބީއާއި ހަމަޔަށް ވާސިލްވެފައިވާ ރައްޔިތަކު ދިރިއުޅޭ ޤައުމެކެވެ. ކޮލެރާގެ ނުރައްކާތެރި ބަލި މަޑުކަމާއި، ބޮޑުތަދުގެ ހިއްދަތި ދުވަސްތަކާއި، ސުނާމީގެ ހިތްދަތި ހާދިސާއިންވެސް ދިވެހިން އަރައިގަތީ ކެތްތެރިކަަމާއި އެއްބައިވަންތަކާއިއެކު ކުރި މަސައްކަތުންނެވެ. މިހުރިހާ ހާލަތަކަށްވުރެ މިއަދުގެ ދިމާވެފައިވާ ހަލަތަކީ މާނުރައްކާތެރި ބިރުވެރި ހާލަތެކެވެ. މިހާލަތަކީ އެކަކު އަނެކަކާއި ދިމާވެ ބައްދަލުނުވެވި ތިބެ ޤައުމު ސަލާމަތް ކުރުމުގައި އެއްބައިވަންތަކަން ދައްކަންވީ ހާލަތެވެ.