ޚަބަރު

ކޯވިޑް-19: މާލެއިން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގ އަދިވެސް ކުރިއަށް، އިންޑެކްސް ކޮންޓެކްޓް އަދި ނުފެނޭ


މާލޭތެރެއިން ކޯވިޑް ނަވާރައަށް ޕޮޒިޓިވްވި 3 މީހުން މިހާތަނަށް ފެނިއްޖެއެވެ. މިކަމާއި ގުޅިގެން އެތައް ބައެއްގެ ކޮންޓެކްޓް ޓްރޭސިންގ މިހާރުވަނީ ހަދާފައެވެ. ނަމަވެސް އަދިވެސް ބަލި ޖެހުނު ފުރަތަމަ މީހާ ނުވަތަ އިންޑެކްސް ކޮންޓެކްޓްގެ ގޮތުގައި ބެލޭނެ އެއްވެސް މީހަކު ފާހަގައެއް ނުކުރެވެއެވެ. އެހެންކަމުން މާލެއިން ފެނުނު ކޭސްތަކުން ޢާއްމުން ގިނަ ޢިބުރަތްތަކެއް މިހާރު ލިބިގަންނަން އެބަޖެހެއެވެ.

ކޯވިޑް-19 ޗައިނާގެ ވޫހާންއިން ފެނިގެން އެކަން ޤައުމުތަކުގެ ސަމާލުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ގެނައުމާއެކު އެންމެ ފުރަތަމަ މިކަމަށް ތައްޔާރުވާން ފެށި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އޭރުވެސް ތައްޔާރުވަމުން އައީ ބަލި ޢާއްމުކޮށް ފެތުރި އެންމެ ނުރައްކާ ޙާލަތަކަށް ދާ ހިސާބާ ހަމައަށެވެ. ފާޑުކިޔުން ކިތަންމެ ވަރަކަށް އަމާޒުވިޔަސް އޭރުވެސް ކަމާބެހޭ ފަރާތްތަކުން ވިދާޅުވަމުން އައީ މިކަން ކޮންޓްރޯލް ކުރުމުގެ އެންމެ ބޮޑު އިޚްތިޔާރެއް އޮތީ ޢާއްމުންގެ އަތްމަތީގައިކަމަށެވެ. އެއީ އިޖުތިމާޢީ ގައިދުރުކަމެވެ. މިކަމަށް ފަރުވާ ބެހެއްޓި މަދުބަޔަކު ތިބިނަމަވެސް މިކަމަށް އިޖާބަ ނުދިން މީހުންގެ ސަބަބުން މިވަނީ އެތައް ބަޔަކު ނުރައްކަަލަށް ހުށައެޅިފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިވީ ދުވަސްތަކުގެތެރޭގައި މިހާތަނަށް 23 މީހަކު ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 2 މީހުންވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ. އަދި އިއްޔެއާ ހަމައަށް ރާއްޖޭގައި ޕޮޒިޓިވްވި ހުރިހާ ކޭސްތަކެއް ފެނިފައި ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިއްބައެވެ. އެހެންނަމަވެސް މުޅި ޤައުމު ސިއްސުވާލި ޚަބަރަކަށް ވެގެންދިޔައީ މާލެ ތެރެއިން މީހަކު ބައްޔަށް ޕޮޒިޓިވްވި ހިސާބުންނެވެ. މިއާއެކު ޢާއްމުންގެ ތެރޭގައި ބަލި އުޅޭކަމަށް މިވަނީ ބެލެވިފައެވެ.

މާލެ ފުރަ ބަންދުކޮށް ބައްޔަށް ޕޮޒިޓިވް ވީ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. މާލެއިން ކޯވިޑް ނަވާރައަށް ޕޮޒިޓިވްވި ކޭސްއަކީ ކޭސް21އެވެ. މިހަތަނަށް އޭނައާއި ޑައިރެކްޓް ކޮންޓެކްޓްވި ދުއިސައްތައަށްވުރެ ގިނަ މީހުން ވަނީ އެކަހެރިކުރެވިފައެވެ. އަދި ކޭސް 21އާއި ކޮންޓެކްޓި މީހުންގެ ތެރެއިން މިހާތަނަށް އިތުރު 2 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ ކޭސް 22 އާއި ކޭސް 23އެވެ. މީގެތެރެއިން ކޭސް 22 އަކީ ކޭސް 21ގެ ތުއްތު ދަރިފުޅުކަމަށް މަޢުލޫމާތުލިބެއެވެ. ކޭސް 23 ގެ ކޮންޓެކްޓްސް ތެރޭގައި ހިމެނޭ 35 މީހަކު ވަނީ މިހާތަނަށް އެކަހެރިކޮށްފައެވެ.

މިހުރިހާކަމެއް ގޮސް ގުޅެނީ އެންމެ ކަމަކާއެވެ. އެންމެ ފުރަތަމަވެސް ކަމާބެހޭ ފަރާތްތަކުން ދެއްވި އިރުޝާދުތަކާއި ޚިލާފުވުމުގެ ނަތީޖާއެވެ. ކަމާ ގުޅޭ އެންމެހާ ފަރާތްތަކުން ރެއާ ދުވާލުއެއްކޮށް މަސައްކަތްކުރީ ރާއްޖެ ވައިރަހުން ސަލާމަތްކުރުމަށެވެ. ފެތުރިގެންދިޔުން ކޮންޓްރޯލުން ނެއްޓި ފަރުވާ ދޭންޖެހޭ މީހުން އިތުރުވުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ކުޅަދާނަކަމެއް ނޫންކަން ކަމާބެހޭ ފަރާތްތަކުން އައީ ފާހަގަކުރައްވަމުންނެވެ. އަދި އެޙާލަތުގައި ފަރުވާދޭންޖެހޭ ބަލި މީހާ ގުރުއަތުލައިގެން ނަގަންޖެހޭ ދުވަސް ޑޮކްޓަރުންނާއި ނަރުހުންނަށް ނުދެއްކުމަށް އެފަރާތްތަކުން އައީ އާދޭސްކުރަމުންނެވެ. އަޑުއެހި މީހުންގެ ނިސްބަތަށްވުރެ މިކަމުގެ އެއްވެސް ޚިޔާލެއް ފިކުރެއްނެތި ޕާޓީތަކާއި އެއްވުންތަކާއި މަސް ދަތުރުތަކާއި ބުރުޖެހުމުގެ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ.

ސިއްޙީ ނިޒާމު އެކަތިކަނޑަކަށް ވެގެން މިހާރު ކުރަމުންދަނީ މާލެ ތެރެއިން ބަލި ފެނުނު މީހާއަށް ބަލި އައީ ކިހިނެތްތޯ ދެނަގަތުމުގެ މަސައްކަތެވެ. އެގޮތުން މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި 2ކަމަކަށް އިސްކަން ދޭއިރު މިއީ އެންމެ މުހިއްމުކޮށް ކުރަމުން އަންނަ އެއް މަސައްކަތެވެ. އިންޑެކްސް ކޮންޓެކްޓް ނުވަތަ ބަލި ފެތުރުމުގެ ޕްރައިމަރީ ސޯސް ހޯދުމުގައި އެއްވެސް ވަރެއްގެ ކާމިޔާބީއެއް މިހާތަނަށް ހޯދިފައިނުވާކަމަށް އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ފާހަގަކުރެއްވީ ނުހަނު ހިތްދަތިކަމާއެކުގައެވެ. މިއީ އެފަރާތްތަކުން ދެކެން ބޭނުންވި ދުވަހެއް ނޫނެވެ. އެހެންނަމަވެސް މިއީ ބައެއް ދިވެހިންގެ ބޯހަރުކަމާއި ބަސްނޭހުމުގެ ނަތީޖާއެވެ.

ސިއްޚީ ޚިދުމަތްތެރީން މިކަމުން މިކުޑަކުޑަ ޤައުމު ސަލާމަތްކުރެވޭތޯ ރެޔާދުވާ އެއްކުރަނީއެވެ. މިކުޑަ ކުޑަ ވަޠަނުގެ ހިމާޔަތުގައި ތިމާ އެންމެ ލޯބިވާ މީހުންގެ ރައްކަލަކަށްނަމަވެސް ގޭގައި މަޑުކޮށްދެއްވާށެވެ. މާލެއިން ފެނުނު ކޭސްތަކާއި ކޮންޓެކްޓް ޓްރޭސިންގ އިން އިބުރަތް ލިބިގަންނަމާތޯއެވެ. ކޯވިޑް ނަވާރަ ތިމާއަށް ޖެހިއްޖެ ނަމަ އެންމެ ފުރަތަމަ ހަމަލާ ދެނީ ތިމާ އެންމެ ލޯބިވާ އެންމެ ގާތުގައި ތިބޭ މީހުންނަށެވެ. މުޅި ޢާއިލާއާއި ޤައުމު ނުރައްކަލަށް ވައްޓާނުލައްވާށެވެ. ގޭގައި މަޑުކޮށްދެއްވާށެވެ.