ޚަބަރު

ކޯވިޑް-19 ޖެހިފައިވާކަން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން މުހިންމުވަނީ ކީއްވެ؟


ކޮންޓެކްޓް ޓްރޭސިންނަކީ ގައިން ގަޔަށް އަރާ ބަލިތައް ޖެހުން މަދުކުރުމަށް ވަރަށް ކުރިއްސުރެ ބޭނުންކުރެވެމުންދާ އުކުޅެކެވެ. ކޮންޓެކްޓް ޓްރޭސިން ބޭނުންކުރަނީ ގައިން ގަޔަށް އަރާ ބަލިތައް ޖެހިފައިވާ މީހުން ދެނެގަނެ، އެމީހުންނާ ބައްދަލުވެފައިވާ މީހުން ހޯދާ، ބަލިޖެހިފައިނުވާކަން ޔަޤީންވަންދެން ގޭގައި މަޑުކުރުމަށް ނަޞޭހަތްތެރިވުމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ފެތުރޭ މިންވަރު މަދުކުރުމަށް ބޭނުންކުރެވޭ އެއް އުކުޅަކީ ޢާންމުން ގޭގައި މަޑުކުރަން އެންގުމެވެ. ނަމަވެސް އެންގުންތައް އުވާލުމުން މުޖުތަމަޢުއަށް މީހުން އަލުން ނުކުންނަން ފަށާނެއެވެ. އެހާހިސާބުން ވަރަށް ތަފްޞީލްކޮށް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ނުގެންދެވިއްޖެނަމަ ބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަނީ ކިހިނެތް؟

އެންމެ ފުރަތަމަ ބަލިޖެހިފައިވާކަން ޔަޤީންވެފައިހުރި މީހާއާ ފާއިތުވި މަދު ދުވަސްކޮޅެއްގައި ބައްދަލުވެފައިހުރި މީހުންނާއި އޭނާ ދިޔަ ތަންތަން އޮޅުންފިލުވައެވެ. ބަލިޖެހިފައިވާ ކޮންމެ މީހެއްގެ ހަށިގަނޑުގައި އެހެން މީހުންނަށް ބަލިޖެއްސުމުގެ ބާރު ވަކި މުއްދަތެއް ހަމަވަންދެން ހުރެއެވެ. ކޮންޓެކްޓް ޓްރޭސިންގެ މަރުޙަލާގައި ހޯދާނީ އެމުއްދަތުގެ ތެރޭގައި އެމީހާއާ ބައްދަލުވެފައިވާ ބަލިޖެހުމުގެ ފުރުޞަތު އޮތް މީހުންނެވެ.

މަޢުލޫމާތު އެއްކުރާ ފަރާތްތަކަށް ފާހަގަކުރެވުނު މީހުންގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއްހުރިތޯ ބަލައެވެ. އަދި އެފަދަ ޢަލާމާތްތައް ހުންނަ މީހުން ދެހަފުތާގެ މުއްދަތަށް އަމިއްލައަށް އެކަހެރިވާން އަންގައެވެ. އަދި އެމީހުންނާ ބައްދަލުވެފައިވާ މީހުންގެ ލިސްޓެއްވެސް ހޯދައެވެ. ބަލީގެ ޢަލާމާތެއް ނުފެނުނުނަމަވެސް އެކަހެރިވާން އަންގަފާނެއެވެ. އަދި އެމުއްދަތުގެ ތެރޭގައި އެއްވެސް މިންވަރަކަށް ޢަލާމާތެއް ފެނޭތޯ ބަލަމުންދާނެއެވެ.

ޢާންމު ޙާލަތަށް ރުޖޫޢަވުމުންވެސް ކޮންޓެކްޓް ޓްރޭސިން މުހިންމުވަނީ ކީއްވެ؟

ގޭގައި މަޑުކުރުމުގެ އަމުރެއް އޮއްވާ ބަލިޖެހިފައިވާ މީހުންނާ އެހެން ޢާންމުންނާ ބައްދަލުވުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ. ޔުނިވަސިޓީ އޮފް ކެލިފޮނިއާގައި މަސައްކަތްކުރައްވާ ޑރ. ޖޯޖް ރަތަފޮޑަކީ ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމުގައި އެމެރިކާގެ އިދާރާތަކާއެކު ބައިވެރިވާ ތަޖުރިބާކާރެކެވެ. އޭނާ ވިދާޅުވީ ސެން ފްރެންސިސްކޯ ބަންދުކުރުމުން ބަލިޖެހިފައިވާ ކޮންމެ މީހަކާވެސް ދިމާވެފައިވާނީ ފަސްވަރަކަށް މީހުންނާކަމަށެވެ. ނަމަވެސް މަދަރުސާތަކާއި އޮފީސްތައް އަލުން ހުޅުވާލުމުން ބަލިޖެހިފައިވާ ކޮންމެ މީހެއްގެ ފަރާތުން އިތުރު 1،000 މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އޮންނަކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ޙާލަތްތަކުގައި ބަލިފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ކޮންޓެކްޓް ޓްރޭސިންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮންޓެކްޓް ޓްރޭސިންގެ އެދެވޭ ނަތީޖާއަކާ ހަމައަށް ވާޞިލްވަނީ ކިހިނެތް؟

ޑރ. ރަތަފޮޑް ވިދާޅުވާގޮތުގައި އެމެރިކާފަދަ ބޮޑު ޤައުމެއް އަލުން ހުޅުވާލުމުން ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދިއުމަށް އެތައް ހާސް ބަޔަކު ބޭނުންވާނެއެވެ. މިހާރުވެސް ޚާއްޞަ ތަމްރީނު ލިބިފައިވާ ގިނަ ޢަދަދެއްގެ މީހުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގައި ޙަރަކާތްތެރިވިނަމަވެސް އެއީ އެމަސައްކަތް ކުރުމަށް ބޭނުންވާ މީހުންގެ ޖުމްލަ ޢަދަދުގެ ދިހަ ބައިކުޅަ އެއްބައިކަމަށް އޭނާ ވިދާޅުވިއެވެ. ބޭނުންވާ ޢަދަދު ހަމަކުރުމަށް އަލަށް ޔުނިވާސިޓީ ނިންމާ ދަރިވަރުންނާއި ދަރުމަވެރިން ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ވީއްލަންޖެހެއެވެ.

ހަވަޑް ޔުނިވަސިޓީގެ ބްރިގަމް އެންޑް ވިމަންސް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑރ. ރަނޫ ދިލޮން ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ސަބަބުން ފައިދާވާނީ ބައްޔަށް ތަހުލީލުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްގެންކަމަށެވެ. ވައިރަސް ފެތުރޭ މިންވަރު ދަށްކޮށް، ހަލުވިކަމާއެކު ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ކޮންޓެކްޓް ޓްރޭސިން ވަރުގަދަކޮށް، ތަހުލީލުކުރެވޭ މިންވަރު އިތުރުކުރުންކަމަށް އޭނާ ވިދާޅުވިއެވެ.