ވިޔަފާރި

ގޭގައި ތިބެގެން ވިޔަފާރިކޮށްލުމަށް އެސްޓީއޯގެ "eSTOre.mv"


ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އިޖުތިމާޢީ ގައިދުރުކަން އިސްކޮށް ވީހާވެސް އެކަހެރިވެ ގެއިން ބޭރަށް ނުނިކުމެ އުޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރައްވަމުންނެވެ. މި ހާލަތުގައި ފިހާރަތަކަށް ގޮސް ތޮއްޖެހި ދިގު ކިޔުތަކުގައި ތިބުމުގެ ބަދަލުގައި ގޭގައި ތިބެގެން އާންމު ދިރިއުޅުމަށް ބޭނުންވާނެ ތަކެތި ވިޔަފާރިކޮށްލެވުމަކީ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެއެވެ.

މި ފަސޭހަ ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން މި ވަނީ އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެސްޓީއޯއިން ތަޢާރަފްކޮށްފައިވާ ވެބްސައިޓް " އީސްޓޯރ.އެމްވީ" އަށް ޒިޔާރާތްކޮށްލުމުން އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ކާބޯތަކެއްޗާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި އޮންލައިންކޮށް ގަނެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ވެބްސައިޓު މަސައްކަތް ކުރާނީ އޮންލައިންކޮށް ވިޔަފާރިކުރާ އެހެން ވެބްސައިޓްތަކާއި ދާދި އެއްގޮތަކަށެވެ. އެގޮތުން މި ވެބްސައިޓުގެ ހޯމް ޕޭޖުގައި އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތީގެ ފޮޓޯތަކާއި އަގުތަކާއި މި ތަކެތި ގަނެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅާފައިވެއެވެ.

ހޯމް ޕޭޖުން ނުފެންނަ ބާވަތެއްނަމަ 'ސާޗް' ބަޓަންއިން ހޯދާލެވެން ވެސް ހުރެއެވެ. އަދި މިތަނުން އެމީހަކު ބޭނުންވާ އެއްޗަކަށް ފިތާލުމުން އެތަކެތި 'ކާޓް' ނުވަތަ ވަށިގަނޑަށް ލެވެއެވެ. ވަށިގަނޑަށް ލާ ހިސާބުން އެކަސްޓަމަރެއްގެ މަޢުލޫމާތު ފުރަން ޖެހޭނެއެވެ. މަޢުލޫމާތު ފުރުމަށްފަހު ބީއެމްއެލް އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ގަތް ތަކެއްޗަށް ފައިސާ ދައްކާލެވޭނެއެވެ.

ކަސްޓަމަރު ގަތް ތަކެތި 20 ރުފިޔާގެ ޗާޖަކާއެކު މާލެއާއި ހުޅުމާލެ، ހުޅުލެ އަދި ވިލިމާލެއަށް ޑެލިވަރކޮށްދެވޭނެއެވެ. އޮންލައިންކޮށް ވިޔަފާރި ކުރުމުގެ އިތުރުން އެސްޓީއޯގެ ފިހާރައަށް ޒިޔާރާތްކޮށްގެން ވެސް މިތަކެތި ބައްލަވައިގަނެވޭނެއެވެ. އެސްޓީއޯއިން ބުނީ ކޮންމެ ދުވަހަކު ވެސް ރޭގަނޑު 10 ޖެހުމުގެ ކުރިން ގަތް ތަކެތި ބަލާ އަންނަން ޖެހޭނެކަމަށެވެ.

އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތި ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.

ކުރިއަށްއޮތީ ރަމަޟާންމަސްކަމަށް ވުމާއެކު އެސްޓީއޯއިން ދަނީ ފިޔާ، އަލުވި، ބިސް އާންމުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދެމުންނެވެ. އެގޮތުން ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ބިހެއް 1.50 ލާރިއަށް އެސްޓީއޯއިން ދަނީ ވިއްކަމުންނެވެ.

އެސްޓީއޯއިން ބުނީ މިތަކެތި އެސްޓީއޯގެ 'އީސްޓޯރ.އެމްވީ' އިން ވެސް ގަންނަން ލިބޭނެކަމަށެވެ.