ޚަބަރު

ކޮވިޑް-19 : ރައީސުލްޖުމްހޫރިއްޔާ އދ.ގެ ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރައްވައިފި


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭޝްއާ ފޯނުންގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

މިވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ ކޯވިޑް-19އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި އދ.ގެ ސެކްރެޓަރީޖެނަރަލް ދައްކަވާ ލީޑަރޝިޕް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ޤައުމީފެންވަރުގައި އަޅުއްވާފައިވާ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ސެކްރެޓަރީ ޖެނަރަލާ ޙިއްސާކުރައްވާފައެވެ.

އަދި މިދަނޑިވަޅުގައި އެކުވެރި ދައުލަތްތަކުން ރާއްޖެއާއި، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުންވެސް ރައީސްވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މިދިޔަ މާޗްމަހުގެ 7ވަނަ ދުވަހު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނުމުގެ ކުރިން ދުރާލާ އަޅުއްވާފައިވާ ފިޔަވަޅުތައް ތަފްސީލްކޮށްދެއްވާފައެވެ.

ރާއްޖެއިން ކޯވިޑް19 ފެނުމާއި ގުޅިގެން މިދިޔަމަހުންފެށިގެން ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު ޢިއުލާންކޮށް، މިބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލުމާއި، ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުކުރުން މަނާކުރުމާއި އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، އަދި ރާއްޖޭން ބޭރުން ރާއްޖެއަށް އަންނަ ކޮންމެ ދިވެއްސަކު ދެހަފްތާގެ މުއްދަތުގެ ކަރަންޓީނު ފުރިހަމަކުރުން މަޖުބޫރުކުރުންފަދަ ސަރުކާރުން މި ބައްޔާ ދެކޮޅަށް އެޅުއްވި މުހިންމު ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

އަދި ވެރިރަށް މާލެއިން މިބައްޔަށް 3 މީހަކު ޕޮޒިޓިވްވުމާއިގުޅިގެން އިއްޔެއިން ފެށިގެން މިބައްޔާއި ގުޅިގެން މާލޭ ސަރަހައްދަށް އައިސްފައިވާ ބަދަލުތައް ހިއްސާކުރައްވަމުން ރައީސް ވަނީ މާލެ ސީޓި ލޮކްޑައުކުރެވި މިހާރު އަޅާފައިވާ ފިޔަވަޅުތައްވެސް ހިއްސާކުރައްވާފައެވެ.

ކޯވިޑް-19 ގެ ސަބަބުން މެދުފަންތީގެ އާމްދަނީގެ ޤައުމުތަކަށް ކުރިމަރިވެފައިވާ އިޤްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ފޯރުކޮށްދިނުމަށް ދާދިފައުން އދ. ން "ރެސްޕޮންސް ރިކަވަރީ ފަންޑް" އުފެދަވާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވަމުން ރައީސުލްޖުމްޙޫރިއްޔާވަނީ ރާއްޖެއަށް އދ. ގެ އެހީތެރިމަށް އެދިވަޑައިގެންފައެވެ.

ބައިނަލް އަޤްވާމީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބަރޯސާވެފައިވާ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކަށް ކޯވިޑް19 ގެ ނުރައްކަލުގެ ސަބަބުން ސިނާޢަތަށްކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އެމަނިކުފާނުވަނީ އަލިއަޅުއްވާލާފައެވެ. ހަމައެއާއެކު އިޤްތިސާދު ނާޒުކުފައްތަރެއްގައި އޮތް ޤައުމުތަކަށް ދަރަނި ދެއްކުމުގައި އދ. ގެ ސެކްރެޓަރީ ޖެނަރަލްގެ އިސްނެންގެވުމާއެކު ދެއްވާފައިވާ ލުއިތަކަށް ރައީސްވަނީ މަރުހަބާ ވިދާޅުވެފައެވެ.

ފޯނުކޯލް ނިންމަވާލައްވަމުން އެމަނިކުފާނުވަނީ ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެމަނިކުފާނަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، އދ. ގެ ސެކްރަޓަރީ ނެނަރަލްގެ އިސްނެންގެވުމާއެކު އެ ޖަމިއްޔާއިން ކޯވިޑް19 އާއި ގުޅިގެން ކުރައްވަމުންގެންދަވާ މަސައްކަތަކަށް ތައުރީފުކުރައްވާފައެވެ.