ޚަބަރު

އޮސްޓްރެލިޔާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭނީ 4 ހަފުތާ ފަހުން


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އޮސްޓްރޭލިޔާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ގެންނާނީ 4 ހަފުތާ ފަހުންކަމަށް އެޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މޮރިސަން އެގޮތަށް ނިންމެވީ އޮސްޓްރޭލިޔާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ސަރުކާރުން ގެންނާނެކަމަށް އެޤައުމުގެ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް އޮސްޓްރޭލިޔާއިންވަނީ ދުރާލާ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އެޤައުމަށް އެތެރެވުން މަނާކުރުމާއި އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމަށް ބާރުއަޅާ އެކަން ތަންފީޒުކުރުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން އެޤައުމުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ދުނިޔޭގެ އެހެން ޤައުމުތަކާއަޅާބަލާއިރު ނިސްބަތުން މަދެވެ. އޮސްޓްރޭލިޔާގައި ކޯވިޑް-19 ޖެހިފައިވަނީ 6,468 މީހުންނަށެވެ. އަދި ބަލިމަޑުކަމުގައި މަރުވެފައިވަނީ 63 މީހުންނެވެ. އެއީ ކޯވިޑް-19އާ ދެކޮޅަށް 26 މިލިއަން މީހުން ދިރިއުޅޭ އޮސްޓްރޭލިޔާ ހޯދާފައިވާ ކުރިއެރުމެކެވެ. އޮސްޓްރޭލިޔާއަކީ ބިމުގެ ގޮތުން ދުނިޔޭގައި 6ވަނައަށް އެންމެ ބޮޑު ޤައުމެވެ.

ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އޮސްޓްރޭލިޔާގެ ސަރުކާރުންވަނީ ކޮންމެހެން ކުރިއަށްގެންދަންޖެހޭ ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތައް ބަންދުކޮށް، ޢާންމުތަންތަނުގައި 2 މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް ނޫޅެވޭގޮތަށް ކަނޑައަޅާ، އެންގުންތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށް، ޖަލަށްލާނެކަމުގެ އިންޒާރުދީފައެވެ. ނަތީޖާއެއްގެ ގޮތުން އޮސްޓްރޭލިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ނިސްބަތްވަނީ 25 އިންސައްތަ ދަށަށްގޮސްފައެވެ.

ނަމަވެސް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު މޮރިސަން އަދިވެސް ހުންނެވީ ދޫދެއްވާކަށް ނޫނެވެ. މޮރިސަން ވިދާޅުވީ އޮސްޓްރޭލިޔާގެ ހުރިހާ ސަރަޙައްދެއްގައި ކޯވިޑް-19އަށް ތަހުލީލުކުރެވޭ މިންވަރާއި އިންތިޒާމުތައް އިތުރުކުރަން ޖެހޭކަމަށެވެ. އަދި އެންމެ ފުރަތަމަ ލުއިދޭނީ އުފެންދުންތެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.