ޚަބަރު

ކޯވިޑް-19 ޖެހިފައިވާ މީހެއް ތައިވާނުން ނުފެންނަތާ 1 މަސްދުވަސް


ކޯވިޑް-19 ޖެހިފައިވާ މީހެއް ތައިވާނުން ނުފެންނަތާ އެއްމަސްދުވަސްވެފައިވާކަމަށް އެޤައުމުގެ ޞިއްހީ ވުޒާރާއިން ބުނެފިއެވެ.

ތައިވާނު ފާހަގަކުރެވިފައިވަނީ އެންމެ އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ބަލި ފެތުރުން ހުއްޓުވި ޤައުމުގެ ގޮތުގައެވެ. އެގޮތުން ތައިވާނުން އަޅާފައިވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްހީ ތަޖުރިބާކާރުންވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ.

ތައިވާނުންވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 31ވަނަ ދުވަހުން ފެށިގެން އެޤައުމަށް ޗައިނާގެ ވޫހާން ސިޓީން އަންނަ އެންމެން ސްކްރީންކުރަން ފަށައިފައެވެ. ކޯވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ވުހާނުންނެވެ.

ތައިވާނުގެ ޞިއްޙަތާބެހޭ ވަޒީރު ޗެން ޝިހް ވިދާޅުވީ އެޤައުމުން އެންމެ ފަހުން ކޯވިޑް-19 ޖެހިފައިވާ މީހެއް ފެނުނީ މިދިޔަ މަހުގެ 6ވަނަ ދުވަހުކަމަށެވެ. އަދި އުއްމީދުކުރައްވަނީ ބަލިމަޑުކަމުން އެޤައުމު އަރައިގަނެފައިވާކަމަށާއި ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތައިވާނުންވަނީ ކޯވިޑް-19 ޖެހިފައިވާ 393 މީހުން ފެނިފައެވެ. އޭގެ ތެރެއިން 338 މީހުންނަށް ބަލިޖެހިފައިވަނީ ޤައުމުން ބޭރުންނެވެ. އަދި ބަލި ޖެހުނުކަން އެނގިފައިވަނީ ތައިވާނަށް އެނބުރި އައުމުން ކޯވިޑް-19އަށް ތަހުލީލުކުރުމުންނެވެ. ބަލިމަޑުކަމުގައި އެޤައުމުން މަރުވީ 6 މީހުންނެވެ. އަދި 263 މީހުން އަދިވެސް އެޤައުމުގައި ފަރުވާ ހޯދަމުންދެއެވެ.