ފުޓުބޯޅަ

ޕެނަލްޓީ ޖަހާކަން އެނގުނީ މެޗު ނިމުމުން - މާޔަން


މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހާނެކަން އެނގުނީ މެޗު ނިމުމުންކަމަށް ޤައުމީ
އަންހެން ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗު މަރިޔަމް މުޙައްމަދު ( މާޔަން ) ބުނެފިއެވެ.
އިންޑިން އޯޝަން އައިލެންޑް ގޭމްސްގައި މިރޭ މަޔޯއްޓޭއާއި ވާދަކޮށް ޕެނަލްޓީ
ޖަހައިގެން ބަލިވި މެޗަށްފަހު މާޔަން ބުނީ ޕެނަލްޓީ ޖަހާނެކަން ކުރިން އެނގިފައި
ނެތްކަމަށެވެ.



"ޕެނަލްޓީ ޖަހާކަން ކުރިންނެއް ނޭންގޭ، އެހެންކަމުން އެކަމަށް އެއްވެސް
ވަރަކަށް ނުވިސްނަން. އަދި ފިނިވުމުގެ ސަބަބުން ކުޅުންތެރިން ކޮންމެވެސް ވަރަކަށް
އަކުނިވަޔަށްވެސް ދެމި. ނަމަވެސް މެޗުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް،
ޚާއްޞަކޮށް ފަދުވާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ." މާޔަން ބުންޏެވެ.

މީގެ އިތުރުން މާޔަން ބުނީ ދިގު ދަތުރަކަށްފަހު ޓީމްގެ ފަރާތުން ފެނުނު ކުޅުން ރަނގަޅުކަމަށާއި، ފިނިވުމުގެ އިތުރުން ކުޅުންތެރިންނަށް ވަރުބަލިކަންވެސް އިހުޞާސް ކުރެވުނުކަމަށެވެ. 



މަޔޯއްޓޭގެ ކޯޗު ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ހައިރާން
ކުރުވަނިވި ކުޅުމެއްކަމަށާއި ޚާއްސަކޮށް ބައެއް ވަގުތުތަކުގައި އެކުޅުންތެރިން
ހިފެހެއްޓުމަށްވެސް އުނދަގޫވިކަމަށެވެ. 



" މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ. އަދި ދެވަނަ މެޗަށް ނިކުންނާނީ ވަރަށް ބޮަޑަށް ހިތްހަމަޖެހިގެން. އަދި ރާއްޖެ އަތުން މޮޅުވެވުމުން ކުޅުންތެރިންވެސް މިހާރު ތިބީ ވަރަށް ހިތްހަމަޖެހިފަ." މަޔޯއްޓޭގެ ކޯޗު ބުންޏެވެ.