ޚަބަރު

ކޮންގޯއިން އަނެއްކާވެސް އެބޯލާ ފެނިއްޖެ


2018 ވަނަ އަހަރު ކޮންގޯގައި ފެތުރެން ފެށި އެބޯލާ ބަލި ފެތުރުން އެޤައުމުގައި ހުއްޓިފައިވާކަމަށް ހީކުރެވިފައިވަނިކޮށް އަލަށް ބަލިޖެހިފައިވާ ތިން މީހުން ފެނިއްޖެއެވެ. ބަލިޖެހިފައިވާ މީހުން ފެނިފައިވަނީ ކޮންގޯއިން ބަލިމަޑުކަން ފޮހެވިފައިވާކަން ރަސްމީކޮށް އިޢުލާނުކުރަން ތައްޔާރުވަމުން ދަނިކޮށެވެ.

އަލަށް އެބޯލާ ޖެހިފައިވާ މީހަކު ނުފެންނަތާ ހަތް ހަފްތާވެފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު އެބަލި ޖެހިފައިވާ މީހަކު އެޤައުމުގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ބެނީ ކިޔާ ސިޓީއަކުން ވަނީ ފެނިފައެވެ. އޭގެ ފަހުން އެބޯލާޖެހިފައިވާ އިތުރު މީހަކާ ކުޑަކުއްޖެއް ހަމަ އެސިޓީން ވަނީ ފެނިފައެވެ.

އަލަށް ބަލި ޖެހުނު ތިން މީހުންނަކީވެސް ބެނީގައި ހުންނަ ހޮރައިޒަން ހެލްތު ސެންޓަރު ނަމަކަށް ކިޔާ ޞިއްޙީ މަރުކަޒަކަށް ޒިޔާރަތްކޮށްފައިވާ ތިން މީހުންކަން ވަނީ ޔަޤީންކުރެވިފައެވެ. އެ ތިން މީހުންގެ ތެރެއިން އެންމެ ފުރަތަމަ އެބޯލާ ޖެހުނު 25 އަހަރުގެ ފިރިހެން މީހާއަށް އެބަލި ޖެހުނީ ކިހިނެތްކަން އަދި ހޯދިފައެއް ނުވެއެވެ.
އޭނާއަކީ މީގެ ކުރިން އެބޯލާ ޖެހިފައިވާ މީހެއް ނޫން ކަމަށާއި، އެބޯލާ ޖެހިފައިވާ މީހަކާ ބައްދަލުވެފަހުރި މީހެއް ނޫންކަމަށްވެސް ކޮންގޯގެ ސަރުކާރުން ބުނެއެވެ.

ދެން އެބޯލާގެ އަސަރު ފެނިފައިވަނީ 7 އަހަރުގެ ކުޑަ ކުއްޖެއްގެ ގައިންނެވެ. މިނ ބަލީގެ ޢަލާމާތްތައް އެކުއްޖާގެ ކިބައިން އެންމެ ފުރަތަމަ ފެނުނީ އޭޕްރިލް މަހުގެ 11 ވަނަ ދުވަހެވެ. އެހެންކަމުން އެކުއްޖާ ބަލިން ސަލާމަތްވެވޭނެކަމަށް ބެލެވޭކަމަށާ، އެހެން މީހުންނަށް ބަލިޖެއްސުމުގެ ބާރު ކުޑަވާނެކަމަށް ބެލެވޭކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. އަދި ބަލި ފެތުރުން އަވަސް ގޮތަކަށް ހުއްޓުވޭނެކަމަށް ބެލެވޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ބުނެއެވެ.

2018 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން ކޮންގޯގައި 2،200 އަށް ވުރެ ގިނަ މީހުންވަނީ އެބޯލާގެ ސަބަބުން މަރުވެފައެވެ. ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ކުރަމުންދިޔަ މަސައްކަތަށް އެޤައުމުގެ ސަރުކާރާމެދު ރައްޔިތުންނަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބުން ވަނީ ހުރަސްއެޅިފައެވެ. އަދި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ހިސާބުތަކަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތަށް ހަތިޔާރު އެޅި ބަޔަކު ދިޔައީ ހުރަސްއަޅަމުންނެވެ