ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފުރަބަންދުކޮށްފައިވާ އިންޑިޔާއާއި ޕާކިސްތާނުގައި ބައެއް އިޤްތިޞާދީ ޙަރަކާތްތައް ހިންގަން ތައްޔާރުވާން ފަށައިފިއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ 9،240 މީހުންވަނީ ފެނިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 330އަށްވުރެ އިތުރުވެފައެވެ. އެޤައުމުގައި ފުރަބަންދު އިޢުލާނުކުރިނަމަވެސް އެޢަދަދުތައްދަނީ އެއްދުވަހުން އަނެއް ދުވަހަށް ހަލުވިކަމާއެކު އިތުރުވަމުންނެވެ.
މުޅި ޤައުމު ބަންދުކޮށްފައިއޮތުމުގެ ނޭދެވޭ އަސަރުތަކެއް އެޤައުމުގެ އިޤްތިޞާދަށްދަނީ ކުރަމުންނެވެ. އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލި، ގިނަ ޢާއިލާތަކެއްވަނީ ޙާލުގައި ޖެހިފައެވެ.
ވޯލްޑް ބޭންކުންވަނީ ކުރިއަށް އޮތް އަހަރުގެތެރޭގައި އިންޑިޔާގެ އިޤްތިޞާދަށް 1.5 އިންސައްތައާއި 2.8 އިންސައްތައިގެ މާލީ ހީނަރުކަމެއް އަންނާނެކަމަށް ލަފާކޮށްފައެވެ. އެއީ ފާއިތުވި 30 އަހަރުގެ ތެރޭގައިވެސް އިންޑިޔާގެ އިޤްތިޞާދު ދަށްނުދާ މިންވަރެކެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމަށް ބައެއް ދާއިރާތައް އަލުން ހުޅުވޭނެ ގޮތްތަކެއް ވިސްނުމަށް ވަޒީރުންގެ ކިބައިން އެދިލައްވާފައެވެ. އެގޮތުން އުފެއްދުންތެރިކަމުގެ ސިނާޢަތާއި ދިފާޢީ ސިނާޢަތާއި އަންނައުނު އުފެއްދުމުގެ ސިނާޢަތުގެ މަސައްކަތް އަލުން ފެށުމަށް ސަރުކާރުގެ އިސްވެރިންގެ މެދުގައިވަނީ މަޝްވަރާކުރެވިފައެވެ. އަލުން މަސައްކަތް ފަށަންވާނީ ތަންކޮޅެއް ލުއި ގޮތަކަށް ކަމަށާއި މަސައްކަތްކުރާ މުވައްޒަފުން މެދުގައި ގައިދުރުކަން ބަހައްޓަންވާނެކަމަށް އިންޑިޔާގެ ސަރުކާރުން އެކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.
ހަރްޔާނާ ސްޓޭޓުގެ ޗީފު މިނިސްޓަރު މަނޯހަރު ލާލް ޚައްތާރު ވިދާޅުވީ ޤައުމު ބަންދުކޮށްފައިއޮތްނަމަވެސް ކޮންމެވެސް ވަރަކަށް އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި ހަރްޔާނާ ސްޓޭޓުގައި ކޯވިޑް-19 ފެތުރިފައިވާ މިންވަރަށް ބަލާ ތިން ސަރަޙައްދަކަށް ބަހާލަން ވިސްނަވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަލިމަޑުކަމުގެ އަސަރު އެއްވެސް ވަރަކަށް ފެނިފައިނުވާ ސަރަޙައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތަށް މީހުން ނުކުތުމަށް ޙުއްދަދޭން ވިސްނަވާކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާގެ މައި ސަރުކާރުންވެސް އެފަދަ ނިންމުމެއް ނިންމުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިޔާއާ އިންވެގެން އޮންނަ އަވަށްޓެރި ޕާކިސްތާނުގެ ޙާލަތުވެސް ކޯވިޑް-19ގެ ސަބަބުންވަނީ ގޯސްވެފައެވެ. އެޤައުމުގައި 5،300އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިމަޑުކަމުގެ އަސަރުކޮށްފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 100އާ ގާތްކޮށްފައެވެ. އެޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އޭޕްރިލް 15ވަނަ ދުވަހަށް ހަމަވާނެއެވެ.
ޕާކިސްތާނުގެ ސަރުކާރުގެ ރަސްމީ މަސްދަރުތަކުން ބުނާގޮތުގައި އިތުރު 10 ނުވަތަ 14 ދުވަހަށް ފުރަބަންދުގެ މުއްދަތު އިތުރުކުރާނެކަމަށް ބެލެވެއެވެ. އަދި ވަޒީރުންގެ މަޖިލީހާ ބޮޑުވަޒީރު އިމްރާން ޚާން ކުރައްވާ މަޝްވަރާތަކުގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ ސަރަޙައްދުތައް އެއްކޮށް ބަންދުކުރުމާމެދުވެސް ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ. އޭގެ އިތުރުން އެޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް މަރުޙަލާތަކަކަށް ބަހާލައިގެން އަލުން ފެށުމާގުޅޭގޮތުންވެސް ގޮތެއް ނިންމާނެއެވެ.
ކޯވިޑް-19ގެ ސަބަބުން ޕާކިސްތާނަށް ކުރިމަތިވެފައިވަނީ ވަރަށް އުނދަގޫ ޙާލަތެއްކަމަށް ބޮޑުވަޒީރު އިމްރާން ޚާންވަނީ ވިދާޅުވެފައެވެ. ޓީވީ މެދުވަރިކޮށް އޭނާ ދެއްވި ޙިޠާބެއްގައި ވިދާޅުވީ މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުން މަރުވުމެވެ. ކޯވިޑް-19ގެ ސަބަބުން މީހުން މަރުވުމުން ސަލާމަތްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެހެން ބަޔަކުދަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންކަމަށް އޭނާ ވިދާޅުވިއެވެ.