ޚަބަރު

ބޮރިސް ޖޮންސަން އެނބުރި ގެއަށް


ކޯވިޑް-19އަށް ފަރުވާ ހޯއްދަވަމުންދާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ހަސްފަތާލުން ދޫކޮށްލައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޖޮންސަންގެ ހާލު ރަނގަޅުވަމުންދާކަމަށާއި އޭނާއަށް ދެން ފަރުވާދެމުންދާނީ ގޭގައިކަމަށެވެ. ޖޮންސަންވަނީ 6 ދުވަސްވަންދެން ހަސްފަތާލުން ފަރުވާ ހޯއްދަވައިފައެވެ. އޭގެ ތެރެއިން 3 ދުވަހު އޭނާ އޮންނެވީ އައިސީޔޫގައި އެނދުމަތިކޮށްފައެވެ.

55 އަހަރުގެ ބޮރިސް ޖޮންސަން ލަންޑަނުގެ ސެންޓު ތޯމަސް ހޮސްޕިޓަލަށް ބަދަލުކުރީ 10 ދުވަސްވަންދެން ލަންޑަނުގައި ބޮޑުވަޒީރުގެ ރަސްމީ ގޭގައި ފަރުވާދިނުމަށްފަހުއެވެ. ހަސްފަތާލުން ދޫކޮށްލުމުން އޭނާގެ ފަރުވާ މިހާރު ކުރިއަށްދާނީ ޗެކާރސް ކޯޓުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ޚާއްޞަކޮށްފައިވާ ގޭގައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދަނޑިވަޅުގައި ޖޮންސަން މަޤާމުގެ މަސްޢޫލިއްޔަތާ ހަވާލުވެވަޑައިނުގަންނަވާނެކަމަށާއި އޭނާއަށް ފަރުވާދިނުމުގައި ޙަރަކާތްތެރިވި ޞިއްޙީ އެހީތެރިންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާކަމަށެވެ.

ބޮރިސް ޖޮންސަނަކީ ކޯވިޑް-19 ޖެހުނު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރެވެ. މީގެ ކުރިން ބައެއް އެހެން ޤައުމުތަކުގެ ސިޔާސީވެރިންނާއި ކުޅިވަރު ޝަހުސިއްޔަތުންނާއި އެނޫވެސް ބައެއް މަޝްހޫރު މީހުންނަށް އެބަލި ޖެހިފައިވެއެވެ.