މިއަދު ރީޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި
ޗެލްންޖްތަކާއެކުވެސް އުއްމީދަށް ބަދަލެއް ނާންނަކަމަށް އެތްލީޓުން ބުނެފިއެވެ.
ކެއުމާއި އެކޮމަޑޭޝަން އެންމެ ރަނގަޅު ނޫންނަމަވެސް އެތްލީޓުން ބުނީ
ރީޔޫނިއަންއަށް އައި މަޤްޞަދު ހަނދާން ނުނެތޭކަމަށާއި، އަޒްމަށްވެސް ބަދަލު
ނާންނަކަމަށެވެ. 
 
ޢާންމުކޮށް ދިވެހި އެތްލީޓުން ވާދަކުރާ މުބާރާތްތަކާއި ގޭމްސްތަކަށްވުރެ
އެކޮމަޑޭަޝަންއާއި ކެއުން ފަދަ ކަންކަން ރަނގަޅު ނޫންނަމަވެސް އެތްލީޓުން ބުނީ
މެޑަލް ނޫން އެއްޗަކަށް އުއްމީދު ނުކުރާކަމަށެވެ.
 
" ކެއުންވެސް އެހާ ރަނގަޅެއްނޫން. އެކަމަކު މިއަށްވުރެ ދަތި
ހާލުގައިވެސް އުޅުނިން. ޗެލެންޖާއެކުވެސް ކާމިޔާބު އުއްމީދަކީ " އެންމެ
ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް މެޑަލް ހޯދީ ޓީޓީ
ކުޅުންތެރިޔާ މުއީނާ މުޙައްމަދު ބުންޏެވެ. މުއީނާގެ މިފަހަރުގެ ޓާގެޓަކީ ރަން މެޑައްޔެވެ.
 
" މިއީ އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ދެވަނަ މުބާރާތް. އެހެންނަމަވެސް އަޅުގަނޑުމެންވެސް ޓާގެޓަކީ އެޓްލިސްޓް ދެވަނަ ރައުންޑަށް ދިއުން. " ހޭންޑް ބޯލް ޓީމްގެ ކުޅުންތެރިޔާ ޝިޒުނާ ރަޝީދު ބުންޏެވެ.
 
" އަޅުގަނޑުމެންގެ ޓާގެޓަކީ މުޅި ކޮންޓިންޖެންޓުން ހޯދާ މެޑަލްގެ ތިންބައިކޮޅަ އެއްބައި ޙިއްޞާކުރުން. " އެތްލީޓުން ހުސެއިން ހަލީމް ބުންޏެވެ.
 
" ހަމަ ވަރަށް އުއްމީދު ކުރަން. ހަމަ ސީދާ ގޯލްޑަކަށް މިދަނީ. އިރާދަކުރެއްވިޔާ ގޯލްޑެއް ހިފައިގެން އެނބުރި މާލެދާނީ. " ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު އަފްނާން ރަޝީދު ބުންޏެވެ.
 
" ހަމަ ނާނު ބުނިހެން ހުރިހާ ކުދިންވެސް ގޯލްޑަކަށް ޓާގެޓްކޮށްގެން މިދަނީ. " ބެޑްމިންޓަން ކުޅުންތެރިޔާ ޝަހުރުނާޒް މޫސާ ބުންޏެވެ.
 
ޤައުމީ ވޮލީ ޓީމްގެވެސް އުއްމީދުތައް ހުރީ ސީދާ މެޑެއްޔަށެވެ.
 
" މެޗަކަށްވުރެ މެޗެއް ރަނގަޅުކޮށް، ސިލްވަރ މެޑެލް ހޯދުން އުއްމީދަކީ. މެޑައްޔަކަށް އުއްމީދުކުރަނީ. " އަންހެން ވޮލީ ޓީމްގެ ކުޅުންތެރިޔާ ޝައުފާ ބުންޏެވެ.
 
" އާދެ އަޅުގަނޑުމެން މިދަނީ އެއްކޮޅުން ފައިނަލް ކުޅެން އިރާދަކުރެއްވިއްޔާ، އެއުއްމީދުގައި. " ފިރިހެން ވޮލީ ޓީމްގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ސާޖިދު ބުންޏެވެ.
 
" އަޅުގަނޑުމެންވެސް މިދަނީ ވަރަށްބޮޑަށް ތައްޔާރުވެގެން. ކުރިންވެސް އައިއޯއައިޖީގައި ކުޅެފައި އޮތީމައި، ކުރިއަށްވުރެ ބޮޑު ކާމިޔާބަކަށް އުއްމީދުކުރަނީ. " ބާސްކެޓް ޓީމްގެ މުހަންމަދު ޒިލާލް ބުންޏެވެ.
 
ގޭމްސްއަށް ފުރުމުގެ ކުރިންވެސް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ތަކުރާރުކޮށް
ބުނެފައިވަނީ އެހެން ބޮޑަތި ގޭމްސްތަކާއި އެއް ހަމައެއްގައި މިގޭމްސްގެ ކަންކަން
ހަމަޖެހި ފުރިހަމަވެފައި ނުހުންނާނެކަމަށެވެ. ނަމަވެސް ކަންކަން ގޯސް ނުވާނެކަމަށެވެ.
އުނދަގޫތަކާއެކުވެސް އޮލިމްޕިކް ކޮމިޓީން ދަނީ އެތްލީޓުންގެ ކަންކަން
ހަމަޖައްސައިދެއްވަމުންނެވެ.
 
އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެޑްވާންސް ޓީމްގެ ގޮތުގައި ރީޔޫނިއަންއަށް
އައި އޮފިޝަލް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެނީ އެތްލީޓުންގެ ކަންކަން
ފުރިހަމަކޮށްދިނުމަށްކަމަށެވެ. ނަމަވެސް މިވަރުގެ ބޮޑު ކޮންޓިންޖެންޓެއް އަންނަ
އިރު ކަންކަން އެންމެ ބޭނުންވާ ގޮތަށް ނުގޮސްދާނެކަމަށެވެ. 
 
" އެތްލީޓުންގެ ކަންކަން ފުރިހަމަކުރަން ވަރަށްބޮޑު އިސްކަމެއް ދެން.
ނަމަވެސް ދުއިސައްތަ ހަތްދިހައެއްހާ މީހުން އަންނަ އިރު ހަމަ އަންނަ ގޮތަށް
އެއަޕޯރޓުން ނިކުމެގެންވެސް ނުދެވިދާނެ. ކުޅިވަރުގައި ޗެލެންޖްތައްވެސް ހުންނާނެ.
ކެއުންފަދަ ކަންކަން ހަމަޖެހޭއިރު އެޤައުމެއްގެ ކަންކަން ހުންނަ ގޮތެއްގެ ތެރެއިން
ބައެއްކަހަލަ ކަންކަން ހަމަޖެހިގެންދާނީ. ދިވެހިން އެންމެ ބޭނުންވާ ކެއުންފަދަ
އެއްޗިހި ނުލިބިދާނެ. " އެޑްވާންސް ޓީމާއެކު އައި އޮލިމްޕިކް ކޮމިޓީގެ
އޮފިޝަލަކު ވިދާޅުވިއެވެ.
 
ގޭމްސްގައި ވާދަކުރާ އެތްލީޓުން ތިބެނީ ވިލެޖްގައި ހުރި އެކޮމަޑޭޝަން
ބްލޮކްގައެވެ. ނަމަވެސް ޓީމްތަކުގެ މެނޭޖަރުން ތިބެނީ ވިލެޖުން ބޭރު
ހޮޓަލެއްގައެވެ. ގޭމްސް ރަސްމީކޮށް ފަށާނީ މާދަމާއެވެ.