ކޯވިޑް-19 ފެތުރޭތީ ވިލާތުގެ ދެޤައުމުކަމަށްވާ އިނގިރޭސިވިލާތާއި ޕޯޗުގަލްގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިނގިރޭސިވިލާތުގައި 103,093 މީހުންނަށް ކޯވިޑް-19ވަނީ ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 13,729 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިނގިރޭސިވިލާތުގައި 4,617 މީހުންނަށް ކޯވިޑް-19 ޖެހި، 861 މީހުންވަނީ މަރުވެފައެވެ.
ފުރަބަންދުގެ މުއްދަތު އިތުރު 3 ހަފުތާއަށް އިތުރުކުރަން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވާފައިވަނީ ޤައުމު ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެންހުންނެވި ޚާރިޖީ ވަޒީރު ޑޮމިނިކް ރާބެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ރާބު ވިދާލުވީ އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރެވެން ނެތްކަމަށާއި މާދުރަށް އާދެވި، ލޯބިވާ މާގިނަ މީހުން ގެއްލި، ބޮޑެތި ޤުރުބާނީތަކެއްވެވިފައިވާކަމަށެވެ. އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ފައިދާކުރާތަން ފެންނަމުންދާކަމަށާއި ފިޔަވަޅުތައް ދަމަހައްޓަން މުހިންމުކަމަށް ރާބު ވިދާޅުވިއެވެ. އަދި ފިޔަވަޅުތަކަށް ލުޔެއްދީފިނަމަ ޢާންމު ޞިއްޙަތަށާއި އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ 3 ހަފުތާގެ ފުރަބަންދެއް އިޢުލާންކޮށްފައިވަނީ މާރިޗު 23ގައެވެ. ޚިޔާލު ހޯދުމުގެ ސާރވޭތަކުން ދައްކާގޮތުގައި އިނގިރޭސިވިލާތުގެ 91 އިންސައްތަ މީހުން އެޤައުމު ފުރަބަންދުކުރަން ތާޢީދުކުރެއެވެ.
އިނގިރޭސިވިލާތުގެ ސަރުކާރު ހިންގުމާ ވަގުތީގޮތުން ރާބު ހަވާލުވެވަޑައިގެންނެވީ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށް ކޯވިޑް-19 ޖެހިވަޑައިގެންނެވުމުން މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމަށް ނުކުޅެދިނުމުންނެވެ. މަޤާމުގެ މަސްޢޫލިއްޔަތާ ޖޮންސަން ހަވާލުވެވަޑައިގަންނަވާނެ ދުވަހެއް އަދި ނޭންގެއެވެ.
ވިލާތުގެ އެހެން ޤައުމެއްކަމަށްވާ ޕޯޗުގަލްގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތުވެސްވަނީ އިތުރުކޮށްފައެވެ. އެގޮތުން، އިތުރު 15 ދުވަހަށް ޕޯޗުގަލްގެ ފުރަބަންދުގެ މުއްދަތު އިތުރުކުރުމަށް އެޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ. އެއީ ޕޯޗުގަލްގެ ފުރަބަންދުގެ މުއްދަތު އިތުރުކުރި 3ވަނަ ފަހަރެވެ. މެއި މަހުގެ 2ވަނަ ދުވަހާ ހަމައަށް ޕޯޗުގަލް އޮންނާނީ ފުރަބަންދުގައެވެ. އެޤައުމުގައި އެންމެ ފުރަތަމަ ފުރަބަންދު އިޢުލާންކޮށްފައިވަނީ މާރިޗު 18ވަނަ ދުވަހުއެވެ.
ޕޯޗުގަލްގައި 18,841 މީހުންނަށް ކޯވިޑް-19 ޖެހި، 629 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޯޗުގަލްގައި 750 މީހުންނަށް ކޯވިޑް-19 ޖެހި، 30 މީހުންވަނީ މަރުވެފައެވެ.
ފުރަބަންދުގެ މުއްދަތު އިތުރުކުރުމަށް ޕޯޗުގަލްގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ޤަރާރުގައި ބައެއް ޚިދުމަތްތައް ދިނުމަށާއި ބައެއް ކުންފުނިތަކުގެ މަސައްކަތްތައް ފެށުމަށް ހުއްދަދިނުމަށްވަނީ ނިންމާފައެވެ. ޕޯޗުގަލްގެ ބޮޑުވަޒީރު އެންތޯނިއޯ ކޮންތޭ ވިދާޅުވީ މިއީ ބަލިމަޑުކަން ފެތުރުން ހުއްޓުވާ، މަޑުޖެހިފައިވާ އިޤްތިޞާދު ކުރިއަރުވަންވީ ވަގުތުކަމަށެވެ. އަދި އެކަމަށް މަގުފަހިކުރުމުގެގޮތުން މާސްކާއި ހޭންޑް ޖެލް ރައްޔިތުންނަށް ފޯރުކޮށްދިނުން މުހިންމުކަމަށްވެސް ކޮންތޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން މަސައްކަތަށް ނެރުމަށް އެމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭކަމަށެވެ.
ފަތުރުވެރިކަމަށާއި މުދާ ބޭރުކުރުމަށް ބަރޯސާވެފައިވާ ޕޯޗުގަލްގެ އިޤްތިޞާދަށް ކޯވިޑް-19ގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާވަނީ ކުރަމަތިލާންޖެހިފައެވެ. އެޤައުމަށް ލިބޭ އާނމުދަނީވަނީ ގާތްގަނޑަކަށް 75 އިންސައްތަ ދަށަށްގޮސްފައެވެ. އަދި އެޤައުމުގެ 80 އިންސައްތަ ވިޔަފާރި ކުންފުނިތަކުގެ މަސައްކަތްވަނީ ހުއްޓިފައެވެ.