ވިޔަފާރި

ދިވެހި މިރުހުގެ އަގު އަނެއްކާވެސް ރަނަށް


މާލޭ ބާޒާރުގައި މިރުހުގެ އަގު އަނެއްކާވެސް ވަރަށްބޮޑަށް މައްޗަށް ހިނގައްޖެއެވެ. މާރުކޭޓުގެ ގޮޅިތަކުގައި ތަކެތި ވިއްކާ މީހުން ބުނީ ދިވެހި މިރުސް ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ މިރުހުގެ އަފު ވަރަށްބޮޑަށް އުފުލިފައިވާހަމަށެވެ. މިދިޔަ އަހަރުވެސް ރަމަޟާންމަހާ ދިމާކޮށް މާލޭ ބާޒާރުގައި މިރުހުގެ އަގު ވަރަށްބޮޑަށް އުފުލިގެން ދިޔައެވެ.

ފަހަކަށްއައިސް ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް މާލޭގެ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު އުފުލިގެން ދެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި އިންދާ ހައްދާ ބާވަތްތަކުގެ ތެރެއިން މިރުހަކީ ފާހަގަކޮށްލެވޭ ބާވަތެކެވެ. މިދުވަސްވަރު ރަށްރަށުން މާލެއަށް ގެންނަ މިރުސް ލިބުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. ކުރިން ބާޒާރުގައި 100 ގްރާމް މިރުސް ވިއްކަމުން އައީ 40ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. މިހާރު 100 ގްރާމް މިރުސް ލިބެންހުރީ 90ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އެހެން ކަމުން 1 ކިލޯ މިރުސް މިހާރު މާރުކޭޓުގައި ލިބެން ހުރީ 900 ރުފިޔާއާއި 1000 ރުފިޔާއާ ދެމެދު އަގުތަކެއްގައެވެ.

ގިތެޔޮ މިރުހުގެ އިތުރުން ދިވެހި ތޮޅި މިރުހުގެ އަގު މާރުކޭޓުގައި ހުރީ 100 ގްރާމް ތޮޅި މިރުސް 50 ރުފިޔާއަށެވެ. ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ މީހުން ބުނީ މިރުސް ލިބުމުގައި ދަތިތަކާ ކުރިމަތިވުމުގައި އެކި ސަބަބުތައް އެބަހުރިކަމަށެވެ.

އެގޮތުން ބައެއް ރަށްރަށުގައި ހޫނު ގަދަވުމުގެ ސަބަބުން ދަނޑުބިންތަށް ހަލާކުވެ، މިރުސް ދަނޑުތަކުން ލިބޭ މިރުސް މަދުވުމަކީ އެއް ސަބަބެވެ. މިއާއެކު ކުރިއަށް އޮތް ރަމަޞާންމަހު ތަޒާ ދިވެހި މިރުސް ލިބުމުގައި ދަތިވާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ނަމަވެސް އަވައްޓެރި ސްރީ ލަންކާއިން އެތެރެކުރާ މިރުސް ދަތިކަމެއްނެތި މިހާރުވެސް ލިބޭކަމަށާ ރޯދަމަހުވެސް އެއްވެސް ދައްޗެއްނެތި މި މިރުސް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިޔަފާރިކުރާ މީހުން މަޢުލޫމާތުދެއެވެ. ސްރީ ލަންކާ ގިތެޔޮ މިރުހުގެ އަގުހުރީ 100 ގްރާމް މިރުސް 25ރުފިޔާއާއި 50 ރުފިޔާއާ ދެމެދު އަގުތަކެއްގައެވެ.

ގިތެޔޮ މިރުހަކީ ދިވެހިން ކެއްކުމާއި ކެއުމުގައިވެސް ޢާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. ޚާއްސަކޮށް ކުޅިގަދަ މީރު ދިވެހި ގިތެޔޮ މިރުހަކީ ދިވެހިންގެ ކެއުމުގައި ޒަރޫރީ އެއްޗެއްގެގޮތުގައި ބެލެވެއެވެ.

މިއަހަރުގެ ރަމަޟާންމަހާ ދިމާކޮށް، މިރުސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައެވެ. އެގޮތުން ބޭރު ޤައުމުތަކުން މިރުސް ރާއްޖެ އެތެރެކޮށް ބާޒާރުގައި މިރުސް ލިބޭއަގު ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.