ޚަބަރު

ސެންޑާސަށްފަހު، އޮބާމާގެ ތާޢީދުވެސް ބައިޑަނަށް


ކުރިއަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރެއްވުމަށް ޓިކެޓު ހޯއްދެވުމަށް މަސައްކަތްކުރައްވާ ޖޯ ބައިޑަނަށް ތާޢީދުކުރެއްވުމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ނިންމަވައިފިއެވެ. އޮބާމާގެ ނިންމެވުންވަނީ ވީޑިއޯ މެދުވެރިކޮށް އިޢުލާންކުރައްވާފައެވެ.

77 އަހަރުގެ ބައިޑަންވަނީ އޮބާމާގެ ވެރިކަމުގެ ދެދައުރުގައި ނައިބު ރައީސްކަން ކުރައްވާފައެވެ. އޭނާއަކީ އޮބާމާއާ ވަރަށް ގާތްގުޅުމެއް އަބަދުވެސް ބާއްވަވާ ބޭފުޅެކެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލިހުގެ މަތިގޭގެ މެންބަރުކަން 36 އަހަރު ކުރައްވާފައިވާ ބައިޑަނަށްވަނީ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ގާތްގަނޑަކަށް ކަށަވަރުވެފައެވެ. ޕާޓީގެ ޓިކެޓު ރަސްމީކޮށް ދިނުމަށް ބާއްވަން ހަމަޖެއްސި މަހާސިންތާވަނީ ކޯވިޑް-19ގެ ސަބަބުން ފަސްކޮށްފައެވެ.

އޮބާމާގެ ތާޢީދު ލިބިވަޑައިގަތުމުން ބައިޑަނަށް ޓިކެޓު ލިބިވަޑައިގަތުމަށް އޮތް ފުރުޞަތު ވަރަށް ބޮޑުވާނެކަމަށް ބެލެވެއެވެ. އަދި ޓިކެޓު ލިބިވަޑައިގަންނަވައިފިނަމަ ރިޔާސީ އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް އޭނާ ހޯއްދަވާނެކަމަށްވެސް ބެލެވެއެވެ. އޮބާމާގެ އިތުރުން، ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ހޯއްދަވެއްވުމަށް އެންމެ ގާތުން ވާއްދަކުރެއްވި ބާރނީ ސެންޑާސްވެސްވަނީ ބައިޑަނަށް ތާޢީދުކުރެއްވުމަށް ނިންމަވާފައެވެ.

އޮބާމާއާއި އޭނާގެ އަނބިކަނބަލުން މިޗެލަކީ ޑިމޮކްރެޓިކް ޕާޓީގެ ނުފޫޒުގަދަ ދެބޭފުޅުންނެވެ. އަދި އޮބާމާއާއި ބައިޑަންގެ ރިޔާސަތުވެފައިވަނީ އެމެރިކާގެ ރައްޔިތުންގެ މެދުގައި އެންމެ މަޤުބޫލު ވެރިކަމަށެވެ. މީގެ އިތުރުން މިޗެލަށްވަނީ އެމެރިކާގެ ރައްޔިތުންގެ ޚާއްޞަ ލޯތްބެއް ލިބިވަޑައިގެންފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އޮބާމާ ބޭނުންފުޅުވަނީ ނޮވެންބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ޑިމޮކްރެޓިކް ޕާޓީ އެއްބައިވަންތަކޮށް އިންތިޚާބު ކާމިޔާބުކުރުމަށް އެހީތެރިވެވަޑައިގަތުމަށެވެ. އޭނާވަނީ 2016ވަނަ އަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރެއްވި ހިލަރީ ކްލިންޓަނަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށްވެސް މަސައްކަތްކުރައްވާފައެވެ. ނަމަވެސް އެފަހަރު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕެވެ. މިފަހަރު އޮތީ ޓްރަންޕާއި ބައިޑަންގެ ކުރިމަތިލުމެކެވެ.