ޚަބަރު

މަހިބަދޫގެ އަލިފާނުގެ ހާދިސާއަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް - ފުލުހުން


އދ.މަހިބަދޫ ފަޅުގައި ހުރި އުޅަނދުތަކެއްގައި ހިނގި އަލުފާނުގެ ހާދިސާއަކީ ބަޔަކު ދުރާލައި ރާވައިގެން ހިންގާފައިވާ ޢަމަލެއް ކަމުގައި ކޮމަޝަނަ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސަލާމަތީ ބާރުތަކުން ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ޙަމީދު ވިދާޅުވީ މިހާދިސާ ހިނގުމާއި ގުޅިގެން އިތުރަށް ދިރާސާކުރުމަށް މިއަދު މާލެއިން މަހިބަދޫއަށް ޚާއްސަ ޓީމެއް ގޮސްފައިވާކަމަށެވެ. އަދި މިހާތަނަށް އެޓީމުން ކުރި ތަޙުޤީޤުން މިޙާދިސާއަކީ ބަޔަކު ގަސްތުގައި ދުރާލައި ރާވައިގެން ހިންގާފައިވާ އަމަލެއްކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މީގެކުރިންވެސް ހިނގާފައިވާ އަލިފާނުގެ ޙާދިސާތަކުގެތެރެއިން ބައެއް ޙާދިސާތަކަކީ ޤައުމީ ސަލާމަތީ ބާރުތަކުން ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތާދެކޮޅަށް ހިންގާފައިވާ ޢަމަލުތަކެއްކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގޭ ހަރަކާތްތަކާ ގުޅިގެންވެސް ފުލުހުންގެ އުޅަދުތަކުގައި އަލިފާންރޯކޮށް އަންދާލާފައިވާކަމަށެވެ.

މިމައްސަލާގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ މިޢަމަލުތަކަކީ ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގާ އޮޕަރޭޝަންތަކާ ދެކޮޅަށް ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްކަމަށެވެ. ނަމަވެސް މިކަންކަމަކީ ސަލާމަތީ ބާރުތަކުން ނުބަލައި ދޫކޮށްލާނެ ކަންތައްތަކެއް ނޫންކަމަށާ، މިފަދަ ޢަމަލުތައް ހިންގާ ފަރަތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޓެރަރިޒަމާ ދެކޮޅަން ހިންގާ ޙަރަކާތްތަކުގައި ފާއިތުވެދިޔަ އަހަރެއްހައި ދުވަހުގެތެރޭގައި މުހިންމު މަސައްކަތްތަކެއް ފުލުހުން ކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން ޖަލުތަކުގައި މިފަދަ ޢަމަލުތައް ހިންގުމަށްޓަކައި ގެންގުޅުނު ސިމްތައް ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ބްލޮކް ކޮށްފައިވާނެކަމަށާ، އެގޮތުން ފުރަމަތަފަހަރު 35 ސިމްކާޑު ބްލޮކްކޮށް، ދެވަނަފަހަރު 150 ސިމްކާޑު ބްލޮކްކޮށްފައިވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އދ.މަހިބަދޫގައި ރޭފަތިހު ބަޔަކު ރާވައިގެންހިންގި މިޙާދިސާގައި ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސާއި އަމިއްލަ ވިޔަފާރިވެރިވެރިއެއްގެ ދެލޯންޗާއި 2 ޑިންގީއެއްގައި ވަނީ ރޯވެފައެވެ. މިހުރިހާ އުޅަނދެއްވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.