ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފަރަންސޭސިވިލާތުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު މެއި މަހުގެ 11ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
ފަރަންސޭސިވިލާތުގައި މިހާތަނަށް 136،000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 15،000އާ ގާތްކޮށްފައެވެ.
ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް މިދިޔަ މާރިޗު މަހުގެ 17ވަނަ ދުވަހުން ފެށިގެން ފަރަންސޭސިވިލާތުގައި ދިރިއުޅޭ 67 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ޙާލަތެއްގައި ނޫނީ ގެއިން ނުނިކުތުމަށް އަންގާފައެވެ. އޭރު އިޢުލާނުކޮށްފައިވާ ބަންދުގެ މުއްދަތު އޭޕްރިލް 14ވަނަ ދުވަހަށްވަނީ ހަމަވެފައެވެ.
ޓީވީ މެދުވެރިކޮށް ޤައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވިދާޅުވީ ބަލިމަޑުކަމާ ދެކޮޅަށް އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. ނަމަވެސް ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވަފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު މެއި މަހުގެ 11ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މެޚްރޮން ވިދާޅުވީ ވެރިރަށް ޕެރިހާއި އެޤައުމުގެ އިރުމަތީ ސަރަޙައްދުތަކުގެ ހަސްފަތާލުތަކަށް ކޯވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ބަލިމަޑުކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނަން ފަށާފައިވާކަމަށާ، ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭނެކަން ޤަބޫލުކުރައްވާކަމަށް މެޚްރަން ވިދާޅުވިއެވެ. އަދި މިހާރު ކުރިމަތިވެފައިވާ ޙާލަތުން ސަލާމަތްވެ، އާންމު ދިރިއުޅުމުގެ ޙާލަތަށް އަލުން ރުޖޫޢަވެވޭނެ ތާރީޚެއް ވިދާޅުވާން ދަތިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މެއި މަހުގެ 11ވަނަ ދުވަހަށްފަހު މަދަރުސާތަކާއި ވިޔަފާރިތައް އަލުން ހުޅުވަންފަށާނެކަމަށްވެސް މެޚްރަން ވިދާޅުވިއެވެ. ނަމަވެސް ރެސްޓޯރަންޓުތަކާއި ހޮޓާތަކާއި ސިނަމާތައް ހުޅުވުމުގެ ހުއްދަ ނުދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިލާތުގެ ޤައުމުތަކުން ފަރަންސޭސިވިލާތަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ މުއްދަތެއް ނެތްގޮތަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެޚްރޮން ދެއްވި ހިޠާބުގައި އޭނާވަނީ ފަރަންސޭސިވިލާތުގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުމުން އެޙާލަތަށް ރަނގަޅަށް ތައްޔާރުވެވިފައިނުވާކަމަށް އެއްބަސްވެވަޑައިގަންނަވާފައެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ ޙާލަތުގައި އިތުރަށް ސަމާލުކަން ދޭންވީ ދާއިރާތައް ފާހަގަކުރެވިފައިވާ ކަމަށާއި މާސްކުފަދަ ތަކެތި ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ފުރަބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން ޙައްލެއް ހޯދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ ޢަލާމާތްތައް ފެންނަ އެންމެން ތަޚުލީލުކުރުމުގެ އިންތިޒާމުވެސް އެހާތަނަށް ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ޤައުމުގެ ޙާލަތު ރަނގަޅުވާނެކަމަށާއި އުފާވެރި ދުވަސްތަކަކާ ޤައުމުގެ ރައްޔިތުން ބައްދަލުކުރާނެކަމަށް ވިދާޅުވެ މެޚްރޮންވަނީ ރައްޔިތުންނަށް ހިތްވަރުދެއްވާފައެވެ.
ސަރުކާރަށް ދިމާވެފައިވާ ދަތިތަކާއި ހެދިފައިވާ ގޯސްތަަކަށް ރައީސަކު އެއްބަސްވުމުން ގިނަ ބަޔަކުވަނީ މެޚްރޮނަށް ތަޢުރީފުކޮށްފައެވެ. އަދި ސަރުކާރުގެ ތެދުވެރިކަމާމެދު އޮތް އިތުބާރު އޭގެ ސަބަބުން އިތުރުވެފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ.