ޚަބަރު

މިއަދު ކުނިނެގުމުގެ ޚިދުމަތް އަލުން ފަށަނީ، ކުނިނަގާނީ ގްރައުންޑް ފްލޯއިން


ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު މާލެއިން ފެނުމާއި ގުޅިގެން މެދުކަނޑާލި ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތް މިއަދު ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ރޭ ޕީއެސްއެމުން ގެނެސްދިން ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް އަޙުމަދު ޝާފިޢު ވިދާޅުވީ، މާލޭގެ ހާލަތަށް އައިސްފައިވާ ބަދަލާގުޅިގެން ވެމްކޯގެ ޚިދުމަތްތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން ކުއްލިއަކަށް ކުނި ނެގުމުގެ ޚިދުމަތް މެދުކަނޑާލާފައި އޮތްނަމަވެސް މިއަދުގެ މެންދުރު ފަހުން ފެށިގެން އެ ޚިދުމަތް ފަށާނެކަމަށާއި، ނަމަވެސް ޢާއްމުން ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ހުރިކަމަށެވެ.

އެގޮތުން މީގެފަހުން ގޭބީސީތަކުން ކުނި ނަގަމުންގެންދާނީ ކޮންމެ ޢިމާރާތެއްގެ ގްރައުންޑް ފްލޯއިންކަމަށާއި، މަތީ ފްލޯތަކުގައި ދިރިއުޅޭފަރާތްތަކުންވެސް ކުނި ކޮތަޅުތައް އެންމެ ތިރިއަށް ބާލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުނި ކޮތަޅު ބަންދުކުރުމުގައި ސަމާލުވުމަށް ވެމްކޯއިންވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ކޮންމެ ކުނިކޮތަޅެއްވެސް ދެކޮތަޅަށް އަޅާ ބަންދުކުރުމުން މެނުވީ ވެމްކޯގެ ފަރާތުން ކުނި ކޮތަޅު ނުގެންދާނެކަމަށްވެސް ޝާފިޢު ވިދާޅުވިއެވެ.

ޝާފިޢު ވިދާޅުވީ މިއަދުން ފެށިގެން ކުނި ނަގަން އަންނަ ގަޑިތަކުގައި މާލޭގެ ކޮންމެ ސަރަޙައްދެއްގައިވެސް ކުނި ނަގަން އައިކަން އަޑުގަދަކުރާއިން އިޢުލާންކުރާނެކަމަށެވެ. އަދި ކުނި ނަގަން ސަރަަޙައްދުތަކަށް ދާނެ ގަޑިތައް މިއަދު އިޢުލާންކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާފިޢު ވިދާޅުވީ ކަރަންޓީން ނުވަތަ އައިސޮލޭޝަންގެ ހާލަތުގައި ހުންނަ ގޭގެއިންވެސް ކުނިނެގުމަށް ޚާއްޞަ ބަޔަކު ހަރަކާތްތެރިވާނެކަމަށެވެ. އަދި މާލޭގެ ހާލަތު އެންމެ ގޯސްކޮށްދާ ވަގުތުގައިވެސް ވެމްކޯގެ ޚިދުމަތް މެދުނުކެނޑި ދެވޭނެގޮތަށް ވެމްކޯ ތައްޔާރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި، ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތުގައި ރަނގަޅަށް ބަންދުކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާލަތަށް ރިޢާޔަތްކޮށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު ކޯޕަރޭޝަނުގެ މެދުކެނޑިފައިވާ ޚިދުމަތްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާކުރަމުންދާނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.