ވިޔަފާރި

ކުޅުދުއްފުށި "ހޮނިހިރު ބާޒާރު" އަލުން ފަށަނީ


ކުޅުދުއްފުށި "ހޮނިހިރު ބާޒާރު" އަލުން ފެށުމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ، ކޯވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ ފަރާތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ވަކި އުސޫލުތަކަކާއި އިންތިޒާމުތަކެއްގެ މަތިން އަލުން ފެށުމަށް މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ.

ހޮނިހިރު ބާޒާރު އަލުން ފަށާއިރު ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނިކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއެވެ. މިމަހުގެ 14 އިން 16 ވަނަ ދުވަހާއި ހަމައަށް މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ހެނދުނު 10:15 އިން މެންދުރު 12:00 އަށް ރަޖިސްޓްރީ ވެވޭނެއެވެ. މި ގަޑިތަކުގައި ރަޖިސްޓްރީވާން ދަތިވާ ފަރާތްތަކަށް ކުޅުދުއްފުށީ ކައުންސިލްގެ ހޮޓްލައިންއަށް މެސެޖް ނުވަތަ ވައިބަރ މެދުވެރިކޮށް މެސެޖް ކުރެއްވުމުންވެސް ބައިވެރިވެވޭނެއެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ އަތޮޅުގެ ގިނަ ރައްތަކެއްގެ ފަރާތްތަކުން ޒިޔާރަތްކުރާ ބާޒާރެކެވެ. ނަމަވެސް ކޯވިޑް19 ގެ ސަބަބުން މި ބާޒާރު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރަކީ ގިނަބަޔަކު ތަކެތި ވިއްކާ އަދި އެހާގިނަމީހުން ވިޔަފާރި ކުރުމަށްދާ ބާޒާރެކެވެ. މިތަނުގައި ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކައެވެ.