މާލޭ ސަރަޙައްދުގައި ހަދާ ފުރަތަމަ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ޚިދުމަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ އެންޑީއޭއިން މި ސެންޓަރު ހަދަނީ ހުޅުމާލޭގައެވެ. ހުޅުމާލޭގައި ހަދާ ޑިޓޮކްސް ސެންޓަރަކީ ގާތްގަނޑަކަށް 100 މީހުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ސެންޓަރެކެވެ.
ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކުރުމަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ދައްޗަކީ އެފަދަ މީހުންގެ ހަށިގަނޑުން ޑްރަގްގެ ވިހަ ދުއްވާލުމަށްދޭ ޑިޓޮކްސް ފަރުވާ ނުދެވުމެވެ. މިފަރުވާދެނީ 21 ދުވަހުގެ މުއްދަތަށް ސެންޓަރުގައި ބައިތިންބައިގެން، ޑިޓޮކްސިފައި ޓްރީޓްމަންޓް ދީގެންނެވެ. ސަރުކާރުން މިހާރުވަނީ ރާއްޖޭގެ 3 ސަރަޙައްދުގައި ޑިޓޮކްސް ސެންޓަރުތައް ހުޅުވާ، އެތަންތަނުން ޚިދުމަތް ދޭންފަށާފައެވެ. މިހާރު ޑިޓޮކްސިފައި ކުރުމުގެ ފަރުވާދެނީ އައްޑޫ ސިޓީއާއި، ފުވައްމުލަކާއި، ހިއްމަފުށީގައި ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ވިދާޅުވެއެވެ. އަދި މިދިޔަ އަހަރު ހަނިމާދޫގައިވެސްވަނީ ޑިޓޮކްސް ސެންޓަރެއް ހުޅުވާފައެވެ.
ހުޅުމާލޭގައި ހަދާ ޑިޓޮކްސް ސެންޓަރުވެގެންދާނީ ރާއްޖޭގައި ހަދާ އެންމެ ބޮޑު ޑިޓޮކްސް ސެންޓަރަށެވެ. މިތަނުގައި ޑިޓޮކްސް ފަރުވާދޭނީ ނޭޝަނަލް ޑްރަގް އެޖެންސީ އެންޑީއޭގެ ސިއްޙީ ފަރުވާދޭ އެހީތެރިންނެވެ.
ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކުރުމަށް ދޭ ފަރުވާ މިވަގުތު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދެނީ ކ.ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައެވެ. އެންޑީއޭއިން ފާހަގަކުރާގޮތުގައި ރިހެބްގައި ތިބޭ މީހުންނަށް ފަރުވާދިނުމުގައިވެސް އެންމެ ބޮޑަށް ދަތިވަނީ ޑިޓޮކްސިފައި ކުރެވޭ ފަރުވާ އެކަށީގެންވާ ގޮތެއްގައި ނުދެވުމުގެ ސަބަބުންނެވެ. ހިންމަފުށީ ރިހެބް ސެންޓަރުގައި ބައިތިއްބައިގެން މިހާރުވެސް 250 މީހުންނަށްދަނީ ފަރުވާދެމުންނެވެ.
އެންޑީއޭއިން ފާހަގަކުރާގޮތުގައި މަސްތުވާތަކެތީގެ މައްސަލަތުގައި ގެންދާ މީހުން ބޭތިއްބުމަށް ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރެއް ނެތުމަކީވެސް ދިމާވެފައިވާ ދައްޗެކެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ޖެންޑަރ މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީން މިހާރުވެސްދަނީ މަޝްވަރާތައް ކުރަމުންނެވެެ. އެގޮތުން މިއަހަރު ވަނީ ހިންމަފުށީގައި ރިމާންޑް ސެންޓަރު ހެދުމަށް ދިރާސާތަކެއް ކުރިއަށް ގެންގޮސްފައެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށްދޭ ފަރުވާތަކަކީ އެމީހުން އަނބުރާ މުޖުތަމަޢަށް ނިކުންނައިރު، މިކަމުން މުޅިން ސަލާމަތްވެ އެފަދަ މީހުންނަކީ މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށް ދޭ ފަރުވާއެކެވެ. ރިހެބް ސެންޓަރުތަކުގައިދަނީ މިފަދަ މީހުންނަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ.