ޚަބަރު

ފެންފުށީގައި އަނބިމީހާއަށް ފިރިމީހާ އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި


އދ. ފެންފުށީގައި ދެމަފިރިން ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް ފިރިމީހާ އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެޕްރީލް 12 ވަނަ ދުވަހުގެރޭ 00:45 ހާއިރެވެ. މިމައްސަލަ އިތުރަށް ބެލިބެލުމުން ދެމަފިރިން ޒުވާބު ކުރުމުގެ ތެރޭގައި 30 އަހަރުގެ ފިރިމީހާ ވަނީ އަނބިމީހާގެ ނޭފަތުގައި ދަތް އަޅާފައިކަމަށް ފުލުހުން ބުނެއެވެ. އަދި ދަތް އަޅާފައިވާކަމުގެ ނިޝާންތައްވެސް ފެންނަން ހުރިކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި އަނބިމީހާއަށް އަނިޔާކުރި މީހާ ވަނީ ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި މިމައްސަލައިގައި މިއަދު އދ. މާމިގިލި ކޯޓުން އޭނާގެ ބަންދުގެ މުއްދަތަށް 5 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.