ޚަބަރު

ޑަބްލިއުއެޗްއޯއަށް ދެމުންދިޔަ މާލީ އެހީތެރިކަން އެމެރިކާއިން ކަނޑާލައިފި


ދުނިޔޭގެ ޞިއްޙަތު ޖަަމްޢިއްޔާ، ޑަބްލިއުއެޗްއޯއަށް އެމެރިކާއިން ދެމުންދިޔަ މާލީ އެހީތެރިކަން ކަނޑާލައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ޑަބްލިއުއެޗްއޯ ފަރުވާކުޑަކޮށްފައިވާކަމަށާއި އެޤައުމުން އެޖަމްޢިއްޔާއަށް ދެމުންދިޔަ އެހީތެރިކަން ހުއްޓާލުމަށް ނިންމަވާފައިވާކަމަށެވެ.

ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ ޑަބްލިއުއެޗްއޯއިންވަނީ އެޖަމްޢިއްޔާގެ ޒިންމާ ޢަދާކުރުމަށް ނުކުޅެދިފައިކަމަށެވެ. އަދި ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެންފެށި ޗައިނާއިން ދިން ޞައްޙަނޫން މަޢުލޫމާތަށް ޑަބްލިއުއެޗްއޯއިން ހިތްވަރު ދީފައިވާކަމަށް އޭނާ ތުޙުމަތުކުރެއްވިއެވެ. އަދި އޭގެ ސަބަބުން މުޅި ދުނިޔެއަށް ހަލުވިކަމާއެކު ކޯވިޑް-19 ފެތުރުނުކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އެދެވޭ ބަދަލުތަކެއް ގެނައުމަށް ޑަބްލިއުއެޗްއޯއާއެކު މަސައްކަތް ކުރައްވާނެކަމަށާއި އެޖަމްޢިއްޔާއިން ހަދާފައިވާ ގޯސްތައް އިތުރަށް ތަހުޤީޤުކޮށް ނިމެންދެން މާލީ އެހީތެރިކަން ނުދޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ނިންމުން ގިނަ ބަޔަކުވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވިދާޅުވީ މިވަގުތަކީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއަކަށް ދޭ އެހީތެރިކަން ކަނޑާލަންވީ ވަގުތެއް ނޫންކަމަށެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ޤައުމަކުން ބަލިމަޑުކަމާ ދެކޮޅަށް އެކުގައި މަސައްކަތްކުރަންވީ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ބަޖެޓަށް ބޭނުންވާ ފައިސާގެ 15 އިންސައްތަ ހަމަޖައްސަނީ އެމެރިކާއިންނެވެ. އެޤައުމުން ދެމުންދިޔަ އެހީތެރިކަން މިހާރުން މިހާރަށް ކަނޑާލައިފިނަމަ ދުނިޔޭގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.