ފުޓުބޯޅަ

މަޔޯއްޓޭ މެޗު ފަސޭހައެއް ނުވާނެ - ޤައުމީ ކޯޗު


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް މިއަދު
މަޔޯއްޓޭއާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު ފަސޭހަ ނުވާނެކަމަށް ޤައުމީ ކޯޗު
ބަލްގޭރިޔާގެ ވެލިޒަރ ޕޮޕޯވް ބުނެފިއެވެ. ފުރަތަމަ މެޗަށް އިޝާރާތްކޮށް ކޯޗު ބުނީ
މަޔޯއްޓޭއަކީ ފްރާންސްގެ ކުޅުންތެރިންތަކެއްގެ މައްޗަށް ބިނާވެފައިވާ
ޓީމެއްކަމަށެވެ. މަޔޯއްޓޭ ޓީމް ބިނާވަނީ ފްރާންސްގެ އެކި ޞަރަހައްދުތަކުން
ހޮވާލެވިފައިވާ ކުޅުންތެރިންތަކެއްގެ މައްޗަށެވެ.



ނަމަވެސް ޤައުމީ ކޯޗު ބުނީ މެޗު ނަގާނީ ވަރަށް ސީރިއަސްކޮށް ކަމަށާއި މޮޅަކަށް
އުއްމީދުކުރާކަމަށެވެ. ދިވެހި ޤައުމީ ޓީމް ގޭމްސްއަށް އައީ ތަފާތު ސަބަބުތަކާހުރެ
މުޙިންމު ފަސް ކުޅުންތެރިއަކު ނުލައެވެ. މިހާރު ކުޅޭ ކްލަބުން ރިލީޒް ނުލިބުމުގެ
ސަބަބުން ކެޕްޓަން އަޝްފާޤާއި، މިޑްފީލްޑަރ މުޙަންމަދު އާރިފް ޓީމާއެކު
ނާދެވެއެވެ. އަނިޔާގެ ސަބަބުން ކީޕަރ އިމްރާން މުޙައްމަދާއި، ހުސައިން ނިޔާޒް
މުޙައްމަދާއި، ފޯވާޑް އަސަދުﷲ އަބުދުﷲއަށްވެސް ޓީމާއިއެކު ނާދެވުނެވެ.
މިކުޅުންތެރިންނަކީ ޤައުމީ ޓީމްގެ ފުރަތަމަ އެގަރައިގައި ހިމެނޭ ފަސް
ކުޅުންތެރިންނެވެ.



ކޯޗު ބުނީ މިއީ ޒުވާން ކުޅުންތެރިން އެކުޅުންތެރިންގެ ފެންވަރު ދައްކާލަން
ލިބޭނެ ރަނގަޅު ފުރުޞަތެއްކަމަށެވެ. ކޯޗު ބުނީ އެ ކުޅުންތެރިންނާ ނުލައި މިއީ
މުޅިން އާ ޓީމެއްކަމަށެވެ. ނަމަވެސް ޓީމްގައި ހިމެނޭ ޒުވާން ކުޅުންތެރިންނާމެދު
ހިތްހަމަ ޖެހޭކަމަށް ކޯޗު ބުންޏެވެ. މިއީ އެކުޅުންތެރިން ވިދާލަން ލިބޭ
ފުރުޞަތެއްކަމަށްވެސް ކޯޗު ބުންޏެވެ.



" ޓީސީގެ ނާއިޒް، މާޒިޔާގެ އަހުމަދު އިމާޒް އަދި ނިއުގެ ހަމްޒާ ފަދަ
ކުޅުންތެރިންގެ ކުޅުމާމެދު ވަރަށް ހިތްްހަމަޖޭ. ގައިމުވެސް މިހާރު ޒުވާންކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބޭނެ. މިމުބާރާތުގައި އެންމެ މުހިންމުކަމެއް ދޭނީ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން، ކުރިއަށް އޮތް ތަނަށް ޤައުމީ ޓީމް ބިނާކުރަން" ކޯޗު ބުންޏެވެ.



ރާއްޖޭގެ ފިރިހެން ފުޓްބޯޅަ ޓީމް މަޔޯއްޓޭއާއި ދެކޮޅަށް ކުޅޭ މެޗު ފަށާނީ
ރާއްޖެ ގަޑިން މިރޭ ނުވައެއް ޖަހާއިރުއެވެ. އަންހެން ޓީމް ފުރަތަމަ
މެޗުގައި މަޔޯއްޓޭއާއި ދެކޮޅަށް މިއަދު ނިކުންނާނީ ރާއްޖެ ގަޑިން ހައެއް ޖަހާއިރުއެވެ.